17 ނޮވެމްބަރު 2023: ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރައްވައި، މަގާމުގެ ފަތްކޮޅު އެރުވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު އާއި އިބްރާހިމް ފައިސަލް ސަލާމްކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)
ފައިސަލްގެ ބަޔާން: ފާޑުކިޔުންތަކުން ހިތްވަރު؛ ލިބުނު ފުރުސަތަށް ޝުކުރު
މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެ މަގާމުން ކުއްލި ގޮތަކަށް ވަކިކުރީ މިދިޔަ އަންގާރަ ދުވަހު އޭނާ އޮފީހަށް ވަޑައިގެންނެވި ތަނާ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން ފައިސަލް އެ މަގާމުން ވަކިކުރީ ކޮން ސަބަބަކާ ހުރެ ކަން ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
މަގާމުން ވަކިކުރި ފަހުން އަމިއްލަ ޝުއޫރުތަކާ އެކު ފައިސަލް މިއަދު ހިއްސާކުރެއްވި ބަޔާން ފެއްޓެވީ، ޓޫރިޒަމް މިނިސްޓަރުގެ މަގާމު އަދާކުރުމުގެ ފުރުސަތުން އޭނާއަށް ލިބުނު އުފަލާއި ޝަރަފުންނެވެ.
"ދިވެހި ގައުމަށާއި ރާއްޖޭގެ ޓޫރިޒަމަށް ހިދުމަތް ކުރަން އަޅުގަނޑަށް ފުރުސަތު ދެއްވި ކަމަށްޓަކައި އިހުލާސްތެރިކަމާ އެކު ރައީސް މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރަމެވެ،" ފައިސަލްގެ ބަޔާނުގައިވެ އެވެ.
ފައިސަލް ވިދާޅުވާ ގޮތުގައި އޭނާއާ ހަވާލުކުރި މަސައްކަތްތައް އަދާކުރެއްވީ ޝައުގުވެރިކަމާއި އިހުލާސްތެރިކަމާ އެކީގަ އެވެ. ތެދުވެރިވެ ހުންނަވައިގެންނެވެ. އަދި އޭނާގެ "ގާބިލިއްޔަތު ތަންދިން އެންމެ އުސް ދަރަޖައިގައި ވަރުބަލިނުވެ" އެވެ.
'ސަރުކާރުގެ ލަނޑުދަނޑި: 2 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލުކުރިން'
މި ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތުން ހާސިލްކުރަން މިދިޔަ އަހަރަށް ކަނޑައެޅި އަމާޒަކީ ދެ މިލިއަން ފަތުރުވެރިން ހަމަކުރުމެވެ.
އެ ތާރީހީ ބޮޑު އުފާލާއި ކާމިޔާބީއަށް ހާސިލު ވެވުނުއިރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ ފައިސަލް އެވެ. އެކަން އޭނާގެ ބަޔާނުގައި ވެސް ފާހަގަކުރެއްވި އެވެ.
"އެ އުފާ ދިވެހި ސަރުކާރާއި ރައްޔިތުންނަށް ހޯދައިދޭން އަޅުގަނޑަށް އުޅެވުނީ ޓޫރިޒަމް އިންޑަސްޓްރީގެ އަޑު އަހައިގެންނެވެ،" ބަޔާނުގައި ފައިސަލް ވިދާޅުވި އެވެ.
ފައިސަލް މިނިސްޓަރުކަމުން ވަކިކުރި ދުވަހު މެލޭޝިޔާގައި ހުންނަވައި ފޯނުން ދެއްވި އިންޓަވިއުގައި އޭނާގެ ބައްޕަ، އަބްދުއްރަހީމް ވެސް ވިދާޅުވީ ފައިސަލް ހާސިލްކުރަން ރައީސް ކަނޑައެޅުއްވި ލަނޑުދަނޑިތައް އޭނާ ހާސިލުކުރެއްވި ކަމަށެވެ.
ފައިިސަލް މިނިސްޓަރުކަމުން ވަކިކުރި ފަހުން އޭނާގެ ދިފާއުގައި ސޯޝަލް މީޑިއާގައި ވަކާލާތުކުރި އެކި މީހުން ވެސް ދެއްކި އެއް ވާހަކައަކީ އެއީ އެވެ. އަނެއްކޮޅުން ފާޑުކިޔާ މީހުން ބުނާ ގޮތުގައި ފައިސަލް ނޫން އެހެން ބޭފުޅަކު އެ މަގާމުގައި ހުރި ނަމަވެސް އެ ލަނޑުދަނޑި ހާސިލް ކުރެވޭނެ އެވެ.
ފާޑުކިޔުމުން ހިތްވަރު؛ އެހީތެރިންނަށް ޝުކުރު
މިނިސްޓަރު ކަމުގައި ފައިސަލް ހޭދަކުރެއްވީ ކުރު މުއްދަތެއް ނަމަވެސް ފާޑުކިޔުންތަކުން ފައިސަލްއަށް ވެސް ސަލާމަތް ނުވެވުނެވެ. މިއަދު މަގާމުގައި ނެތް ނަމަވެސް، އެކަންކަން އިސްލާހުކުރައްވަން މަސައްކަތް ނުކުރައްވައޭ ވެސް ނުބުނެވޭނެ އެވެ.
މިސާލަކަށް، ފައިސަލްއަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި، އިނގިރޭސި ބަހުން ވާހަކަދެއްކުމާއި ހުނަރު ރަނގަޅު ކުރަން ޓިއުޝަން ނަންގަވަން މަސައްކަތް ކުރެއްވި އެވެ.
"ރައްޔިތުން ކީ ފާޑަކީ ކުރިއަށް ދާން އަޅުގަނޑަށް ލިބުނު ގަދަ ހިތްވަރަކަށް ވި އެވެ،" ފައިސަލް ވިދާޅުވި އެވެ.
ދެން ތިބީ ފައިސަލް މިނިސްޓަރުކަމުގައި ހޭދަކުރެއްވި 438 ދުވަހުގެ ތެރޭގައި އޭނާއަށް އެހީތެރިވި މީހުންނެވެ. ލިސްޓުގެ އެންމެ ކުރީގައި ރައީސް މުއިއްޒުގެ ނަންފުޅެވެ. އެއަށް ފަހު ވަޒީރުންނާއި މަޖިލީހާއި ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންނެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންގެ ފަރާތުން ވެސް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހުރިހާ އެންމެންނަށް ފައިސަލްގެ ހިތުގައި އޮތީ ލޯތްބާއި ޝުކުރެވެ.
"ޓޫރިޒަމް އިންޑަސްޓްރީ އާއި އެ އިންޑަސްޓްރީގައި ހިމެނޭ މަޓީ، މަޓާޓޯ އަދި ގެސްޓުހައުސް އެސޯސިއޭޝަނާއި އެޑްވައިޓާ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް އަޅުގަނޑަށް ދެއްވި އެއްބާރުުމަކީ ގަދަ ބާރަކަށްވި އެވެ،" އެ ފަރާތްތަކަށް ހިތުގައި ބޮޑު ލޯތްބެއް އޮތްކަން ފާހަގަކޮށް، ޝުކުރު އަދާކުރަމުން ފައިސަލް ވިދާޅުވި އެވެ.
"އެއީ އެމްއެމްޕީއާރުސީ އާއި އެ ތަނުގެ ވެރިންނާއި މުވައްޒަފުން ހިމެނޭ ގޮތުން އުފެދިފައި އޮތް ލޯތްބެކެވެ."
ޓޫރިޒަމަށް ކުރާ އުންމީދާއި މެދު ރާސްތާގެ އަމިއްލަ ތަސައްވުރު
ފައިސަލްއަށް ލިބިވަޑައިގެންނެވި ތަޖުރިބާގެ އަލީގައި އޭނާ ވިދާޅުވީ ދިވެހި ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދަން ޖެހޭ ކަމަށެވެ. އެކަމަށް ދިވެހިން އަޅަންޖެހޭ އެންމެ ބޮޑު ފިޔަވަޅަކީ، އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އޮތް ފިޔަވަޅެކެވެ.
"އެއީ ޓޫރިޒަމްގެ ފަހި ފުރުސަތުތައް ޒުވާނުންނަށް ހޯދައިދީ، އިންވެސްޓުކޮށް، ޒުވާނުންގެ ބައިވެރިވުމާ އެކު ދިވެހި ޓޫރިޒަމް ދިވެހިންގެ އަތް މައްޗަށް ގެނައުމެވެ. އިތުރު އެނދު ތަރައްގީ ކުރާނެ ފަންޑު ހޯދައިދިނުމާ އެކު ފަސޭހަ ފަހި މާހައުލެއް ޒުވާނުންނަށް އުފައްދައި ދިނުމެވެ،" ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދަން ކުރަންޖެހޭ ކަންކަން ތަފްސީލުކޮށްދެއްވައި ފައިސަލް ވިދާޅުވި އެވެ.
އިތުރަށް ކުރަން ޖެހޭ ކަންކަމުގެ ގޮތުގައި އޭނާ ފާހަގަކުރެއްވި ކަންތައްތަކަކީ:
-
ކުޑަ އިންޓްރެސްޓެއްގައި ލޯނު ދިނުން
-
ޓޫރިޒަމް ނެތް ދިމަދިމާއަށް ލުއި ހޯދައިދިނުން
-
ކަނެކްޓިވިޓީ އިތުރުކުރުން
-
ލ. ހުޅިމެންދޫގައި ތަރައްގީކުރަން ނިންމާފައިވާ ޓޫރިޒަމް ޓްރެއިނިން ސްކޫލު އުފައްދައި، ތަރައްގީކުރުން
-
ނުހެދި، ސިމެންތިއަށް ވެފައިވާ ރަށްތަކުގެ ވެރިންނާ ވަހަކަދައްކައި މާކެޓަށް ނެރެވޭނެ ގޮތް ހޯދައިދިނުން
-
އެމްއެމްޕީއާރުސީގެ ބަޖެޓު 25 - 50 މިލިއަން ޑޮލަރާ ދެމެދުގެ ބަޖެޓަކަށް ބޮޑުވުން
"މިކަންކަން ވެގެން ދިއުމަކީ އަޅުގަނޑު ދެކެން ބޭނުންވާ ތަނެވެ،" ފައިސަލް ވިދާޅުވި އެވެ.
ފަތުރުވެރިކަމާ މެދު ފައިސަލް ގެންގުޅުއްވާ އަމިއްލަ، މެދުރާސްތާ ތަސައްވުރެއް ވެސް އެ ބަޔާނުގައި އޭނާ ވަނީ ހިއްސާކުރައްވާފަ އެވެ. އެއީ:
-
މީގެ 15 އަހަރު ފަހުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި 6،000 އާއި 8،000އާ ދެމެދުގެ އެނދު އުފެއްދިފައިވުން
-
ބައިނަލްއަގްވާމީ އެއާޕޯޓުތަކާ އެކު އަތޮޅުތަކަށް ޝެޑިއުލް ފްލައިޓުތައް އަޅަން ފެށުން
-
ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒް މެރީނާ ހަދައި ކްރޫޒްލައިނާތަކަށް ޖާގަ ހޯދައިދިނުން
-
ޓޫރިޒަމް ސިންދަފާތުކޮށް، މެޑިކަލް، ސްޕޯޓް އަދި ހެރިޓޭޖް ޓޫރިޒަމަށް ޖާގަ ތަނަވަސްކުރުން
އިތުރަށް ކިޔާލަން
ފައިސަލްގެ ބަޔާން ނިންމަވާލެއްވީ އޭނާގެ އެންމެ ބޮޑު ހުވަފެނާއި އުފަލާއި ވާޖިބު ހިއްސާ ކުރައްވަމުންނެވެ.
"ދިވެހި ގައުމަށް ހިދުމަތް ކުރުމަކީ އަބަދުވެސް އަޅުގަނޑުގެ އެންމެ ބޮޑު އުފަލެވެ. ދެކޭ އެންމެ ބޮޑު ހުވަފެނެވެ. އަޅުގަނޑު އަދާކުރަން ޖެހޭ އެންމެ ބޮޑު ގައުމީ ވާޖިބު ވެސް މެއެވެ. އަޅުގަނޑު އެދެނީ ދިވެހި ގައުމާއި ރާއްޖޭގެ ޓޫރިޒަމަށް ފެހިކަމާއި އާރޯކަން ލިބިލިބި ހުރުމެވެ."