އައްޑޫ ސިޓީގެ ހިތަދޫ މަތިން (ފޮޓޯ/ އަލީ އިބްރާހިމް)
ފެނުން ވަސްދުވިޔަސް، އައްޑޫ މީހުންނަށް މި 2 ދުވަހު އޮތީ މި ގޮތް
އައްޑޫ ގުޅިފައިވާ ރަށްތަކުން ސަޕްލައި ފެނުގެ ހިދުމަތް ކެނޑުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ރާއްޖޭގެ ދެ ވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސާފު ބޯފެނުން މަހުރޫމް ވެފައި އޮންނަތާ 48 ގަޑިއިރަށް ވުރެ ގިނައިރު ވެފައިވާއިރު، އަދި އެ މައްސަލައަށް ހައްލެއް ނުލިބެ އެވެ.
'ވަޅު ހުރިކަން އެއީ ނަސީބު'
އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ ކޮރޮވައި ދާއިރާގެ މެމްބަރު އިބްރާހިމް ޝިނާޒު 'ދައުރު'އަށް ވިދާޅުވި ގޮތުގައި އައްޑޫގައި ފްލެޓުތަކާއި އެޕާޓްމަންޓުތަކުގައި އުޅޭ މީހުންގެ އަދަދު ނިސްބަތުން ބަލާއިރު މަދުވާނެ އެވެ. އެހެންވެ ވަރަށް ގިނަ ގޭގޭގައި އަދިވެސް ސަޕްލައި ފެނާ އެކު ވަޅުފެން ބޭނުން ކުރެ އެވެ.
"ގޭބިސީތަކުގެ %90އަށް ވަޅުފެން ލިބޭނެ. [ހިތަދޫގައި އެކަނި ވެސް %60]. އެހެން ނަމަވެސް ބައެއް ސަރަހައްދުތަކުގައި ވަޅު ފެނަކީ އެއްގޮތަކަށް ވެސް ބޭނުންކުރަން ކަމުދާ ވަރުގެ ފެނެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހިތަދޫ ފްލެޓު ސަރަހައްދުގައި ވެސް ކޮންމެ އިމާރާތަކަށް ވަޅެއް ހުންނަ ކަމަށާއި އެހެން ނަމަވެސް އެންމެން ވަޅުފެނަށް ބަރޯސާވުމުން އެ ފެނުން ކޮލެޓީ ވެސް ދަށްވެފައިވާ ކަމަށެވެ.
"ހިތަދޫގައި އެކަނި ވެސް ދުވާލަކު 6،000 ލީޓަރު ފެން ބޭނުންކުރޭ އެބަ، ގާތްގަނޑަކަށް. ދެން މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އެއްކޮށްލުމުން ވެސް ވަރަށް ބޮޑުވާނެ ޔޫސޭޖް،" އޭނާ ވިދާޅުވި އެވެ.
ވަޅު ފެނުގެ އިތުރުން ބައެއް ގޭބިސީތަކުން ވާރޭފެން ވެސް ބޭނުންކުރަމުންދާއިރު، އެ ދެ ގޮތް ނެތް ގޭބިސީތަކުން މިނެރަލް ވޯޓާއަށް ބަރޯސާވާން ޖެހިފައިވާ ކަމަށް ޝިނާޒު ވިދާޅުވި އެވެ. އަދި އަވަސް ހައްލެއް މައްސަލައަށް ނުލިބިއްޖެ ނަމަ، އޭނާ ވިދާޅުވީ އައްޑޫ ފެނަށް ޖެހުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.
ހިތަދޫ ފްލެޓެއްގައި އުޅޭ މީހަކު ބުނީ ގޭގައި ވަޅު ފެނާ ގުޅާފައި ހުންނަ އެއް އިސްކުރު ހުންނާތީ މި ތިން ދުވަހު އުޅުނީ އެ އިސްކުރުން ބާލިދީއަށް ފެން އަޅައިގެން ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް ވަޅު ފެނާ ނުގުޅާ ހުންނަ ފްލެޓުތަކަށް ވަރަށް އުނދަގޫ ވާނެ ކަމަށް އޭނާ ބުންޏެވެ.
"އަސާސީ ހިދުމަތަކަށް ބުރޫ އަރައިގެން މިހާ ގިނަ ދުވަސްވީމަ މިއީ އެކްސެޕްޓެބުލް [ގަބޫލުކުރެވޭ] ކަމެއް ނޫން،" އޭނާ ބުންޏެވެ.
"ކުރިން ވެސް ފެން ކެނޑޭ، އެކަމަކު އެއީ ގަޑިއިރެއް ދެ ގަޑިއިރެއް ވަރު. މިހާ ގިނަ ދުވަސްވީ އަލަށް."
ފްލެޓެއްގައި އުޅޭ އެހެން މީހަކު ވެސް ބުނީ ވަޅު ފެނުން ދުވަނީ ވަރަށް ނުބައި ވަސް ކަމަށާއި ފެން ތަގައްޔަރުވެފައި ހުއްޓަސް މިވަގުތު އެ ނޫން ގޮތެއް ނެތް ކަމަށެވެ.
ސްޕެއާ ގެނައުމުގައި ވެސް ބޮޑެތި ހުރަސްތަކެއް
ޝިނާޒު ވިދާޅުވި ރާއްޖޭގެ ދެ ވަނައަށް އެންމެ ބޮޑު އާބާދީއަށް ސަޕްލައި ފެނުގެ ހިދުމަތް ނުލިބި ތިން ދުވަސް ވެގެންދާއިރު، މި މައްސަލައަކީ ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން މާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނުބަލާ ކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވީ މައްސަލަ ދިމާވި ފަހުން މިހާރު ރާއްޖެއިން ބޭރުން ވެސް ސްޕެއާ ގެނެވޭހާ ވަގުތު ވެއްޖެ ކަމަށެވެ.
ޝިނާޒު ވިދާޅުވި ގޮތުގައި ފުރަތަމަ ފެނަކައިން މަސައްކަތް ކުރީ ޖެހިގެން އޮތް ހުޅުމީދޫއިން ސްޕޭ ގެނެސްގެން މައްސަލަ ހައްލު ކުރެވޭތޯ ކަމަށެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ނުވުމުން އެމްޑަބްލިއުއެސްސީއިން ސްޕެއާ ހޯދި ކަމަށާއި އައްޑުއަށް އެ ސްޕެއާ ފޮނުވަން މަސައްކަތް ކުރީ އަނެއް ދުވަހު، ހުކުރު ދުވަހު މެންދުރު ފްލައިޓުން ކަމަށެވެ.
"މެންދުރު ފްލައިޓަށް ލީމަ ފްލައިޓުން އޮފްލޯޑު ކޮށްލީ. ކާރިސާއެއްގައި މި ތިބީ، ސާފު ބޯފެނުން މަހުރޫމު ވެފައި،" ޝިނާޒު ވިދާޅުވި އެވެ.
"މޯލްޑިވިއަންއަކީ (އައިލެންޑް އޭވިއޭޝަނަކީ) ސަރުކާރު ކުންފުންޏެއް. ރާއްޖޭގެ ދެ ވަނައަށް އެންމެ ބޮޑު އާބާދީ ފެނަށް ޖެހިފައި އޮތްއިރު އޮފްލޯޑު ކޮށްގެން ނުވާނެ. އަނެއްކާ މި ވަރުގެ ބޮޑު މައްސަލައެއް ދިމާވެގެން އުޅޭއިރު ފްލައިޓެއް ޗާޓަރުކޮށްގެން ވިޔަސް އެމްޑަބްލިއުއެސްސީގެ އިންޖިނިއަރުން ފޮނުވެން ޖެހޭނެ."
މި ފަދަ މައްސަލައެއް ދިމާވިއިރު އޭނާގެ އަނެއް ކަންބޮޑުވުމަކީ އައްޑޫގެ ފެނުގެ ރިޒާވް ކުޑަ މައްސަލަ އެވެ.
"ފެނުގެ ޕްރޮޑަކްޝަން ހުއްޓިއްޖެއްޔާ، ޓޭންކްތަކުގައި ހުރި ފެނުން ބޭނުން ކުރެވޭނީ 2-4 ގަޑިއިރު ގިނަވެގެން. ރިޒާވްގައި ނުހުންނާނެ އިތުރަށް،" އޭނާ ވިދާޅުވި އެވެ.
"މި ފަހަރު ވެސް ހިތަދޫއިން ފެން ކެނޑުނީ ހެނދުނު 9 ޖެހިއިރު ގާތްނގަޑަކަށް. އެހެން ރަށްތަކުން 10 ނޫނީ 10:30 ހާއިރު. މާ ގިނައިރެއް ނުވޭ ރިޒާވް ހުސްވެއްޖެ."
އެންމެ ފަހުގެ މައުލޫމާތު
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ސަޕްލައި ފެން ދިނުމަށް ބޭނުންކުރަނީ އެންމެ އާރުއޯ ޕްލާންޓެކެވެ. ފެނުގެ ހިދުމަތް ކެނޑުނީ އެ ޕްލާންޓުގެ ވީއެފްޑީ ޑްރައިވްއަށް ދިމާވި މައްސަލައަކާ ހެދި އެވެ. ފެނަކައިން ހުކުރު ދުވަހު ފޮނުވި ވީއެފްޑީގައި ވެސް މައްސަލަތަކެއް ހުރުމުން ފެނުގެ ހިދުމަތް ނުލިބި ދިގުލައިގެންގޮސްފައިވާއިރު، އެ ކުންފުނިން ވަނީ މިއަދު މެންދުރުފަހު އިތުރު ވީއެފްޑީއެއް ފޮނުވައި، އެ ވީއެފްޑީ އިންސްޓޯލް ކުރަން ފަށާފަ އެވެ.
މިއަދު އަލުން ފޮނުވުނު ވީ.އެފް.ޑީ އާއެކު، ފެންޕްލާންޓް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ބާރުމިނުގައި ދަނީ ކުރިއަށް. pic.twitter.com/zrZNzPAU0x
— Fenaka Corporation Ltd (@TeamFenaka) December 9, 2023