އައްޑޫ ފޭދޫގެ މަގެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
'ފެނަކައަށް ވުރެ "ހުސޭނާގެ އިންޖީނުގެ" ވެސް މާ ރަނގަޅު'
އެއީ މީގެ 40 ވަރަކަށް އަހަރު ކުރި އެވެ. އިރުއޮއްސި 6 ޖެހުމާ އެކު ގެތަކުން ހޮޅިބުރިއަކާއި ނިދާބޮތްކެއް ދިއްލޭނެ އެވެ. މާ އަލިގަދަ ނޫނަސް، ކައިބޮއި، ރޭގަނޑު ކޮންމެހެން ކުރަން ޖެހޭ ކަމެއް ކޮށް، އެއްޗަކަށް މުޑިނާރައި އުޅެވޭވަރު ވާނެ އެވެ. ކަރަންޓުން އިތުރަށް ބޭނުން ކުރެވޭނީ އިސްތިރިއެކެވެ. ފަންކާއެއް ނުހުރެ އެވެ. އޭސީއަކީ ކޮން އެއްޗެއް ކަމެއް ވެސް ނޭނގެ އެވެ. ހޫނު ފިލުވަނީ އަތު ފަންކާއިން ވައިއަރުވައިގެން ނޫނީ އުނދޯލި ހެއްލައިގެންނެވެ. މިކަހަލަ ގޮތަކަށް ގޮސް ރޭގަނޑު 10 ނުވަތަ 11 ޖަހާއިރު ކަރަންޓު ކަނޑާލާނެ އެވެ. ދެން ކުރާ ކަމެއް ކުރަން ޖެހޭނީ އުއްބަތި އާއި ފާނޫޒު އަލީގަ އެވެ.
އެއީ އަމިއްލަ މީސްމީހުން ޖަނަރޭޓަރު ބަހައްޓައިގެން އައްޑޫގެ އެކި ރަށްރަށުގައި ކަރަންޓު ދެމުންދިޔަ ޒަމާނެވެ. މިސާލަކަށް ހިތަދޫގައި ހިންގި އިންޖީނުގެތަކުގެ ތެރެއިން 'ހުސޭނާގެ އިންޖީނުގެ' ނުވަތަ 'މެޓްރާނާ އިންޖީނުގެ' އާއި 'ޕްލާޒާ އިންޖީނުގެ' އެވެ. ފޭދުގައި ނަމަ ރަށުގެ އެއްކޮޅުން 'ބީޗުވިލާ އިންޖީނުގެ' އެވެ. އަދި އަނެއްކޮޅުގައި 'މުހައްމަދުބިޔާގަ އިންޖީނުގެ' އެވެ. އެ ސާދާ ދިރިއުޅުން ތަޖުރިބާކުރި މީހުން ބުނާ ގޮތުގައި ހިދުމަތަށް ނަގަނީ މަހަކު 10ރ، 20ރ. އެކަހަލަ ގޮތަކަށެވެ.
އޭރު މީހުން އިންތިޒާރު ކުރަމުންދިޔައީ އެއަށް ވުރެ އުޖާލާ ދުވަހަކަށެވެ. ދުވާލާ އެއްވަރަށް ރޭގަނޑު ވެސް އަލިކޮށްލުމަށެވެ. މީހުން ބުނާ ގޮތުގައި 80ގެ އަހަރުތަކުގައި ސަރުކާރުން އައްޑޫގެ ކަރަންޓު ހިދުމަތާ ހަވާލުވާން ކަރަންޓު ކޭބަލް ހިފައިގެން ގަން ފާލަން ހުރަސްކޮށް ފޭދުއަށް އައުމުން އެތަކެތި ވަޅުލާން ރައްޔިތުން އަމިއްލައަށް ކޯރު ކަނޑައިދިނީ އެހެންވެ އެވެ. މުސާރައެއް، އުޖޫރައެއް ނުނަގައި ހިލޭ ސާބަހަށެވެ.
މިއަދަށް އެނބުރި ޖެހިލާއިރު އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ދިރިއުޅޭ މީހުން އެ ދަނީ އެ ޒަމާނުގެ ކޮންމެވެސް މިންވަރެއް ތަޖުރިބާ ކުރަމުންނެވެ. މަޖުބޫރުވެގެންނެވެ. ކުރި އާއި މިހާރާ ހުރި އެއް ތަފާތަކީ އޭރާ ހިލާފަށް 'ކަރަންޓު ކާ' އެއްޗެހި މާ ގިނަވުމެވެ. އަނެއް ތަފާތަކީ މީހުންގެ އުންމީދާއި ހީކުރާ ގޮތެވެ. އޭރު އިރުއޮއްސި 6 އިން ރޭގަނޑު 10އާ ދެމެދު ފިޔަވައި އިތުރު ވަގުތެއްގައި ކަރަންޓު ލިބޭނެ ކަމަކަށް އުންމީދެއް ނުކުރެ އެވެ. އެކަމަކު މިހާރު އުންމީދު ކުރަނީ 24 ގަޑިއިރުގެ ކަރަންޓަށެވެ. ހީކުރަނީ ކަރަންޓު ނުކެނޑޭނެ ކަމަށެވެ. އެތަނުން އުންމީދެއް ވެސް، ހީކުރުމެއް ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި މިއަދު ހަގީގަތަކަށް ނުވެ އެވެ.
އައްޑުއަށް މިހާރު ކަރަންޓު ހިދުމަތަކީ އާފާތެކެވެ. ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޭން ބޭނުންކުރާ ޖަނަރޭޓަރުތަކުގެ ތެރެއިން ހަތަރު ޖަނަރޭޓަރު އޮތީ 'ހޭނެތިފަ' އެވެ. ބާކީ ހުރި ޖަނަރޭޓަރުތައް އެ ހިންގަނީ 'ވެންޓިލޭޓަރަށް' ލައިގެންނެވެ. އެ ތަކެއްޗަށް ލޯޑު ބޮޑުވާވަރުން ފެނަކައިން ކަރަންޓު ވެސް ދެނީ ޝިފްޓުތަކަށް ބަހާލައިގެން މުވައްޒަފުން ޑިއުޓީއަށް ނެރޭ އުސޫލުންނެވެ. ފަހަރަކު ސަބްސްޓޭޝަނަކުން ގަޑިއެއްހާ އިރަށް ކަރަންޓު ކަނޑަނީ އެވެ. ބައެއް ދުވަސްދުވަހު ދުވާލަކު ދެ ފަހަރު ނުވަތަ ދެ ސަބްސްޓޭޝަން އެއްފަހަރާ އެވެ.
'މިވަރަކުން ދެން ނުވާނެ'
މިހާރު ކަރަންޓު މި ކެނޑެނީ ހާދަ ވަރަކަށޭ ބުނެ މެސެޖެއް ކޮށްލާއިރަށް އައްޑޫ ކައުންސިލް މެމްބަރު އިބްރާހިމް ޝިނާޒު ގުޅުއްވައިފި އެވެ. ފޯނު ނެގުމާ އެކު ވިދާޅުވީ "މިވަރުން ދެން ނުވާނެ" ކަމަށެވެ. މާޔޫސްވެ ކަންބޮޑުވެފަ އެވެ. ނުވާނީ ކިހާ ވަރަކުން ކަން ވެސް ވިދާޅުވި އެވެ:
-
އައްޑޫގައި ކަރަންޓު ބޭނުންކުރާ މިންވަރު ހުންނަނީ 11 މެގަވޮޓުން މަތީގައި
-
އިންޖީނުގެއިން އުފެއްދެނީ 11-12 މެގަވޮޓު؛ އެއީ 16 ވަރަކަށް ޖެންސެޓު ބޭނުންކޮށްގެން
-
މައްސަލަ ދިމާވީ އޭގެ ތެރެއިން ހަތަރު ޖެންސެޓު ހަލާކުވެ، މަރާމާތު ނުކުރެވިގެން
-
ޖެންސެޓުތަކެއް ހަލާކުވުމުން ޕަވަހައުސްއަށް އޮބިނޯވެގެން ބޮޑުވާ ލޯޑު ކުޑަކުރަން ސަބްސްޓޭޝަންތަކުން ދަނީ ކަރަންޓު ކަނޑަމުން
ފޯނުގައި ހުރިއިރު ވެސް ކައުންސިލްގައި ޝިނާޒު ތަމްސީލުކުރައްވާ ހިތަދޫ ކޮރޮވައު ސަރަހައްދުން އޮތީ ކަރަންޓު ކެނޑިފަ އެވެ. ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވަންދެން އައްޑޫ ގުޅިފައިވާ ރަށްތަކުން އިރުއިރުކޮޅާ ކަރަންޓު ކަނޑަމުން އެ ދަނީ، އޭނާ ވިދާޅުވި ގޮތުގައި، ހަތަރު ޖެނެރޭޓަރު މަރާމާތު ނުކުރެވިގެންނެވެ.
މި ހާލަތަށް ހައްލެއް ނުލިބި ދިގުލައިގެންދާ ނަމަ ކުރިއަށް އޮތީ އަދި މާ އުނދަގޫ ދުވަސްތަކެކެވެ. ރޯދަމަސް ފެށެން ދެން އޮތީ ދޮޅުމަސް ދުވަހެވެ. ރޯދަމަހަކީ ކެތްތެރިވާން ޖެހޭ މައްސަރެކެވެ. ކަރަންޓާ ނުލައި އަދި ވަކިން ބޮޑަށް ކެތްތެރިކަން ގަދަކުރަން ޖެހެ އެވެ.
"މި ދާ ގޮތަށް ދާ ނަމަ ރޯދައިގައި އައްޑޫ ރައްޔިތުން ތިބޭނީ ވަރަށް ހާލުގައި،" ޝިނާޒު ވިދާޅުވި އެވެ.
"ކަރަންޓު ބޭނުންކުރާ މިންވަރު މި އުޅެނީ 11އިން މަތީގައި. ކޮންމެ އަހަރެއްގެ ރޯދަމަހު 2-3 މެގަވޮޓު އެބަ އިތުރުވޭ. އެހެންވީމަ އެ ވަރު ނުލިބި މެނޭޖެއް ނުކުރެވޭނެ."
މި އަހަރު ރޯދަމަސް ކައިރިވެ، ކަރަންޓު މައްސަލައަށް އަދި ހައްލެއް ނުލިބި އޮތްއިރު، މިދިޔަ އަހަރު ބޮޑު އީދާ ބައްދަލުކުރީ ވެސް އެކަހަލަ ގޮތަކަށެވެ. އީދަށް ގޭގޭގައި ކުލަބޮކި ހަރުކުރަމުންދިޔައިރު ފެނަކައިން މަގުބައްތި ދިއްލައިނުދީގެން މަގުތައް ކަނު އަނދިރީގައި އޮންނަތާ ދެ މަހެއްހާ ދުވަސް ވި އެވެ.
'ފެނަކައަށް ވުރެ ހުސޭނާގެ އިންޖީނުގެ ވެސް މާ ރަނގަޅު'
ސްޕެއާ ބޭނުންވާކަން ފެނަކައަށް ވެސް މާ ކުރިން އެނގެ އެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ބޭނުންވާ ސްޕެއާ ލިބެ އެވެ. އޭގެ ކުރިން ޕީޕީއެމްގެ ސަރުކާރު އޮތްއިރު ވެސް ސްޕެއާ ލިބުނެވެ. މި ސަރުކާރަށް މިވީ 14 ވަރަކަށް މަސް ތެރޭގައި ސްޕެއާ ނުލިބުމަކީ އަޖައިބެކެވެ. ހެޑް އޮފީހަށް ގުޅައި ޝަކުވާ ކުރުމުން ސްޕެއާ ލިބޭނެ ކަމަށް ބުނާ 'ދެން އަންނަ ހަފުތާއެއް' އަދި ނާދެ އެވެ.
ފެނަކައިގެ އިހުމާލުން ކަނު އަނދިރިގަނޑަކަށް އައްޑޫ ވައްޓާލާފައި އޮތްއިރު ޝިނާޒު ވިދާޅުވާ ގޮތުގައި ފެނަކައަށް ލިބޭ އާމްދަނީން ބޮޑު ބައެއް ވަންނަނީ ވެސް އައްޑޫންނެވެ. އެއީ ގާތްގަނޑަކަށް %60 އޭ ވިދާޅުވީ ވަރަށް ކެރިގެންނެވެ. އެ ފައިސާއިން ސިޔާސީ މުވައްޒަފުން ނުނަގައި ކޮށްދޭންވީ ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކަނޑައަޅާފައި އޮންނަ ހިދުމަތްތައް ބަރާބަރަށް ފޯރުކޮށްދިނުމެވެ.
ނޫސްތަކުން ރިޕޯޓުކޮށްގެން ކަމެއް ރަނގަޅު ކުރާ ނަމަ އައްޑޫގެ ކަރަންޓާއި ފެނާއި ނަރުދަމާ މައްސަލަ މިހާރު އޮންނާނީ ރަނގަޅުވެފަ އެވެ. އެ ވަރަށް އެ މައްސަލަތަކުގެ ވާހަކަ ރިޕޯޓުކުރެވިއްޖެ އެވެ. މަޖިލީހަށް ކުއްލި މައްސަލަ ވެސް ހުށަހަޅައިފި އެވެ. ކައުންސިލަރުންނާއި ފެނަކައިގެ ވެރިންނާ ދެމެދު މާލެ އާއި އައްޑޫގައި އެކި ފަހަރު މަތިން ބައްދަލުކޮށްފި އެވެ.
އައްޑޫ ފެން، ނަރުދަމާ އަދި ކަރަންޓުގެ މައްސަލަތަކާ ގުޅޭ ބައެއް ލިޔުންތައް
"ފެނަކައަށް މިކަން ނުވާނެ"ކަން ފާހަގަކޮށް ޝިނާޒު ވިދާޅުވީ އެ ކުންފުންޏަށް ވުރެ "ހުސޭނާގެ އިންޖީނުގެ ވެސް މާ ރަނގަޅު" ކަމަށެވެ.
އައްޑޫ މޭޔަރު އަލީ ނިޒާރު ވެސް ވިދާޅުވީ އައްޑޫގެ ކަރަންޓު މައްސަލަ ފެނަކައަށް ހައްލު ނުކުރެވޭނެ ކަމަށެވެ.
"އެއީ ސަލާމަތް ކުރަން ނޭނގި، ބަނގުރޫޓު ކުރެވިފައިވާ ކުންފުންޏެއް. މިކަން ހައްލުކޮށްދެވޭނީ ސީދާ ރައީސް މުހައްމަދު މުއިއްޒުއަށް،" ރައީސްގެ ރަސްމީ އެކައުންޓު ޓެގު ކުރައްވައި ނިޒާރު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
"އައްޑޫ ރައްޔިތުންނަށް ކަރަންޓާއި ފެނާއި ނަރުދަމާ މިއީ މުސީބާތަކަށް ހަދައި، ކަހާތަން ހިރުވާނުލައި ތިބުމަކީ ވެވަޑައިގެންނެވި ވައުދު ހަނދާން ނެތޭނެ ކަމެއް ނޫން."
އައްޑޫގެ ކަރަންޓުގެ މައްސަލަ ފެނަކަ ކުންފުންޏަށް ހައްލު ނުކުރެވޭނެ. އެއީ ސަލާމަތް ކުރަން ނޭގި ބަގުރޫޓު ކުރެވިފައިވާ ކުންފުންޏެއް. މިކަން ހައްލު ކޮށްދެވޭނީ ސީދާ ރައީސް @MMuizzu އަށް. އައްޑޫ ރައްޔިތުންނަށް ކަރަންޓާއި ، ފެނާއި ، ނަރުދަމާ މިއީ މުސީބަތަކަށް ހަދައި ކަހާތަން ހިރުވައި…
— Ali Nizar (@DhekunuNizar) January 13, 2025
ކަރަންޓު ކެނޑޭވަރުން އާންމުން ވެސް 'ބްރޭކަރު' ވެއްޓިފައި
ޝަކުވާ އާއި ކަންބޮޑުވުން އޮތީ ކައުންސިލް މެމްބަރުންގެ އެކަންޏެއް ނޫނެވެ. ކަރަންޓު ކެނޑޭ ވަރުން އާންމުންގެ އަގުބޮޑު މުދަލަށް ގެއްލުން ލިބުން ފަދަ އެތައް ކަމަކާ ހުރެ އާންމުން ވެސް ތިބީ ރުޅިގަދަވެ 'ބްރޭކަރު' ވެއްޓިފަ އެވެ.
"ޑީސަލް އަންދައިގެން އެހާ އަގު ބޮޑު ފީކަޅާ ހިދުމަތެއް ދޭއިރު ވެސް ސޯލާ ޕެނަލްއެއް ޖަހާ މީހަކަށް ވެސް އެހާ ދުއްޕާނެއް ކުރޭ. ގެއަކަށް ހަމައަށް ވޯލްޓޭޖެއް ދެވެނީކީއެއް ނޫން،" ނިޒާރުގެ ޕޯސްޓަށް ކޮމެންޓުކުރެއްވި އައްޑޫ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ވިދާޅުވި އެވެ.
"އައްޑުއަކީ މާލެ ފިޔަވާ އެންމެ ބޮޑަށް ތަރައްގީ ޔަގީންކޮށްދޭނެ ކަމަށް ހުރިހާ ސަރުކާރުތަކުން ވެސް ޔަގީންކަން ދެއްވާ ސިޓީ. ނަމަވެސް ފެނިގެންދަނީ އެންމެ އަސާސީ ހިދުމަތްތައް ވެސް ބޭނުންވާ ވަރަށް ވުރެ ވެސް %40 ވަރު ދަށުން،" އިނަ މޯލްޑިވްސް އާއި އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި އެވެ.
ޑީސެލް އަންދައިގެން އެހާ އަގު ބޮޑު ފީކަޅާ ހިދުމަތެއް ދޭ އިރުވެސް ސޯލާ ޕެނަލް އެއް ޖަހާ މީހަކަށްވެސް އެހާ ދުއްޕާނެއް ކުރޭ. ގެއަކަށް ހަމަޔަށް ވޯލްޓޭޖެއް ދެވެނީކީއެއްނޫން.
— Mohamed Yasrif (@Yasriph) January 14, 2025
އައްޑޫ އަކީ މާލެ ފިޔަވާ އެންމެބޮޑަށް ތަރައްޤީ ޔަޤީން ކޮއްދޭނެ ކަމަށް ހުރިހާސަރުކާރު ތަކުން ވެސް ޔަޤީން ކަން ޛެއްވާ ސިޓީ ، ނަމަވެސް ފެނިގެން ދަނީ އެންމެ އަސާސީ ޚިދުމަތް ތައްވެސް ބޭނުން ވާވަރަށް ވުރެންވެސް 40% ވަރު ދަށުން . މިހެންނުހައްދަވާ ކުރިއެރުމެއް ލިބޭނީ ކަރަންޓު އަދިފެން…
— Mohamed Firaq (@mohamedfiraq) January 13, 2025
ނިޒާރުގެ ޕޯސްޓާ ގުޅިގެން އޭނާ އާއި ކައުންސިލަށް ވެސް ބައެއް މީހުން ވަނީ ފާޑުކިޔާފަ އެވެ. ބައެއް މީހުންގެ ސުވާލަކަށްވީ އެމްޑީޕީގެ ފަސް އަހަރުގައި ނިޒާރުމެން ކުރެއްވީ ކޮން ކަމެއްތޯ އެވެ. އެހެން މީހަކު އެހީ އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން "ދެން ރައީސް މުއިއްޒު ގެންގޮސް އައްޑޫ އިންޖީނުގޭގައި ބަހައްޓަންވީ" ހެއްޔެވެ?
ފެނަކައާ މެދު އެއްވެސް އުންމީދެއް ނުކުރާ ބައެއް މީހުން ލަފާދިނީ އައްޑުއަށް ކަރަންޓު ހިދުމަތް ދޭން ކައުންސިލުން ހަވާލުވުމެވެ.
"ޒިންމާދާރު ކޯޕަރޭޓިވެއް އުފައްދައިގެން މުޅި ސިޓީގެ ކަރަންޓު ނިޒާމު ވިއުގަ އާއި އިންޖީނުތައް އަމިއްލައަށް ހިންގަން ފަށަންވީ. ފަށައިގަންނައިރު ދަތިކަމެއް ހުއްޓަސް ފަހުން މުޅި އައްޑޫ ރައްޔިތުންނަށް މަންފާ ލިބޭނެ،" އެކަކު ބުންޏެވެ.
'މުޅިން ހައްލުވަންދެން ކަރަންޓު ކެނޑޭނެ، އެއްބާރުލުން ދޭތީ ޝުކުރިއްޔާ'
ކަރަންޓު މައްސަލަ ބޮޑުވެ، ފެނަކައިން ހޯމަ ދުވަހުގެ ރޭ ނޫސްބަޔާނެއް ވަނީ ނެރެފަ އެވެ. މައްސަލައިގެ ހުލާސާއެއް ދިނުމަށް ފަހު ބުނީ ސްޕެއާ ޕާޓްސް އަދިވެސް ހޯދަނީ ކަމަށެވެ. ސްޕެއާ ލިބިގެން އެއް ޖެންސެޓުގެ މައްސަލަ އަންގާރަ ދުވަހު ހައްލުކުރެވޭނެ ކަމަށެވެ. އަދި ދެން ހުރި ޖެންސެޓުތައް ހައްލުކުރެވޭނީ ވެސް ސްޕެއާ ލިބިގެންނެވެ. ނަމަވެސް އެއީ ކިހާ ތާކު ކަމެއް ނުބުނެ އެވެ.
"މި މައްސަލަ ފުރިހަމައަށް ހައްލު ކުރެވެންދެން، ކަރަންޓު ލޯޑު ހިފެހެއްޓުމަށްޓަކައި ގުޅިފައިވާ ރަށްތަކުގެ އެކި ސަރަހައްދުތަކުން، އެކުލަވާލެވޭ ތާވަލާ އެއްގޮތަށް ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާކަން ވެސް މައުލޫމާތަށްޓަކައި ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.
މައާފަށް އެދި، މައްސަލަ ހައްލުކުރަން މެދުނުކެނޑި ޓީމުތަކުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވަމުން ފެނަކައިން ވަނީ ރައްޔިތުންގެ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.
'ފެނެއް ވެސް ނެތް، އެފުރިކާއަށް ވުރެ ހާލަތު ގޯސް'
އައްޑުއަށް ދިމާވެގެން އުޅެނީ ހަމައެކަނި ކަރަންޓު ކެނޑޭ މައްސަލައެއް ނޫނެވެ. ނިޒާރު 'ރާއްޖެ ޓީވީ'އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފެން ވެސް ނުލިބޭ ކަމަށެވެ.
"ހަމައެކަނި ކަރަންޓެއް ނޫން. ފެނެއް ނުލިބޭ. ކަރަންޓު ނުލިބޭތާ ފެން ލިބޭ ނަމަ ވެސް ރަނގަޅު. އައްޑޫގެ އެންމެ ބޮޑު އާބާދީއެއް އޮތީ ހިތަދޫގައި. މުޅި ރަށުން ނަޖިސް އެއޮށް އަރަނީ. ރެ އާއި ދުވާލު އެ ނަޖިސް، ވަޅުތަކުން ނަގަމުން ދުއްވާ ވެހިކަލްތައް އެބަ އުޅޭ،" ނިޒާރު ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނޭނގެ، އައްޑޫގައި މި ހާލަތުގައި އަޅުގަނޑަށް ހީވަނީ އެފްރިކާގެ ތަރައްގީނުވާ ތަންތާ ވެސް މި ހާލަތުގައި ނޫޅޭނެ. އެހާ ނިކަމެތި ހާލަތުގައި މި ތިބެނީ."
ކޮމެންޓް (2)
ހެޔޮނުވާނެ
ހިސްޓޯރިއަން