ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ނާޒިލް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ / މަޖިލިސް)
އައްޑޫގެ ކަރަންޓު މައްސަލައާ ގުޅިގެން ކުއްލި މައްސަލައެއް
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ މެންބަރުންގެ ވޯޓާ އެކު ބަލައިގަނެ ބަހުސް ފަށައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަލަ މިއަދު ހުށަހެޅީ އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެވެ.
ތަފްސީލް - އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ ވޯޓުންނެވެ
އެ ކުއްލި މައްސަލައިގައި ނާޒިލް ވިދާޅުވެފައިވަނީ:
-
ސަރުކާރުން އައްޑޫއަށް އިހުމާލުވަމުން ދިއުމުގެ ސަބަބުން އެ ސިޓީގައި ދިރިއުޅޭ އާންމު ރައްޔިތުންގެ އަސާސީ ދިރިއުޅުމުގެ ހާލާތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް
-
އައްޑޫ ސިޓީއަށް އެންމެ އަސާސީ ފެންވަރަށް ވެސް ކަރަންޓު ފޯރުކޮށްދޭން ސަރުކާރުން ނުކުޅެދިފައިވާކަމަށް
-
ރަށުގެ ސްކޫލްތަކާއި އޮފީސްތަކުންނާއި ފިހާރަތަކުން ދޭންޖެހޭ ހިދުމަތްތައް ނުދެވޭ ކަމަށް
-
ގޭގޭގައި ގެންގުޅޭ އަގުބޮޑު ކަރަންޓު ސާމާނު ހަލާކުވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ގޮސްފައިވާ ކަމަށް
-
ނޯޓިސް ދިނުމެއްނެތި ކޮންމެ ދުވަހަކު އެތައް ގަޑިއިރަކަށް ކަރަންޓު ކަނޑަމުންދާކަމަށް
އެ މައްސަލައިގައި ނާޒިލް އިތުރަށް ވިދާޅުވެފައިވަނީ މި ސަރުކާރުން އުމްރާނީ ތަރައްގީއަށް އަދި އިންސާނީ ތަރައްގީއަށް ބޭނުންވާ އެއްވެސް މަސައްކަތެއް ނުކުރާކަން ފާހަގަވެފައިވާ ކަމަށެވެ. އެފަދަ ކަންތައްތަކަށް ބޭނުންވާ އެއްވެސް ސިޔާސަތެއް ވެސް އެކުލަވާލާ ތަންފީޒުކުރަމުންނުދާކަން ވެސް ފާހަގަކުރެވޭ ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ:
-
އައްޑޫ ސިޓީގެ ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން މި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް
-
އެ ސިޓީއަށް ކަރަންޓު ފޯރުކޮށްދޭ އިންޖީނުތަކަށް ބޭނުންވާ މަރާމާތުގެ ސާމާނު އެއްވެސް މިންވަރަކަށް ފާއިތުވި 7 މަސްދުވަހު ފޯރުކޮށްދީފައިނުވާ ކަމަށް
-
އެކަމުގައި ރައްޔިތުންނަށް ސަރުކާރުން އެއްވެސް ޖަވާބެއް ވެސް ދީފައިނުވާ ކަމަށް
-
އެ ސިޓީގެ ރައްޔިތުން ދިރިއުޅެމުންދާ ހާސްކަމާއި ދަތިއުނދަގުލަކީ އެއްވެސް ހާލަތެއްގައި މަޖިލީހަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް
ނާޒިލްގެ އެ ކުއްލި މައްސަލަ ނިންމަވާލެއްވީ، އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރުމަކީ އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމްގެ ޒިންމާއެއްކަމާއި އެ ޒިންމާ އަދާކުރުމަށް ގޮވާލާފަ އެވެ.
އެނގުން މުހިންމު - އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑެން ފަށާފައިވަނީ މީގެ ދެ ދުވަހެއްވަރު ކުރިންނެވެ. މިމަހުގެ ކުރީކޮޅު ވެސް އެ ސިޓީން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވެ އެވެ. އެ ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ.
.