އައްޑޫ ސިޓީގެ ހިތަދޫ މަތިން (ފޮޓޯ/ އަލީ އިބްރާހިމް)

އައްޑުއަށް 3 ދުވަސް ފަހުން ފެން ލިބިއްޖެ؛ ދާއިމީ ހައްލެއް ހޯދަން ފަށަނީ

މިފަދަ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކްރިޓިކަލް ހާލަތުގައި ހުރި ތަންތަން ދެނެގަތުމުގެ މަސައްކަތް މި ހަފްތާގައި ފަށާނެ ކަމަށް ފެނަކައިން ބުނޭ
10 ޑިސެމްބަރު 2023

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ސަޕްލައި ފެނުގެ ހިދުމަތަށް ދިމާވި މައްސަލަ ތިން ދުވަސް ފަހުން ހައްލުކޮށް، ރޭ ދަންވަރު ފެނުގެ ހިދުމަތް އަލުން ދޭން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އައްޑޫ ގުޅިފައިވާ ރަށްތަކަށް ސަޕްލައި ފެން ދިނުމަށް ބޭނުންކުރާ އާރުއޯ ޕްލާންޓަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ރަށްތަކުން ފެނުގެ ހިދުމަތް ކެނޑުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު އެވެ.

ބުނީ ކީކޭ؟ - ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު 'ދައުރު'އަށް ވިދާޅުވީ ރޭގެ ވަގުތެއްގައި އެ މައްސަލަ ހައްލުކޮށް ފެނުގެ ހިދުމަތް އަލުން ދޭން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

"ކްރިޓިކަލް ކޮންޑިޝަންގައި ހުރި ތަންތަން ބަލަމުން މި ދަނީ. އެކަމަށް ހާއްސަ ކޮމެޓީއެއް ނަގައިގެން އެ މަސައްކަތް ކުރާނީ،" މުއާޒު ވިދާޅުވި އެވެ.

"މި ހަފްތާ ތެރޭގައި މަސައްކަތް ފެށޭނެ. މިހާރު ވެސް ކުރިއަށް އެބަދޭ."

ތަފްސީލު - ފެނަކައިން ރޭ ނެރުނު ނޫސްބަޔާނެެއްގައި ބުނީ އައްޑޫގެ ފެނުގެ ހިދުމަތް ކެނޑެން ދިމާވި މައިގަނޑު ސަބަބަކީ އެ ކުންފުނިން ކުރަން ޖެހޭ ބައެއް މަސައްކަތްތައް އެންމެ އެދެވޭ ގޮތެއްގައި ތާވަލާއި އެއްގޮތަށް ނުކޮށް ހުރުމުން ކަމަށެވެ.

ފެނަކަ އިން ފާހަގަކުރީ:

  • ތާވަލު ކުރެވިގެން ކުރަން ޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުމަށް އިސްކަންދީފައި ނުވުން

  • ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ނިޒާމު އިންސްޕެކްޓް ކޮށް، ހައްލު ކުރަން ޖެހޭ ކަންކަން ހައްލުކުރުމަށް އަންގާފައިވާ ރިޕޯޓާ އެއްގޮތަށް އަމަލު ނުކުރުން

  • ޕްލާންޓަށް މައްސަލަ ދިމާވިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފެން ކެނޑިފައިވަނީ، އެކަށީގެންވާ ފެނުގެ ސްޓޯރޭޖެއް ގާއިމްކޮށްފައި ނެތުމުން

އެހެންކަމުން، ފެން ޕްލާންޓަށް މައްސަލައެއް ދިމާވާ ހާލަތުގައި ވެސް ފެނުގެ ހިދުމަތް މެދުނުކެނޑޭނެ ގޮތަށް، އައްޑޫގައި ފެނުގެ ސްޓޯރޭޖް އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ ވުޒާރާތަކާއި ގުޅިގެން ފަށާފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް