ޗައިނާގެ ޝިއަމެން އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފެށުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/އެމްއެމްޕީއާރުސީ)
ރާއްޖެ އަންނަ ޗައިނާ ޓޫރިސްޓުންގެ އަދަދު %60 އިތުރުވާނެ ކަމަށް ބެލެވޭ: ފައިސަލް
މާކެޓިން ހަރަކާތްތަކާއި ފްލައިޓް ކަނެކްޓިވިޓީ އިތުރުކޮށް ޗައިނާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު އިތުރުކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޗައިނާގެ ޝިއަމެން އެއާލައިނުން ވަނީ އެ ގައުމުގެ ފުޖިއަން ޕްރޮވިންސްއާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށާފަ އެވެ. އެހެން ނަމަވެސް މި ދަތުރުތައް ފެށީ ޗާޓަރު ދަތުރުތަކެއްގެ ގޮތުގަ އެވެ.
ޝިއަމެންގެ ދަތުރުތައް ފެށުން ފާހަގަކުރަން އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ މިއީ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ބުނީ ކީކޭ؟ - މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ ގުޅިގެން ޗައިނާގެ އެކި ސަރަހައްދުތަކުގައި މާކެޓިން ވަރަށް ބޮޑަށް ވަރުގަދަކުރާނެ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި ޗައިނާގެ އިތުރު އެއާލައިންތައް ރާއްޖެއަށް ދަތުރުކުރާނެ. އެހެންވީމަ، އަޅުގަނޑުމެން މި ބަލަނީ ވޭތުވެދިޔަ އަހަރަށް ވުރެ ގިނަ ފަތުރުވެރިން ޗައިނާއިން ގެނެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ ނަތީޖާއަކީ ޗައިނާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދަށް މިއަހަރު ގާތްގަނޑަކަށް %60ގެ ކުރިއެރުމެއް ލިބުން ކަމަށް ފައިސަލް ވިދާޅުވި އެެވެ.
ޗައިނާގެ އިތުރު ސަރަހައްދުތަކުން ދަތުރުތައް
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވިދާޅުވީ ޗައިނާގެ އެކި ޕްރޮވިންސްތަކާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
"އޭގެ ތެރެއިން މިއީ ފުރަތަމަ ޕްރޮވިންސްއާ އެއްކޮށް ކުރެވޭ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - އަލަށް ދަތުރު ފެށި ޝިއަމެން އެއާލައިންގެ އިތުރުން ޗައިނާގެ އިތުރު ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރެ އެވެ.
ކޮވިޑަށް ފަހު މިދިޔަ އަހަރުގެ ޖެނުއަރީގައި އަލުން ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަން ފެށިއިރު، މިދިޔަ އަހަރު އެ ގައުމުން 183،338 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
މިއަހަރުގެ މިހާތަނަށް ޗައިނާ އިން އެ ގައުމުން 40،892 ފަތުރުވެރިން އައިސްފައިވާއިރު އެއީ ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމެވެ.