އައްޑޫ ހިތަދޫ މަތިން.

އައްޑޫ

އައްޑޫ ފެނުގެ މައްސަލަ ހައްލުނުވެ 1 މަސް ވުމަކީ ނުކުޅެދުމެއް: މޭޔަރު

މިދިޔަ ޑިސެމްބަރާއި މާޗުގެ ފަހުކޮޅުގައި ވެސް އައްޑޫ ގުޅިފައިވާ ރަށްތަކަށް ފެން ސަޕްލައިކުރާ އާރުއޯ ޕްލާންޓަށް މައްސަލަތަކެއް ދިމާވި ފެނުގެ ހިދުމަތް ވަނީ މެދުކެނޑިފައި. އެ ހިދުމަތަށް ދާއިމީ ހައްލެއް ހޯދަން މަޝްރޫއެއް ފެށި ނަމަވެސް، ހިދުމަތަށް ބުރޫއަރާފައި އޮތުމުން ވަގުތީގޮތުން ހައްލެއް ބޭނުންވޭ

އައްޑޫގެ އާރުއޯ ޕްލާންޓުގެ ޕަމްޕަކަށް މައްސަލައެއް ދިމާވެ، ފެނުގެ ހިދުމަތަށް ބުރޫ އެރީ މިދިޔަ މާޗުގެ ފަހުކޮޅުގަ އެވެ. މައްސަލަ ދިގުލައިގެން ގޮސް، މެއި މަސް ފެށުނުއިރު އަދިވެސް ދާއިމީ ހައްލެއް ނުލިބެ އެވެ.

"އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން ސަޕްލައި ކޮށްދިނުމުގައި ދިމާވެފައިވާ މައްސަލައަށް ހައްލެއް ނުލިބި މަހެއްހާ ދުވަހާ ގާތްވެފައިވާއިރު، މިކަމުގައި ރައްޔިތުންގެ ޝަކުވާ ދަނީ އިތުރުވަމުން،" އައްޑޫ މޭޔަރު އަލީ ނިޒާރު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

"އަދި މިކަމަށް ހައްލު ހޯދަން މިހާ ދުވަސް ނަގަން ޖެހުމަކީ ނުކުޅެދުމެއް. މި ތަކުލީފަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް ފެނަކަ މެނޭޖްމަންޓަށް ދަންނަވަން."

'މިހާރު އުފެއްދެނީ ބޭނުންވާ ފެނުގެ އެއްބައި'

މި މައްސަލައިގެ ތަފްސީލު 'ދައުރު'އާ ހިއްސާކުރައްވަމުން އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ ކޮރޮވައި ދާއިރާގެ މެމްބަރު އިބްރާހިމް ޝިނާޒު ވިދާޅުވީ މައްސަލަ ހައްލުނުވެ އޮތީ، އޭނާއަށް އެނގިފައިވާ ގޮތުގައި އަދިވެސް ޕަމްޕެއް ނުލިބިގެންނެވެ.

"އަޅުގަނޑު އެނގިފައި އޮތީ ދެ ޕަމްޕުކަން ހުންނަނީ. އެއް ޕަމްޕު ހަލާކުވީމަ ގުޅިފައިވާ ރަށްތަކަށް ބޭނުންވާ ފެނުގެ ދެބައިކުޅަ އެއްބައި މިހާރު އުފެއްދެނީ،" ޝިނާޒު ވިދާޅުވި އެވެ.

ޝިނާޒު ވިދާޅުވި ގޮތުގައި:

  • ގުޅިފައިވާ ރަށްތަކަށް ދުވާލަކު 700 މެޓްރިކް ޓަނުގެ ފެން ބޭނުންވޭ

  • ޕަމްޕު ހަލާކުވި ފަހުން މިހާރު އުފެއްދެނީ ގާތްގަނޑަކަށް 300 މެޓްރިކް ޓަނުގެ ފެން

  • ފެނުގެ ރިޒާވް ވެސް ވަނީ ދަށްވެފައި؛ ކުރިން 2-4 ގަޑިއިރަށް ވާ ވަރަށް ރިޒާވުގައި ފެން ހުރި ނަމަވެސް މިހާރު ގަޑިއިރެއްގެ ތެރޭގައި ރިޒާވް ވެސް ހުސްވާނެ

ގުޅިފައިވާ ރަށްތަކުގެ %90 ގޭބިސީތަކަށް ވަޅުފެން ލިބުނު ނަމަވެސް ބައެއް ސަރަހައްދުތަކުގައި ވަޅު ފެނަކީ އެއްގޮތަކަށް ވެސް ބޭނުންކުރަން ކަމުދާ ވަރުގެ ފެނެއް ނޫނެވެ.

"ވަރަށް އުނދަގުލުގައި އާންމުން އުޅެނީ. ފެން ލިބެނީ ރެންޑަމްކޮށް. ގަޑިއިރަކަށް ލިބިފައި މެދުކެނޑިފައި، އަނެއްކާ ހަ ގަޑިއިރު ފަހުން ލިބިދާނެ. ދެން މިނެރަލް ވޯޓާއަށް ބަރޯސާ ވާން ޖެހިފައި އޮތީ،" ޝިނާޒު ވިދާޅުވި އެވެ.

އައްޑޫ ފޭދޫގެ މަގެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އަވަސް ހައްލެއް ބޭނުން؛ އެއީ ސަރުކާރުގެ ޒިންމާއެއް

ޕަމްޕެއް ނުލިބިގެން މައްސަލަ ހައްލުނުވެ އޮތްއިރު، މިކަމުގެ ހުރިހާ ތަފްސީލެއް ޝިނާޒަށް ވެސް ލިބިފައިނުވެ އެވެ.

"އަޅުގަނޑަށް އެނގިފައި އޮތީ ފެނަކައިން އާ ޕަމްޕު ގަންނަން ފައިސާ ދައްކާތާ 6 ހަފުތާ ފަހުންނޭ ޕަމްޕު ލިބޭނީ. ފައިސާ ދެއްކި ކަމެއް ނުދައްކާ ކަމެއް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.

ފެނަކީ އަސާސީ ހިދުމަތަކަށް ވުމާއި އެ ހިދުމަތް މެދުކެނޑުމުން އާންމުންނަށް ބޮޑު ތަކުލީފަކަށް ވެފައި އޮތުމާ އެކު ޝިނާޒް ވެސް ގޮވާލެއްވީ މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށްދިނުމަށެވެ.

ޑިސެމްބަރު 2023ގައި ވެސް އައްޑޫ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް މެދުކެނޑުނެވެ. އެ ފަހަރު ވަގުތީ ހައްލެއް ހޯދައިދިނުމަށް ފަހު ފެނަކައިން ބުނީ ފެނުގެ ހިދުމަތް ކެނޑެން ދިމާވި މައިގަނޑު ސަބަބަކީ އެ ކުންފުނިން ކުރަން ޖެހޭ ބައެއް މަސައްކަތްތައް އެންމެ އެދެވޭ ގޮތެއްގައި ތާވަލާއި އެއްގޮތަށް ނުކޮށް ހުރުމުން ކަމަށެވެ.

ފެނަކައިން އޭރު ފާހަގަކުރި ކަންކަމަކީ:

  • ތާވަލު ކުރެވިގެން ކުރަން ޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުމަށް އިސްކަންދީފައި ނުވުން

  • ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ނިޒާމު އިންސްޕެކްޓް ކޮށް، ހައްލު ކުރަން ޖެހޭ ކަންކަން ހައްލުކުރުމަށް އަންގާފައިވާ ރިޕޯޓާ އެއްގޮތަށް އަމަލު ނުކުރުން

  • ޕްލާންޓަށް މައްސަލަ ދިމާވިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފެން ކެނޑިފައިވަނީ، އެކަށީގެންވާ ފެނުގެ ސްޓޯރޭޖެއް ގާއިމްކޮށްފައި ނެތުމުން

ޝިނާޒު ވިދާޅުވީ މެއިންޓަނެންސް މަސައްކަތަކީ މީގެ ކުރިން އައި އެއްވެސް ސަރުކާރަކުން ސަމާލުކަން ދިން ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ "ކުރީ ސަރުކާރޭ ކިޔާފައި ތިބުމަކީ ދައްކާ ބަހާނެއް" ކަމަށެވެ.

