އައްޑޫގެ އޭރިއަލް ޝޮޓެއް

އައްޑޫ

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެން ކެނޑި ޝަކުވާ ބޮޑުވެއްޖެ

އައްޑުއަށް ފެނުގެ ހިދުމަތް ދޭ ފެނަކައިން ބުނީ ހިދުމަތް ކެނޑިގެން އުޅެނީ މައި ފެން ޕްލާންޓުގެ ކަރަންޓު މައްސަލައަކުން ކަމަށާއި މައްސަލަ ހައްލުކުރަން ޓެކްނިކަލް ޓީމްތަކުން ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް

މިއަދު މެންދުރު ފަހުން ފެށިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް ކެނޑި ބޮޑެތި ދަތިތަކަކާ އާންމުންނަށް ކުރިމަތިވެއްޖެ އެވެ.

ވީ ކިހިނެއް؟ - އައްޑޫ މޭޔަރު އަލީ ނިޒާރު މިރޭ 'ދައުރު'އަށް ވިދާޅުވި ގޮތުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ހިދުމަތް ނުލިބުމުގެ މައްސަލަ ދިމާވާން ފެށީ މިއަދު މެންދުރު ފަހުން ފެށިގެންނެވެ. އަދި އެކަން ހައްލުކުރަން ފެނަކައިން މަސައްކަތް ކުރަމުން އަންނަ އިރު ފެން ކެނޑި އާންމުންގެ ފަރާތުން ޝަކުވާ ލިބެމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގުޅިފައި ހުރި ހުރިހާ ރަށަކަށް އެއް ޕްލާންޓަކުން ފެނުގެ ހިދުމަތް ދެނީ. އެހެން ވީމާ ގުޅިފައި ހުރި ހުރިހާ ރަށަކަށް ފެން ލިބުމުގެ މައްސަލަ އެބަ އޮތް. އާންމުންގެ ފަރާތުން އެބަ އާދޭ ޝަކުވާގެ. ހާއްސަކޮށް ސަޕްލައި ފެނަށް އެކަނި ބަރޯސާވެފައި ހުންނަ ގޭ ބިސީތައް އެތިބީ އެއްގޮތަކަށް ފެން ނުލިބި،" ނިޒާރު ވިދާޅުވި އެވެ.

އައްޑުއަށް ފެނުގެ ހިދުމަތް ދެނީ ފެނަކައިންނެވެ.

ނިޒާރު ވިދާޅުވީ ފެނަކައިން މައްސަލަ ހައްލުކުރަން މައްސަލަ ދިމާވި ވަގުތުން ފެށިގެން ފެނަކައިގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފެނަކައިގެ ބަސް - ފެނަކައިގެ އާ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއާޒު ރަޝީދު މިރޭ 'ދައުރު'އަށް ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް މެދުކެނޑިގެން އުޅެނީ ފެން ޕްލާންޓުގެ ކަރަންޓު މައްސަލަތަކެއް ކުރިމަތިވެގެން ކަމަށެވެ. އެހެންވުމުގެ ސަބަބުން ފެން ފޯރުކޮށްދޭ ޕަމްޕްތަކެއް ހުއްޓިގެން އުޅެނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓެކްނިކަލް ޑިޕާޓްމަންޓުން އެބަ ވިދާޅުވޭ ވަރަށް އަވަހަށް މައްސަލަ ހައްލުވާނޭ ކަމަށް މައްސަލަ. ވަރަށް ބުރަކޮށް އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމްތައް އެ ދަނީ މަސައްކަތް ކުރަމުން،" މުއާޒު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް