ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް (ފޮޓޯ/ޓޫރިޒަމް މިނިސްޓްރީ)
ވަޒީރު ވިދާޅުވީ އަމާޒަކީ ދިވެހި ޒުވާނުން ރިސޯޓު ވެރިންނަށް ހެދުން ކަމަށް
ރިސޯޓުތައް ހިމެނޭ ގޮތަށް ދިވެހި ޓުއަރިޒަމް ސިނާއަތުގެ ވެރިންނަށް ދިވެހިން ހެދުމަކީ އެންމެ ބޮޑު އެއް އަމާޒު ކަަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ދުނިޔޭގެ ޓުއަރިޒަމް ދުވަހުގެ މުނާސަބާތުގައި މިނިސްޓަރު ފައިސަލް ދެއްވި ހިތާބުގައި ދިވެހިން ކުރިއެރުންތައް ހޯދަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ކީކޭ ބުނީ؟ - ފައިސަލް ވިދާޅުވީ ދިވެހިންނަކީ ފަތުރުވެރިކަމުގެ ދާއިރާގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އޮތް ބައެއް ކަމަށެވެ. ދިވެހި ޒުވާނުން މި ވިޔަފާރިކުރުމަށް ބާރު އެޅުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށް ވިދާޅުވި އެވެ.
ދިވެހިން ފަތުރުވެރިކަމުގެ ދާއިރާގައި ބާރުވެރިކަން ހާސިލްކުރަން ބޭނުންވާ އަމާޒުތަކުގެ ގޮތުގައި ފައިސަލް ފާހަގަ ކުރެއްވީ:
-
ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންގެ ބޮޑު ބަޔަކީ ދިވެހިންނަށް ހަދަން ބޭނުން
-
ރިސޯޓަކުގެ އެހެނިހެން އިސް މަގާމުތަކުގެ ވަޒީފާތަކުގައި ދިވެހިން ތިބުން
-
ޒުވާނުން ޓޫރިޒަމްގެ ތެރެއަށް ވަދެ، އިންވެސްޓްކޮށްގެން ތިން ހަތަރު ރިސޯޓުގެ އޯނަރުން ގޮތުގައި ހެދުމަކީ އަމާޒެއް ކަމަށް ވިދާޅުވި
މި އަމާޒުތަކަށް ވާސިލްވުމަށް ޓަކައި ފަތުރުވެރިކަމަށް ގެއްލުން ލިބޭނޭ އެއްވެސް ކަމެއް އެއްވެސް ދިވެއްސަކު ނުކުރުމަށް ވެސް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.
"ޓުއަރިޒަމަށް ބަރޯސާވެފައި އޮންނަ ގައުމަކަށް ވާތީ، ގައުމުގެ ހަމަޖެހުމަކީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ވިސްނަން ޖެހޭ އަހަންމިއްޔަތުކަން ދޭން ޖެހޭ ކަމެއް," ފައިސަލް ވިދާޅުވި އެވެ.
ދުނިޔޭގެ ލީޑްކުރާ ޓޫރިސްޓު މަންޒިލަކަށް ރާއްޖެ މިއަދު ވީ, މިއީ ދިވެހިންނަށް ނުކުރެވޭނެ ކަމެއް ގޮތަށް މުޅި ދުނިޔެ އިން ބުނަމުން ދަނިކޮށް އެ ކަމަށް ޗެލެންޖުކޮށް ދިވެހި ބަޔަކު ކުރި މަސައްކަތުން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ޓުއަރިޒަމްގެ ބާނީންނަށް ޝުކުރުއަދާ ކުރައްވަމުން ފައިސަލް އިލްތިމާސްކުރެއްވީ ދިވެހި ޒުވާނުން ވެސް އެއިން ފިލާވަޅު ލިބިގަނެ، ހިތްވަރު ހޯދުމަށެވެ.