"ކަމެއް ދިމާވީމަ ކުރީ ސަރުކާރޭ ނުކިޔާ ހައްލުކުރަންވީ ނޫންތޯ؟ ރައްޔިތުންނަށް އެހާ އުނދަގޫވާ ކަމެއް މިއީ،" އޭނާ ވިދާޅުވި އެވެ.

"ކުރީގެ މެނޭޖްމަންޓޭ ބުނުމަކީ ބަހަނާއެއް. [ކުރީގެ] ކަންކަން ކަމުނުދިޔައިމަ ރައްޔިތުން އެކަން ބަދަލުކުރީ. މި ބޭފުޅުން ކަންކަން ކުރާނަމޭ ބުނީމަ ހަވާލުކުރި ޒިންމާއެއް އެއީ."

އައްޑޫ ފެނުގެ މައްސަލައަށް ހައްލެއް ލިބޭނީ ކިހާ ދުވަހެއްގެ ތެރޭގައި ކަމާއި އާ ޕަމްޕެއް ލިބުނުތޯ ބަލަން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދަށް 'ދައުރު'އިން ގުޅި ނަމަވެސް، ފޯނަށް ޖަވާބު ނުދެއްވާތީ އެކަމުގެ ތަފްސީލެއް ނުލިބެ އެވެ. އެ ކުންފުނީގެ ޕީއާރު ޑިޕާޓްމަންޓުން ބުނީ އެކަމާ ގުޅޭ ތަފްސީލު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ. އެހެން ނަމަވެސް މި ހަބަރު ޖެހުމާ ހަމައަށް އެފަދަ ތަފްސީލެއް ނުލިބެ އެވެ.

'އުންމީދަކީ އަލަށް ފަށާ ޕްރޮޖެކްޓު؛ އެއީ ދާއިމީ ހައްލެއް'

އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމަށްޓަކައި 14 އޭޕްރީލް 2024ގައި ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީއާ ވަނީ ހަވާލުކޮށްފަ އެވެ. އެއީ 282 މިލިއަން ރުފިޔާގެ އަގަކަށެވެ. އެ މަޝްރޫއު ނިންމަން ދީފައިވަނީ އެއް އަހަރުގެ މުއްދަތެކެވެ.

އެ މަޝްރޫއުގެ ދަށުން ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫގައި؛

  • 3 އާރުއޯ ޕްލާންޓު ބެހެއްޓޭ ގޮތަށް ލެބޯޓްރީއަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން ވޯކްޝޮޕަކާއި އޮފީސް އަދި ސްޓޯރޭޖު ޖާގަ ހިމެނޭ އާ އިމާރާތެއް އަޅާނެ

  • ޑިސްޓްރިބިއުޝަން ސެންޓަރުތައް ގާއިމް ކުރާނެ

  • ދުވާލަކު 1،500 ޓަނުގެ ފެން އުފެއްދޭ ވަރުގެ 2 އާރުއޯ ޕްލާންޓު، އެނާޖީ ރިކަވަރީ ސިސްޓަމަކާ އެކު ބަހައްޓާނެ

  • ފެން ރައްކާކުރުމަށް 13،000 ޓަނުގެ ސްޓޯރޭޖު އިތުރު ކުރާނެ

  • 6 ބޯހޯލް ތޮރުފާނެ

  • 100 ކިލޯވޮޓުގެ ސޯލާ ހަރުކުރާނެ

  • ލެބޯޓްރީއަށް ބޭނުންވާ އިކުއިޕްމެންޓު ފޯރުކޮށްދޭނެ

  • މުޅިން އާ ބްރައިން އައުޓްޓްފްލޯ ގާއިމްކުރާނެ

އެ މަޝްރޫއުއިން ދާއިމީ ހައްލެއް ލިބޭނެ ކަމަށް ޝިނާޒު ގަބޫލުކުރައްވަ އެވެ. އެހެން ނަމަވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް އަދިވެސް ނުފަށައި އޮތްކަމަށް ވިދާޅުވެ، އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވި ގޮތުގައި "ކިތަންމެ ވަރަކަށް ވެސް އެއްބަސްވުމުގައި ސޮއިކުރެވިދާނެ" އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް