ފެނަކަ ކުންފުނީގެެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު (ފޮޓޯ/ފެނަކަ)
އައްޑޫ ކަރަންޓު މައްސަލަ ހައްލުވާން ދެ އަހަރު ނަގާނެ: ފެނަކަ
އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ މުޅިން ހައްލުވާން ދެ އަހަރު ނޫނީ ދޮޅު އަހަރު ނަގާނެ ކަމަށް ފެނަކަ އިން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލުވާނީ މިހާރު ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއު ނިމުމުން ކަމަށެވެ.
އެނގުން މުހިއްމު - އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓް ނެޓްވޯކު އަޕްގްރޭޑު ކުރަން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންއާ ހަވާލު ކުރީ މި އަހަރުގެ އޭޕްރީލް މަހު އެވެ.
އެ މަސައްކަތުގެ ދަށުން:
-
ހިތަދޫގައި އަލަށް 32 މެގަވޮޓުގެ އިންޖީނުގެއެއް ގާއިމުކުރާނެ
-
ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރާނެ
-
މި މަޝްރޫއުގައި، ކުރިއަށް އޮތް 20 އަހަރަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުކުރާނެ
-
މި މަޝްރޫއުގެ އަގަކީ 59 މިލިއަން ޑޮލަރު؛ ފެނަކަ އިން ފައިސާ ދައްކަން 12 އަހަރު ލިބޭނެ
ތަފްސީލް - މުއާޒު ވިދާޅުވީ އައްޑޫގެ އެންމެ ބޮޑު އަވަށް، ހިތަދޫއަށް ކަރަންޓު ދިނުމުގައި މިހާރު ވެސް ދަތިތައް އެބަހުރި ކަމަށާއި އެ އަވަށުގެ ސަރަހައްދުތަކުން ބައެއް ވަގުތުތަކުގައި ކަރަންޓު ކަނޑަން ޖެހޭ ކަމަށެވެ.
"ޗައިނާގެ ކުންފުންޏަކާ އެކު އެއްބަސްވެގެން، އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، އެ ޕްރޮޖެކްޓު ނިމުމުން އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް އެއްކޮށް ދާއިމީ ހައްލެއް ލިބިގެން ދާނީ،" މުއާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްޑޫއަށް ކަރަންޓު ފޯރުކޮށްދެނީ 17-18 ޖެނެރޭޓަރު ބަހައްޓައިގެން ކަމަށާއި ކުރީގައި ޖެނެރޭޓަރުތައް މެއިންޓެއިންނުކޮށް ހުރުމުން އެ ތަކެތި ހުރީ ވަރަށް ދަށް ހާލަތުގައި ކަމަށެވެ.
"އެތަކެތީގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ސްޕެއާތަކާއި ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށާއި އަދި ހަލާކުވާ ޖެނެރޭޓަރުތަކުގެ ބަދަލުގައި އިތުރު ޖެނެރޭޓަރުތައް ވެސް ހަމަ އައްޑޫއަށް ވެސް ފޮނުވުމުގެ މަސައްކަތް މި ދަނީ ކުރަމުން،" މުއާޒު ވިދާޅުވި އެވެ.
އައްޑޫގެ އިތުރުން ފުވައްމުލަކާއި ހދ. ކުޅުދުއްފުށި ފަދަ ބޮޑެތި އާބާދީތަކުގައި ވެސް ކަރަންޓު ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މުއާޒު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - މުއާޒު ވިދާޅުވީ އެ ކުންފުނިން ކަރަންޓު ހިދުމަތްދޭ 90 ރަށެއްގެ ނެޓްވޯކު އަޕްގްރޭޑު ކުރަން 800 މިލިއަން ނޫނީ 1 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ. ސަރުކާރާ ގުޅިގެން އެ ފައިސާ ހޯދައި ކަރަންޓު ނެޓްވޯކު އަޕްގްރޭޑު ކުރުން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ރަށްރަށް ފާހަގަކޮށްގެން މަސައްކަތް ކުރާނެ ކަމަށް މުއާޒު ވިދާޅުވި އެވެ.