އައްޑޫ ހިތަދޫ މަތިން ނަގާފައިވާ ފޮޓޯއެއް.
އައްޑޫ މަގު ހަދާ ނަމަ ކަރަންޓު މައްސަލަ އަދިވެސް ދިމާވެދާނެ: ފެނަކަ
އައްޑޫ މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދާ ނަމަ ކުރިއަށް އޮތް ތަނުގައި ވެސް ކަރަންޓު ހިދުމަތަށް މައްސަލަ ދިމާވެދާނެ ކަމަށް ފެނަކައިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އައްޑޫގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫއިން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެފައިވާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އަދި މީގެ ކުރިން ވެސް އެކި ފަހަރު މަތިން ކަރަންޓުގެ ހިދުމަތަށް ބުރޫ އަރާފައިވެ އެވެ.
ބުނީ ކީކޭ؟ - އެ މައްސަލަ ކުރިމަތިވީ، ފެނަކައިން ބުނާ ގޮތުގައި، އައްޑޫގައި މިހާރު ހަރުކޮށްފައި ހުރި ޖެންސެޓުތަކުގެ ތެރެއިން 1.8 މެގަވޮޓުގެ އިންޖީނަށް މައްސަލައެއް ދިމާވުމުންނެވެ.
"މި އިންޖީނު މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއާއަކީ ރާއްޖެއިން ލިބެން ހުންނަ އެއްޗަކަށް ނުވާތީއާ އެކު ސްޕެއާ ހޯދުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައިކަން ފާހަގަކުރަމެވެ،" ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.
ތަފްސީލު - ފެނަކައިން ބުނި ގޮތުގައި، އައްޑޫގައި ކަރަންޓު އުފައްދާ މިންވަރު ނުވަތަ ޖެނެރޭޝަން ކެޕޭސިޓީގެ މައްސަލައިގެ އިތުރުން އެފްކޮންސްއިން ކުރިއަށްގެންދާ މަގު ހެދުމުގެ މަސައްކަތްތަކާ ގުޅިގެން ވެސް ކަރަންޓުގެ ހިދުމަތަށް ބުރޫ އަރަ އެވެ. އެގޮތުން، އެ ކުންފުނިން ބުނި ގޮތުގައި:
-
މަގުހެދުމުގެ މަސައްކަތުގައި އެފްކޮންސް އަތުން އެޗުވީ ކޭބަލާއި ނެޓްވޯކަށް ތަކުރާރުކޮށް ގެއްލުންވެ، ހިތަދޫ ސީޕީއެސްއާ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ މީގެ ކުރިން ވެސް ދިމާވި
-
އެންމެ ފަހުން މައްސަލަތައް ދިމާވާން ފެށި 1 ޖުލައިގައި އެފްކޮންސް އަތުން އެޗުވީ ކޭބަލް ހަލާކުވުމުން
-
އިއްޔެ ދިމާވި މައްސަލައަކީ ވެސް އޭގެ ފަހުން ކުރިމަތިވި ކަމެއް؛ އިއްޔެ ދިމާވި މައްސަލަ ވަގުތީ ގޮތުން ވަނީ ހައްލުކޮށްފައި
ވަގުތީ ހައްލެއް ހޯދި ނަމަވެސް، ފެނަކައިން ބުނީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމުގެ ސަބަބުން ނެޓްވޯކަށް ދިމާވާ މައްސަލަ އިތުރަށް ދިމާވެދާނެ ކަމަށް އެ ކުންފުންޏަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި މައްސަލަ ހައްލު ކުރުމަށް އަބަދު ވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.
ފެނަކައިން ބުނާ ގޮތުގައި ސްޕެއާ ހޯދައި މިހާރު ހުރި އިންޖީނު މަރާމާތު ކުރުމުގެ އިތުރުން އެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި 1.6 މެގަވޮޓުގެ އާ ޖެންސެޓެއް ފޮނުވުމުގެ މަސައްކަތް ހިމެނެ އެވެ.
"މި ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ކުންފުނިން ދެމުން އަންނަ ހިދުމަތްތައް ރަނގަޅުކޮށް، ރައްޔިތުންނަށް ލުއި ގޮތްތައް ހޯދައިދިނުމަށެވެ،" ފެނަކައިގެ ބަޔާނުގައިވެ އެވެ.
"އަދި މިއަދު އައްޑޫއަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެމެވެ."
ގުޅުންހުރި ކަމެއް - އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓް ނެޓްވޯކު އަޕްގްރޭޑު ކުރަން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންއާ ވަނީ ހަވާލުކޮށްފަ އެވެ.
އެ މަޝްރޫއު ނިމުމުން ކުރިއަށް އޮތް 20 އަހަރަށް ބޭނުންވާ ކެޕޭސިޓީ އިތުރު ކުރެވި، އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ދެމެހެއްޓެނިވި ހައްލެއް ހޯދޭނެ ކަމަށް ފެނަކައިން ބުނެ އެވެ.