މި އަހަރު ރާއްޖެ އައި ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި ބޭއްވި ރަސްމިއްޔާތު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
އަންނަ އަހަރުގެ އަމާޒަކީ %15 އިތުރަށް ފަތުރުވެރިން ގެނައުން: ފައިސަލް
އަމާޒަކީ އަންނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާ އިން %15ގެ ކުރިއެރުން ހޯދުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި އަހަރުގެ ފަތުރުވެރިކަމުގެ ޓާގެޓު ކަމަށްވާ ދެ މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލްކޮށް، އެ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ކާމިޔާބީއަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެންމެންގެ ބުރަ މަސައްކަތުން ހާސިލްކުރެވުނު ކާމިޔާބީއެއް ކަމަށެވެ.
ތަފްސީލް - ފައިސަލް ވިދާޅުވީ ޓޫރިޒަމްގެ އާ ރެކޯޑަކާ އެކު މި އަހަރު ލިބުނު ކާމިޔާބީއާ އެކު އަންނަ އަހަރުގެ އަމާޒަކީ %15ގެ ކުރިއެރުމަކާ އެކު 2.3 މިލިއަން ފަތުރުވެރިން ގެނައުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ކުރިއެރުމާ އެކު ފަތުރުވެރިކަމުން ލިބޭ އާމްދަނީ 5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
ފާހަގަ ކުރެވޭ - ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް 2 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، މި އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން އަދި އެއް މަސް ތެރޭ އެންމެ ގިނަ ފަތުރުވެރިން އައި އަހަރު ވެސްމެ އެވެ. އެގޮތުން:
-
މި އަހަރުގެ ފެބްރުއަރީ މަހު 217،392 ފަތުރުވެރިން އައި
-
14 ފެބްރުއަރީގައި 10،213 ފަތުރުވެރިން އައިސްފައިވޭ
-
އެންމެ އަވަހަށް އެއް މިލިއަން ފަތުރުވެރިންގެ އަމާޒު ވެސް ހާސިލްވީ މި އަހަރު