އެމްއެމްޕީއާރުސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ފައިސަލް ވާހަކަ ދައްކަވަނީ: ވިދާޅުވީ އިންޑިއާގެ މާކެޓް ރާއްޖެއަށް މުހިންމު ކަމަށް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
'ވެލްކަމް އިންޑިއާ' ހަރަކާތަކީ 'ހިޓެއް'؛ އެ ގައުމު 3 ވަނައަށް އެރުވޭނެ: ފައިސަލް
'ވެލްކަމް އިންޑިއާ'ގެ ނަމުގައި މިދިޔަ ހަފްތާގައި އިންޑިއާގެ ތިން ސިޓީއެއްގައި ބޭއްވި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ހަރަކާތަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި އިންޑިއާ މާކެޓް ތިން ވަނައަށް ގެންދެވޭނެ ކަމުގެ ފެހި ސިގްނަލް ލިބިއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް ބަދުބަސް ރައްދުކުރި މައްސަލަ ހޫނުވި ފަހުން އިންޑިއާ ޓޫރިސްޓުން ރާއްޖެ އައުން މަދުވެފައިވާތީ އެކަން ރަނގަޅު ކުރަން އެމްއެމްޕީއާރުސީ އާއި މަޓާޓޯ ގުޅިގެން 'ވެލްކަމް އިންޑިއާ' ހަރަކާތް ބޭއްވީ ނިއު ދިއްލީ، މުމްބާއި އަދި ބެންގަލޫރުގަ އެވެ.
ބުނީ ކީކޭ؟ - އެ ހަރަކާތަށް ފަހު އެމްއެމްޕީއާރުސީގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ފައިސަލް ވިދާޅުވީ 'ވެލްކަމް އިންޑިއާ' ހަރަކާތަށް އެ ގައުމުގެ ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކުގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބުނު ކަމަށެވެ. އަދި އެ ގައުމުގެ މީޑިއާތަކުގެ ސަމާލުކަން ވެސް އެ ހަރަކާތަށް ހުއްޓުނު ކަމަށް ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
-
ވެލްކަމް އިންޑިއާ ހަރަކާތުގައި ބައިވެރިވި ރާއްޖޭގެ ރިސޯޓް އޮޕަރޭޓަރުންނަށް އިންޑިއާއިން މުޅިންއާ ކުލަޔަންޓުން ލިބުނު
-
ތިން ސިޓީއެއްގެ ރޯޑްޝޯގައި ވެސް ވަރަށް ގިނަ އަދަދެއްގެ އިންޑިއާގެ ޓުއާ އޮޕަރޭޓަރުން ބައިވެރިވި
-
އިންޑިއާގެ ޓޫރިޒަމް މިނިސްޓަރާއި ސިވިލޭވިއޭޝަން މިނިސްޓަރާ ވެސް ބައްދަލުކޮށް ދެ ގައުމުގެ ސަރުކާރުގެ ފެންވަރުގައި ރާއްޖެއަށް ޓޫރިސްޓުން ގެންނަން އިތުރުކުރަން މަޝްވަރާތައްކޮށް އެއްބަސްވުންތަކަކަށް އާދެވުނު
"ވެލްކަމް އިންޑިއާ ރޯޑްޝޯ އިންޑިއާގެ މީޑިއާތަކުގައި ވެސް ބޮޑު ހިޓަކަށްވި. އެޓެންޑެންސް ވަރަށް ރަނގަޅު. ސަން ސިޔާމް ކަހަލަ ދިވެހި ގްރޫޕްތަކަށް ރަނގަޅު ކްލެޔަންސްޓް ވެސް ހޯދުނު. ވަރަށް ވަރަށް ޕޮޒިޓިވްކޮށް ދިޔައީ،" އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު %42 ދަށްވެފައިވާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވި އެވެ.
