އައްޑޫ ހިތަދޫގެ މަގުތަކުގައި ހަރުކޮށްފައިވާ މަގު ބައްތިތައް ނުދިއްލާ

އައްޑޫ

އީދަށް ކުލަ ބޮކި ލިޔަސް ބޮޑު އީދުގައި އައްޑޫ މަގުތައް އަނދިރީގައި

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ގާތްގަނޑަކަށް %50ގެ މަގުބައްތި ހުރީ ނުދިއްލާ. އަލަށް ޖެހި ބައްތިތަކަށް ފެނަކައިން ކަރަންޓު ނުދީ ހުރީ މީޓަރުގެ މައްސަލައެއްގައި

މުހިންމު ނުކުތާތައް

ފެނަކައިން ބުނަނީ ކަރަންޓް ދެވޭނީ ކަނޑައަޅާފައިވާ އުސޫލުތަކަށް ކަންކަން ފުރިހަމަވީމާ ކަމަށް

އައްޑޫ ސިޓީ ކައުންސިލުން ބުނާ ގޮތުގައި މިހާރު ވެސް ބައްތިތަކުގައި ސަލާމަތީ ކަންކަން ރަނގަޅުވާނެ

މައްސަލައަށް ހައްލެއް ނުލިބި ގިނަ މަގުތަކެއް އަނދިރިކޮށް އޮންނަތާ ދެ މަސް ވެއްޖެ

އީދުގެ އުފާ ފާޅުކުރަން އައްޑޫގެ މަގުތަކުގައި ވެސް ބޮކި ހަރުކޮށްފި އެވެ. ނަމަވެސް އައްޑޫގެ މަގުތައް ރޭގަނޑު އަނދިރިކޮށް އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މަގުމަތި އަލިކޮށްދޭ ބައްތިތަކަށް ކަރަންޓެއް ނުލިބެ އެވެ.

އައްޑޫގެ ގިނަ މަގުތަކުން މިހާރު ރޭގަނޑު ފެންނަ އަލިކަމަކީ ފިހާރަތަކުގެ ލައިޓުތަކުން ލިބިފައި ހުންނަ އަލިކަމެވެ. ފިހާރަ ބަންދުކޮށްފައި ބޮކި ނިއްވާލުމުން އެ އަލިކަން ވެސް ގެއްލުނީ އެވެ. ދެން ހުއްޓަސް ހުންނަނީ ބައެއް ގެތަކުގެ ބޭރުގައި މަގަށް ވާ ގޮތަށް ހަރުކޮށްފައި ހުންނަ ލައިޓުތަކުގެ އަލިކަމެވެ.

ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝިނާޒު ވިދާޅުވީ 'ފެނަކައިން އޮތީ އައްޑުއާ ޖައްސާލާފައި' ކަމަށެވެ. ފުރަތަމަ ދިމާވީ ފެނުގެ މައްސަލަ އެވެ. މިހާރު ކަރަންޓުގެ މައްސަލަ އެވެ.

"އަސާސީ ހިދުމަތެއްގެ ވާާހަކަ މި ދަންނަވަނީ،" ޝިނާޒު ވިދާޅުވި އެވެ.

"[ފެން މައްސަލަ ދިމާވެގެން] ދެ މަސް ވީއިރު ބޯހޯލް ޕަމްޕެއް ގަނެގެން ގެނެސް ނޭޅުވުނު. އައްޑޫގައި ފެން ދޭން ފެށި ފަހުން މިހާ ހާލުގައި އޮތް އެއްވެސް ޒަމާނެއް ނާދޭ އަދިއެއް."

"މިހާރު އައްޑޫ [ގުޅިފައިވާ ރަށްތައް] ކަނު އަނދިރީގައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް މިވީ. މަގުބައްތިތައް ނުދިއްލައިގެން."

މަގު ބައްތިތައް ނުދިއްލޭތީ ރޭގަނޑު އުނދަގޫތައް ބޮޑު
އައްޑޫގެ މަގުތައް އަނދިރީގައި އޮތުމަކީ ޝަކުވާއެއް

މީގެ ހަތަރު ދުވަސް ކުރިން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަގުހެދުމުގެ މަޝްރޫއުގެ ތެރެއިން މަގުތަކުގައި ޖަހަން ޖެހޭ ލައިޓުތަކުގެ %90 މިހާރު ވަނީ ފުރިހަމަކޮށް، ދިއްލަން ތައްޔާރުވެފައި ކަމަށެވެ.

"މަގުތައް ނުދިއްލިފައިވަނީ ފެނަކައިން އެކަން ނުކުރެވިގެން،" އަނދިރީގައި އޮތް ސަބަބު ސާފުކޮށްދެއްވައި، ނިޒާރު ވިދާޅުވި އެވެ.

"އައްޑޫގެ ގިނަ މަގުތައް މިވަގުތު އަނދިރިކޮށް އޮތުމާ އެކު އެތައް އުނދަގޫތަކެއް ދަނީ ކުރިމަތިވަމުން. މި މައްސަލައިގައި ގިނަ މަޝްވަރާތަކެއް މިވަގުތު ވެސް ކުރިވެފައިވުމާ އެކު އުންމީދަކީ އީދަށް އައްޑޫގެ މަގުތައް ދިއްލުމަށް ފެނަކައިން މަސައްކަތް ކޮށްދެއްވުން."

ނިޒާރުގެ ޕޯސްޓަށް ކޮމެންޓު ކުރި މީހަކު އެދުނީ އޭނާގެ ގެ ކައިރީގައި ހުންނަ ތިން މަގުބައްތި އެ ގޭގެ ކަރަންޓު ބޯޑަށް ގުޅައިގެން ވިޔަސް ދިއްލައިދިނުމަށެވެ.

ބޮޑު އީދު އައިސް މިއަދު ބައްދަލުކުރިއިރު، އައްޑޫގެ މަގުތައް އޮތީ ކަނު އަނދިރީގަ އެވެ. އީދަށް ދިއްލާ ބޮކިތަކާއި ޖައްވަށް އަރުވާ ލެންޓާންތަކުން ހިނދުކޮޅަކަށް ލިބޭ ފަނޑު އައްޔަކީ އަދި އެހެން ކަމެކެވެ.

އައްޑޫ މަގުހެދުމުގެ މަޝްރޫއުގައި ގުޅިފައިވާ ރަށްތަކުގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ 38 ލައިޓު ޕޯސްޓްގައި މީޓަރު ހަރުކުރަން ހިމެނީ ކުރީ ސަރުކާރުގަ އެވެ. އެކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އިންޑިއާގެ އެފްކޮންސްއިން ވެސް އެއްބަސްވެ، އެކަމަށް ބޭނުންވާ ޕެނަލްތައް ގެނަ އެވެ. ގެނައި މީޓަރުތައް ވެސް އޭރު އޮތް ފެނަކައިން ވަނީ އެޕްރޫވް ކޮށްފަ އެވެ.

އެކަން ކުރަން މެދުވެރިވި އެއް ސަބަބަކީ، މަގުބައްތި ދިއްލިޔަސް ނުދިއްލިޔަސް ފެނަކައަށް ފައިސާ ދައްކަން ޖެހޭތީ އެވެ.

"ލައިޓު ޕޯސްޓެއް ބަހައްޓައިފިއްޔާ ދިއްލުނަސް، ނުދިއްލުނަސް މަހަކު ޗާޖު ނަގާ ގޮތަށް މި އޮންނަނީ. އެހެންވެ އަޅުގަނޑުމެން ކައުންސިލުން ބުނީ އަޅުގަނޑުމެން ބޭނުންވަނީ މީޓަރު ލައިގެން މަގުބައްތިތަކަށް ޗާޖުކުރާ ގޮތް ހަދާށޭ. މިހާރު ފެނަކައިން ވެސް ބޭނުންވެގެން އެ އުޅެނީ އެ ގޮތް،" ޝިނާޒު ވިދާޅުވި އެވެ.

ދެން ނުދިއްލަނީ ކީއްވެ؟

މި މަޝްރޫއު މަޑުޖެހި، ލައިޓުތައް ނުދިއްލާ ހިފަހައްޓާފައިވަނީ މި ސަރުކާރުގައި ފެނަކައިގެ މެނޭޖްމަންޓު ބަދަލުވުމާ އެކު، ކުރިން ގެނައި މީޓަރުތަކާ މެދު ދެކޭ ގޮތް ވެސް ބަދަލުވި ހިސާބުންނެވެ.

"ޕޮލިސީ ލެވެލްގައި މި ނިންމީ ސުމާޓް މީޓަރަށް ބަދަލުކުރަން. ދެން އާ މެނޭޖްމަންޓުން ބުނެފި އެ މީޓަރުތައް ހަރުކުރަން ޕެނަލްތަކުގައި ޖާގަ ހުރިތޯ ބަލައިދޭށޭ. އެކަން ވެސް ކޮށްފި،" ކަން ހިނގައިދިޔަ ގޮތް ޝިނާޒު އޮޅުންފިލުވައިދެއްވި އެވެ.

"ޕެނަލްތަކުގައި ޖާގަ އެބަހުރި. ޓެސްޓުކުރަން ވެގެން ހިތަދޫ ލިންކު ރޯޑު [ފަޅު ރަށްތައް ހިމެނޭ ސަރަހައްދުގައި] އެ ޕޯސްޓު އެބަހުރި ދިއްލާފައި ވެސް. އެހެން ހުންނަތާ ވެސް މަހަކަށް ވުރެ ގިނަ ދުވަސް ވީ."

އޭނާ ވިދާޅުވި ގޮތުގައި ފެނަކައިން އައްޑުއަށް ބޭނުންވާ 38 މީޓަރުގެ އިތުރުން މުޅި ރާއްޖެއަަށް ބޭނުންވާ ވަރަށް މީޓަރު ވަނީ ގެނެސްފަ އެވެ.

އައްޑޫގައި މީޓަރު ހަރުކުރާ 38 ޕޯސްޓުގެ ތެރެއިން 19 ޕޯސްޓު ހުރީ ޕެނަލް ގުޅައި ކަރަންޓު ދޭން ތައްޔާރުކޮށްފަ އެވެ.

"ދެން މައްސަލަ ޖެއްސީ އީއެލްސީބީ ނެތޭ ކިޔާފައި. ހަފްތާއެއް ކުރިން އީއެލްސީބީ ވެސް ގެނެސްފިން. ފެނަކައިން ހުއްދަ ދޭތާ 12 ގަޑިއިރު ތެރޭގައި ދިއްލޭނޭ ބުނީމަ،" ޝިނާޒު ވިދާޅުވި އެވެ.

މަގުތަކަށް އަލިކަން ލިބެނީ އިމާރާތްތަކުން ދިއްލާފައި ހުންނަ އެއްޗެހިން

ހުރިހާ ވެސް މައްސަލައަކީ އެ މީޓަރުތައް ނުގަތުން

އައްޑޫގެ 19 ޕޯސްޓެއް ދިއްލަން ތައްޔާރީ ހާލަތުގައި ހުރިއިރު، ކައުންސިލާއި އައްޑޫ މަގުހެދުމުގެ މަޝްރޫއުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އައްޑޫ މަގުތައް އަނދިރިކޮސް ބާއްވާފައި އޮތީ ފެނަކައިން ގެނެސްފައި ހުރި ސްމާޓު މީޓަރު ނުގަނެގެންނެވެ.

"ފެނަކައިން އެއްބާރުލުން ނުދޭތީ ނުދިއްލިފައި. ކޮންޓްރެކްޓަރު މި ޖެހެނީ ފެނަކައަށް ލާރި ދައްކާފައި މީޓަރުތައް ގަންނަން. އެކަމަކު އެހެން ހުރިހާ ރަށަކަށް ބޭނުންވާ މީޓަރުތައް ފެނަކައިން ގެނައީ ހިލޭ އަޅުވާ ގޮތަށް،" ޝިނާޒު ވިދާޅުވި އެވެ.

"ދެން މިހެން އަނދިރިކޮށް އޮއްވާ ކޮންމެވެސް ބޮޑު މީހަކަށް އަނިޔާއެއް ވީމަ ހައްލު ހޯދަން އުޅޭނެ."

މި މަޝްރޫއާ ގުޅުން ހުރި މީހަކު، ނަން ނުޖަހާ ގޮތަށް، 'ދައުރު'އަށް ބުނީ އައްޑޫ ގުޅިފައިވާ ރަށްތަކުގެ %50 މަގުތައް އޮތީ އަނދިރީގައި ކަމަށެވެ. އޭނާ ބުނި ގޮތުގައި މިހާރު ގެނެސްފައި ހުރި ޕެނަލްތަކަކީ ސެޕްޓެމްބަރު 2023ގައި އެފްކޮންސްއިން ފެނަކައާ ޑިޒައިން ހިއްސާކޮށް، ހުއްދަ ވެސް ހޯދާފައިވާ ޕެނަލްތަކެކެވެ. އެތަކެތި ގަތީ ފެނަކައިން ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް ފަހު، ދެން އިތުރު ބަދަލެއް ނެތް ކަމަށް ފެނަކައިން ލިޔުމުން އެންގުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

އައްޑޫ ހިތަދޫގެ ބޮޑު މަގެއް އަނދިރީގައި

މަގުބައްތީގައި މީޓަރު ހުރުމަކީ ލާޒިމު ކަމެއް ވެސް ނޫން

އޭނާ ބުނީ އައްޑޫގެ %90 މަގުބައްތިތައް ބޭނުންކުރަނީ މީޓަރު ހަރުކޮށްގެން ބިލުކުރާ ގޮތަށް ނޫން ކަމަށެވެ.

"އެއީ އެންމެ ބޮތްކެއް (ކޮންމެ މަގުބައްތިއަކީ). ވަކި ގަޑިއަކުން ވަކި ގަޑިއަކަށް ދިއްލާ ގޮތަށް މި ހުންނަނީ. ރީޑިން މީޓަރެއް ހުރުން ކޮންމެހެން ލާޒިމެއް ވެސް ނޫން،" އޭނާ ބުންޏެވެ.

"މި ޕޯސްޓުތަކަށް ލީ ޑިޖިޓަލް މަލްޓި މީޓަރެއް، ކިލޯވޮޓް ޕާ އަވާ ބެލޭ ކަހަލަ. އެއީ އަސްލު އިތުރުވާ އެއްޗެއް އޭރު. އަޅުގަނޑުމެން ދެނެގަންނަން ބޭނުންވާ މައުލޫމާތު އެ މީޓަރުން އެނގޭތީ ހިމެނީ. ނަމަވެސް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)އިން ލާޒިމެއް ނުކުރޭ މަގުބައްތިތަކުގައި މީޓަރު ހަރުކުރަން. އެހެންވެ އަޅުގަނޑުމެން ޔޫއާރުއޭގެ އެޕްރޫވަލްއަށް އޭރު ނުދިޔައީ."

ފެނަކައިން އެޕްރޫވަލް ދިންއިރު ދިނީ އިތުރުވާ އެ މީޓަރު ހިމަނައިގެން ކަމުގައި ވިޔަސް، އޭނާ ބުނި ގޮތުގައި، މިހާރު އޮތް މެނޭޖްމަންޓުން ޑިމާންޑު ކުރަނީ ސްމާޓް މީޓަރު ހަރުކުރާށެވެ.

"އަޕްގްރޭޑު ކުރަމޭ ބުނީ (ހުރިހާ ރަށެއް ވެސް). އެހެންވީމަ ޖާގަ ހުރިތޯ ބަލައިދޭށޭ ޕެނަލްގައި. ފަހުން މި ބުނަނީ ސްމާޓް މީޓަރު ގަނެގެން އެޅުވީމައޭ ކަރަންޓު ދޭނީ. ނަމަވެސް މިނިސްޓްރީން ވެސް ބޭނުމެއް ނުވޭ އިތުރު ހަރަދެއް މިކަމަށް ކުރާކަށް،" އޭނާ ބުންޏެވެ.

ފެނަކައިން ކަރަންޓު ދިނުމަށް ދައްކާ އަނެއް އުޒުރަކީ، އޭނާ ބުނި ގޮތުގައި، ރައްކާތެރިކަމާ މެދު ކަންބޮޑުވުންތަކެއް ހުރުމެވެ. ނަމަވެސް މިދިޔަ ފެބްރުއަރީން ފެށިގެން 19 ޕޯސްޓުގައި އީއެލްސީބީ އާތު ލީކޭޖް ސާކިޓް ބްރޭކަރު (އީއެލްސީބީ) ހުންނާނީ ހަރުކޮށްފައި ކަމަށް އޭނާ ބުންޏެވެ.

އެކަން ނުކޮށް މަޑުކޮށްގެން ތިބީ، ސްމާޓް މީޓަރު ދޭނެ ކަމަށް ފެނަކައިން ބުނުމުން އެކީ އެކައްޗަކަށް ހުރިހާ މަސައްކަތެއް ނިންމަން ވެގެންނެވެ. ނަމަވެސް ރައްކާތެރިކަމާ މެދު ސުވާލު އުފައްދާތީ އީއެލްސީބީ ވެސް ހަރުކުރީ އެވެ.

"ޖުމުލަކޮށް ބުނާ ނަމަ،  ޕެނަލްތަކުގައި ޓެކްނިކަލް އެއްވެސް މައްސަލައެއް ނެތް. ސެކިއުރިޓީ މައްސަލައެއް ނޫޅޭނެ،" އޭނާ ބުންޏެވެ.

"ފެނަކައިން ޖެހޭނީ ހަމައެކަނި ސުވިޗު އޮންކޮށްލަން."

ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި އޮފިޝަލް މިކަމުގެ އިތުރު ތަފްސީލު ހިއްސާކުރަމުން ބުނީ:

  • ފެނަކައިން ސްމާޓް މީޓަރަށް ކިޔަނީ 5،300ރ.ގެ އަގެއް

  • 38 ޕޯސްޓުގައި މީޓަރު ހަރުކުރަން ޖުމްލަ ހަރަދުވާނީ 201،400ރ.

  • ފެނަކައިން އައްޑުއަށް ދޭ ހިދުމަތްތަކަށް ބިލުކުރާ ކޮންމެ މަހަކު ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ ފެނަކައަށް ވަންނާނެ

  • އީއެލްސީބީ ހަރުކުރި ފަހުން މިވީ ހަތަރު މަސް ދުވަހުގެ ތެރޭގައި އެއީ ހަތަރު މިލިއަން ރުފިޔާ

ކައުންސިލަރު ޝިނާޒު ވިދާޅުވާ ގޮތުގައި އައްޑޫގައި ހުރި ފެނަކައިގެ އެއްވެސް އިމާރާތަކުން ކައުންސިލަށް ކުއްޔެއް ވެސް ނުނަގަ އެވެ. އެތަންތަން ހިލޭ ދީފައި އޮންނައިރު އަސާސީ މިފަދަ ހިދުމަތްތަކަށް އިހުމާލުވުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

"ފެނަކައިގެ ސްޓޭންޑަކީ މީޓަރު އެޅުވީމަ ނޫނީ ކަރަންޓު ނުދިނުން،" އޭނާ ވިދާޅުވި އެވެ.

ހިދުމަތް ދޭނީ ހުރިހާ ކަމެއް ފުރިހަމަވީމަ: ފެނަކަ

ފެނަކައިގެ އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ހެޑު އަހްމަދު އިބްރާހިމް ވިދާޅުވީ އެ ކުންފުނިން ކަރަންޓު ހިދުމަތް ފޯރުކޮށްދެމުން އަންނަނީ ވަކި މިންގަނޑަކަށް ފައްތައިގެން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން ކޮންމެ ކޮންމެ މީޓަރެއް. އަޅުގަނޑުމެން ނޫނަސް، ޔޫއާރުއޭއިން ގަބޫލުކުރާ ބަޔަކު ޓެސްޓުކޮށްފައި ހުންނަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވި ގޮތުގައި މި ކަމުގައި ކައުންސިލާ މަޝްވަރާ ކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. ނަމަވެސް 'ކައުންސިލުން ބޭނުންވަނީ ކަންކަން ފުރިހަމަނުކޮށް ކަރަންޓު ދޭން" ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެނަކައިން ހިދުމަތް ދެންޏާ ހުރިހާ ކަމެއް ފުރިހަމަ ވާން ޖެހޭނެ. ކުރިން ހުރި ގޮތޭ ކިޔާފައި މިހާރު އެހެން ނުވާނެ. މި ފަހުން ވެސް ހިތާމަވެރި ހާދިސާއެއް ހިނގައިގެން އެ ދިޔައީ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ކައުންސިލާއި މަޝްރޫއުގައި އުޅޭ ބޭފުޅުން ވިދާޅުވަނީ ލައިޓް ޕޯސްޓުތަކުގައި އީއެލްސީބީ ހުންނާނެ ކަމަށެވެ. ސަލާމަތީ ގޮތުން އެއްވެސް މައްސަލައެއް ނުހުންނާނެކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވަ އެވެ.

ފެނަކައިގެ މާލެ ހެޑް އޮފީސް: ފެނަކައިން ބުނަނީ ވަކި މިންގަނޑުތަކެއް ގެންގުޅޭ ކަމަށް (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މުސްކުޅި ގިނަ ލައިޓުތައް ވެސް ނުދިއްލޭ

ކައުންސިލާއި މަޝްރޫއުގައި އުޅޭ ބޭފުޅުން ވެސް ވިދާޅުވާ ގޮތުގައި އަލަށް ހަރުކުރި ލައިޓުތައް ފެނަކައިން ނުދިއްލާ ހުރިއިރު، ކުރީގެ ގިނަ ލައިޓުތައް ވެސް ވަނީ ހަލާކުވެފަ އެވެ. ސަބަބަކީ މަގު ހެދުމުގެ މަސައްކަތް ކުރިއިރު ބައެއް ލައިޓުތަކުގެ ކޭބަލް ބުރިވެފައި ހުރުމެވެ.

"މަގު ހެދިއިރު ކުރީގެ ލައިޓުތަކުގެ ކޭބަލްތައް ބުރިވެފައި ހުރީ. އެކަމަށް ދެން ކީއްކުރަންތޯ ހަރަދުކުރަނީ، އާ ލައިޓު ހުއްޓާ؟" މިކަމާ ގުޅޭ ގޮތުން ފޯނުން ވާހަކަ ދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވި އެވެ.

ފައިސާ ހަރަދުކޮށްގެން އާ ލައިޓުތަކެއް ހަރުކޮށްފައި ހުއްޓާ މުސްކުޅި ލައިޓުތައް ހެދުމަކީ ކައުންސިލުން ބޭކާރު ގޮތުގައި ދާނެ ހަރަކެކެވެ. އޭގެ އިތުރަށް މުސްކުޅި ލައިޓުތަކަކީ މިހާރު ހުރި ތަނުން އެހެން ސަރަހައްދުތަކަށް ބަދަލުކުރަން ވެސް ޖެހޭ ލައިޓުތަކެއް ކަމަށް ކައުންސިލުން ބުނެ އެވެ. އެކަން ކުރެވެން ވެސް އޮންނަނީ އާ ލައިޓުތައް ދިއްލައިގެންނެވެ. އޭގެ ކުރިން އެކަން ކޮށްފި ނަމަ، މިހާރު ހުރި ވަރަށް ވެސް އަލިކަމެއް ނުހުންނާނެ އެވެ.

"ކޮންޓްރެކްޓަރު އެ ހުރީ އާ މަގުބައްތިތައް ހަރުކޮށް، ސެޓުކޮށް، ރެޑީކޮށްފައި. ފެނަކައިން ކަރަންޓު ނުދީގެން މި އުޅެނީ. ތަކުރާރުކޮށް އަޅުގަނޑުމެން ދަންނަވައިފިން މިހާރު،" ނިޒާރު ވިދާޅުވި އެވެ.

ކައުންސިލާއި އާންމު ރައްޔިތުންގެ ޝަކުވާއަކީ ފެނާއި ކަރަންޓު ފަދަ އަސާސީ ހިދުމަތްތަކަށް ބުރޫއެރުމެވެ. ފެނުގެ މައްސަލައިން އަރައިގަނެވުނުތާ އަދި މަހެއް ނުވެ އެވެ. މިހާރު މަގުތައް އަނދިރިވުމުގެ މައްސަލަ އެވެ.

އައްޑޫ ރައްޔިތުން ތިބީ މީޓަރުގެ ކޯޅުންގަނޑު ވަކި ކޮޅެއްގައި ޖެހި، މަގު ބައްތިތައް ދިއްލާލެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

ކޮމެންޓް (1)

މޮޑަފްް

16 ޖޫން 2024
ހުރިހާވެސް މައްސަލައަކީ މިކަމުން މިސަރުކާރަށް އެއްވެސް ކްރެޑިޓެއް ލިބެން ނެތުން. މުޅި ރަށުގަ، ކުރިން ވަރަށް މަދު ލައިޓެއްހުރި ހަނި ގޯޅިތަކާއެކު އެފްކޮންސް އިން ވަނީ ލައިޓްޖަހާފަ. ދެން މުޅި ރަށް ދިއްލާލީމަ އެންމެންވެސް ޝުކުރު އަދާމިކުރަނީ ކުރީ ސަރުކާރަށް. އެކަން ބަލައިގަންނަން ދަތިވެގެން މިއުޅެނީ އެއްކަލަ ސިޔާސީ ވެރިންތިބި ފެނަކަޔަށް. ދެން ކޮންމެ ގޮތެއް ހަދާފަވެސް ތިލައިޓްތަށް ޖެހޭނީ ދިއްލަން. ނޫނީ ރައްޔިތުން ތިކަން ދައްކާނެ ކުރިޔަށްއޮތް ކައުންސިލް އިންތިޚާބުގަ. އަނެއްކޮޅުން މިއީ ސިޔާސީ ކުރަންޖެހޭވެސް ކަމެއްނޫނޭ.
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް