އައްޑޫ ހިތަދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް. އެ ރަށުގައި ހުންނަ ފެން ޕްލާންޓަށް މައްސަލައެއް ދިމާވެ، އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ވަނީ ފެން ކެނޑިފައި.
މިރޭ 11:30ގައި އައްޑުއަށް ފެނުގެ ހިދުމަތް ލިބެން ފަށާނެ: ފެނަކަ
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް ކެނޑިފައި އޮތުމަށް ފަހު، މިރޭ 11:30 ހާއިރު ފެނުގެ ހިދުމަތް ލިބެން ފަށާނެ ކަމަށް ފެނަކަ އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ސަޕްލައި ފެން ދިނުމަށް ބޭނުންކުރަނީ އެންމެ އާރުއޯ ޕްލާންޓެކެވެ. ފެން ކެނޑިފައިވަނީ އެ ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލަ ހައްލު ކުރުމަށް މިއަދު މާލެ އިން ގެންދިޔަ ވީއެފްޑީގައި ވެސް މައްސަލަތަކެއް ހުރުމުން، ފެނުގެ ހިދުމަތް ދިނުމުގައި ލަސްތަކެއް ކުރިމަތިވި އެވެ.
އިތުރަށް ކިޔާލަން:
ބުނީ ކީކޭ؟ - އެކަމާ ގުޅިގެން ފެނަކަ އިން މިރޭ ނެރުނު ބަޔާނެއްގައި ވާގޮތުން:
-
މައްސަލަ މިހާރު އެއްކޮށް ހައްލުކޮށް، ފެން ޕްލާންޓު ވަނީ ހިންގަން ފަށާފައި
-
މިރޭ 11:30 ހާއިރު ފެނުގެ ހިދުމަތް އަލުން ފެށޭނެ
"މި ކުންފުނީގެ އަދުގެ މެނޭޖްމަންޓުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި، އިތުބާރާއި ޔަގީންކަމާއެކު ފޯރުކޮށްދެވޭކަން ކަށަވަރުކޮށް، ހިދުމަތް ދިނުމުގެ ރޮނގުން ކުންފުނި ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް، ކުންފުންޏާ މެދު ރައްޔިތުންނަށް ގެއްލިފައިވާ އިތުބާރު އިޔާދަކޮށްދިނުމަށެވެ،" ފެނަކަ އިން ބުންޏެވެ.
Noos bayaan: Addu City ge gulhifaivaa rahthakuge fenuge hidhumaiy medhukedumaai gulhey pic.twitter.com/EBJaEUg1a8
— Fenaka Corporation Ltd (@TeamFenaka) December 9, 2023
'ފެން ކެނޑުނީ ކުރަން ޖެހޭ މަސައްކަތްތަކަށް ސަމާލުކަން ނުދިނުމުން'
ފެނަކައިގެ ބަޔާނުގައި ވާގޮތުން، ފެން ކެނޑުމުގެ މައްސަލަ ދިމާވީ އެ ކުންފުނިން ކުރަން ޖެހޭ ބައެއް މަސައްކަތްތައް އެންމެ އެދެވޭ ގޮތެއްގައި ތާވަލާއި އެއްގޮތަށް ނުކޮށް ހުރުމުގެ ސަބަބުންނެވެ.
އޭގެތެރޭގައި، ފެނަކަ އިން ފާހަގަކުރީ:
-
ތާވަލު ކުރެވިގެން ކުރަން ޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުމަށް އިސްކަންދީފައި ނުވުން
-
ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ނިޒާމު އިންސްޕެކްޓް ކޮށް، ހައްލު ކުރަން ޖެހޭ ކަންކަން ހައްލުކުރުމަށް އަންގާފައިވާ ރިޕޯޓާ އެއްގޮތަށް އަމަލު ނުކުރުން
-
ޕްލާންޓަށް މައްސަލަ ދިމާވިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފެން ކެނޑިފައިވަނީ، އެކަށީގެންވާ ފެނުގެ ސްޓޯރޭޖެއް ގާއިމްކޮށްފައި ނެތުމުން
އެހެންކަމުން، ފެން ޕްލާންޓަށް މައްސަލައެއް ދިމާވާ ހާލަތުގައި ވެސް ފެނުގެ ހިދުމަތް މެދުނުކެނޑޭނެ ގޮތަށް، އައްޑޫގައި ފެނުގެ ސްޓޯރޭޖް އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ ވުޒާރާތަކާއި ގުޅިގެން ފަށާފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ.
"... ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހަރުދަނާ އިންތިޒާމުތަކެއްގެ ތެރެއިން ކުރާނެކަމުގެ ޔަގީންކަން ކުންފުނީގެ އެންމެހައި ކަސްޓަމަރުންނަށް އަރުވަމެވެ،" އެ ކުންފުނީގެ ބަޔާނުގައި ވެ އެވެ.
އެނގުން މުހިއްމު - އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެން ކެނޑުނު މައްސަލާގައި ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑުވި އެވެ. ހާއްސަކޮށް، ސަޕްލައި ފެނަށް އެކަނި ބަރޯސާވާ ގޭބިސީތަކަށް ވަރަށް ބޮޑެތި އުނދަގޫތަކެއް ދިމާވި އެވެ.
ފެނަކަ އިން ވަނީ މި ހާލަތުގައި އައްޑޫ ރައްޔިތުން ކެތްތެރިކަން އިސްކޮށް، ދެއްކެވި ނަމޫނާއަށް ޝުކުރު އަދާކޮށްފަ އެވެ.