'ދައުރު' ނޫހުގެ އެޑިޓޯރިއަލް ސިޔާސަތު

'ދައުރު' ނޫހަކީ ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑަށް ފުރިހަމައަށް ތަބާވެ, ނޫސްވެރިކަމުގެ އެންމެ މަތީ ހަމަ ދެމެހެއްޓުމުގެ މަގުސަދުގައި އުފެއްދި ނޫހެކެވެ. މި ނޫހުގެ ނޫސްވެރިކަން ބިނާކުރާނެ މައިގަނޑު ސިޔާސަތުތައް ތިރީގައި އެވަނީ އެވެ.

  • 1-

    އިންސާފުވެރިކަން: އިންސާފުވެރިކަމަކީ ނޫހެއްގެ އެންމެ މައިގަނޑު ވިސްނުމެވެ. 'ދައުރު'ގެ އެޑިޓޯރިއަލް ސިޔާސަތުގެ ވެސް މައިގަނޑު ގަބޫލުކުރުމަކީ, ހަބަރާއި ރިޕޯޓްތަކާއި އެހެން އުފެއްދުންތައް ވެސް އިންސާފުވެރިކަމުގެ މައްޗަށް ބިނާކުރުމެވެ. ވަކި ކަމަކާ މެދު ހިޔާލު ފާޅުކުރާ އިރު ވެސް އެ އިންސާފުވެރިކަން ދަމަހައްޓާނެ އެވެ.

  • 2-

    ހަމަހަމަކަން: ހަބަރާއި ރިޕޯޓްތަކާއި އެހެން އުފެއްދުންތައް 'ދައުރު'ން ހަދާނީ ހަމަހަމަކަމުގެ މައްޗަށް ވީހާވެސް ބޮޑަށް ތަބާއަވެގެންނެވެ. ގަސްދުގައި ވަކި ފަރާތަކަށް ނުޖެހޭނެ އެވެ.

  • 3-

    ތެދު ހާމަކުރުން: 'ދައުރު'ގެ އުފެއްދުންތަކުގައި އަބަދުވެސް ބަލާނީ ތެދު ހާމަކުރާށެވެ. ތެދު މައުލޫމާތު ހިމަނާށެވެ. ތެދު ހޯދުމަށް ކުރަން ޖެހޭ މަސައްކަތް އަބަދުވެސް ކުރަމުންދާނެ އެވެ.

  • 4-

    ނުފޫޒުތަކުގައި ނުޖެހުން: 'ދައުރު'އަކީ ސިޔާސީ ވަކި ފިކުރަކަށް ތާއީދުކުރާނެ ނޫހެއް ނޫނެވެ. އެހެންކަމުން ސިޔާސީ ގޮތުން ވަކި ނުފޫޒުތަކެއްގައި ޖެހިގެން 'ދައުރު'ން ނޫސްވެރިކަމެއް ނުކުރާނެ އެވެ. އެއާ ހިލާފަށް 'ދައުރު'ން ބަލާނީ އެއްވެސް ނުފޫޒެއްގެ ބާރުގައި ނުޖެހި މިނިވަންކަމާ އެކު ނޫސްވެރިކުރާށެވެ.

  • 5-

    އިސްލާމް ދީނުގެ އުސޫލުތަކަށް ތަބައަވުން: 'ދައުރު'ގެ އެއްވެސް އުފެއްދުމެއް އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފެއް ނުވާނެ އެވެ. ދީނާއި ދިވެހިންގެ ސަގާފަތާއި ގަބޫލުކުރުންތަކާ ދެކޮޅު އުފެއްދުންތަކެއް ނުޖަހާނެ އެވެ.

  • 6-

    ކުޑަކުދިންގެ ކަރާމާތަށް އިސްކަންދިނުން: ކުޑަކުދިންނާ ގުޅޭ އުފެއްދުންތައް ގެނެސްދޭ އިރު އެ ކުދިންގެ ކަރާމާތަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް 'ދައުރު'ން ނުކުރާނެ އެވެ. އަބަދުވެސް އިސްކަންދޭނީ ކުޑަކުދިންގެ ހިމާޔަތަށެވެ. ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެ ކުދިންނަކީ ކޮން ބައެއްކަން އެނގޭ ގޮތަށް އެއްވެސް އެއްޗެއް ނުގެންނާނެ އެވެ.

  • 7-

    އާންމު މަސްލަހަތަށް އިސްކަންދިނުން: ދިވެހި ރައްޔިތުންގެ އާންމު މަސްލަހަތަށް 'ދައުރު'ން އިސްކަން ދޭނެ އެވެ. އާންމު މަސްލަހަތާ ގުޅޭ ކަންކަން ކަވަރުކުރާ އިރު ރައްޔިތުންގެ ވިސްނުން ވީހާވެސް ފުޅާ ދާއިރާއެއްގައި ގެނެސްދޭން މަސައްކަތްކުރާނެ އެވެ.

  • 8-

    މަސްދަރުގެ ސިއްރު ހިފެހެއްޓުން: ނަން ސިއްރުކޮށްގެން 'ދައުރު'އަށް މައުލޫމާތު ދޭ މަސްދަރުތަކުގެ ސިއްރު 'ދައުރު'ން ހިފަހައްޓާނެ އެވެ. އެ ސިއްރު ހިފެހެއްޓުމަކީ 'ދައުރު'ގެ އެންމެ މަތީ މަސްލަހަތުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.

  • 9-

    ފިކުރީ މުދަލަށް އިހްތިރާމް ކުރުން: 'ދައުރު'ގައި ޖަހާ ލިއުމެއް ނުވަތަ އުފެއްދުމެއްގައި ތިންވަނަ ފަރާތެއްގެ ފިކުރީ މުދަލެއް ބޭނުންކުރާނީ ހުއްދަ ހޯދައިގެންނެވެ. ނުވަތަ ވަކި ކަހަލަ ހާލަތްތަކެއްގައި ހުއްދަ ހޯދަން ހުރަސްތަކެއް ދިމާވެއްޖެ ނަމަ, އެ މުދަލެއްގެ ވެރިފަރާތަކީ ކޮބައިކަން އަންގައި, އެ ބަޔަކަށް އޭގެ ކްރެޑިޓް ދީފަ އެވެ.

  • 10-

    ކުށެއްކަން އެނގިއްޖެނަމަ އިސްލާހުކުރުން: 'ދައުރު'ގެ އެއްވެސް އުފެއްދުމެއްގައި ކުށެއް ޖެހިއްޖެ ނަމަ އެކަން ވީހާވެސް އަވަހަކަށް އިސްލާހުކުރާނެ އެވެ.

  • 11-

    ފައިސާ ދައްކައިގެން ޖަހާ ލިޔުންތަކާއި އުފެއްދުންތައް ވަކިކުރުން: ފައިސާ ދީގެން 'ދައުރު'ގައި ޖަހާ އުފެއްދުންތަކަކީ އާންމު ކޮންޓެންޓްސްތަކުގައި ހިމެނޭ ބައެއް ނޫންކަން ކިއުންތެރިންނަށް އެނގޭނެ ގޮތަށް ފާހަގަކުރާނެ އެވެ. މިގޮތުން އެޑަވޯރިއަލްތަކުގައި "އެޑްވަޓޯރިއަލް" ޓެގް ފެންނަން އޮންނާނެއެވެ.

Editorial Guidelines - Dhivehi