"މި ހަރަކާތާ އެކު ވަރަށް ވަރަށް ބޮޑަށް އުންމީދު އާވެގެން މިދިޔައީ މިއަހަރު އިރާދަކުރެވިއްޔާ ޓޮޕް ތްރީއަށް އަޅުގަނޑުމެންނަށް އިންޑިއާ ގެންދެވޭނެ ކަމުގެ."
ތަފްސީލް - ފައިސަލް ވިދާޅުވީ އެންމެން ގުޅިގެން މަސައްކަތް ކުރެވިއްޖެ ނަމަ، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ތިން ގައުމުގެ ތެރޭގައި އެ ގައުމު ހިމެނޭނެ ކަމަށެވެ. އިންޑިއާއަކީ ރާއްޖެއާ އެންމެ ކައިރީގައި އޮތް އެންމެ އުންމީދީ މާކެޓްކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެ ގައުމުގެ އެތައް މިލިއަން ޓޫރިސްޓުންނެއް ކޮންމެ އަހަރަކު ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރާއިރު އެ އަދަދާ ގާތަށް ވެސް ރާއްޖެއަށް އަދި އެ ގައުމުން ޓޫރިސްޓުންނެއް ނުގެނެވެ އެވެ.
މި ހަރަކާތާ އެކު ވަރަށް ވަރަށް ބޮޑަށް އުންމީދު އާވެގެން މިދިޔައީ މިއަހަރު އިރާދަކުރެވިއްޔާ ޓޮޕް ތްރީއަށް އަޅުގަނޑުމެންނަށް އިންޑިއާ ގެންދެވޭނެ ކަމުގެ.
ނަމަވެސް އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިލިއަނަކަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ. އެގޮތުން، ކުރަން ރާވާފައިވާ ބައެއް ކަންކަމުގެ ގޮތުގައި މިިނިސްޓަރު ވިދާޅުވީ:
-
އިންޑިއާގެ އިތުރު ސިޓީތަކުން ރާއްޖެއަށް ދަތުރުތައް ކުރަން ފެށުމާއި މިހާރު ކުރާ ދަތުރުތައް އިތުރުކުރުން
-
ސޯޝަލް މީޑިއާގައި މަޝްހޫރު އިންޑިއާގެ އެކި އިންފްލުއެންސަރުން ރާއްޖެ ޕްރޮމޯޓް ކުރަން އެމްބެސެޑަރުން ގޮތުގައި ހަމަޖެއްސުން؛ 30-40 މިލިއަން ފޮލޯވަރުން ތިބި ފަރާތްތައް ނަގާނީ
-
އިންޑިއާގެ ފިލްމް އިންޑަސްޓްރީގެ ބައެއް މަސައްކަތްތަކުގެ ތެރޭ ރާއްޖޭގެ ރީތިކަން ދައްކާލެވޭނެ ގޮތްތައް ހޯދުން
"އަންނަ ހަފްތާ ފެނިގެން ދާނެ އިންޑިއާ-ރާއްޖެ ގުޅުން އިތުރަށް ރަނގަޅުވެގެންދާ ތަން. މިއާ އެކު އަދި މި ކުރެވޭ މަސައްކަތްތަކުން އަޅުގަނޑުމެންނަށް ނުވާނެ ކަމެއް ނޫން އެއީ އިންޑިއާ ތިނަކަށް ގެންދިއުން. އަދިވެސް އަޅުގަނޑުމެން އިންޑިއާއަށް އަދި އެއްފަހަރު ގޮސް މަސައްކަތް ކުރާނަން. އިންޑިއާ ޓޫރިސްޓުން އިތުރުކުރުމަށް ވަރަށް ބޮޑަށް އުންމީދެއް މި ލިބުނީ،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް އިތުރަށް ވިދާޅުވީ ރާއްޖެއަށް ބުކިން ހެދުން ހުއްޓާލި އިންޑިއާގެ ވަރަށް ބޮޑު ޓުއާ އޮޕަރޭޓަރަކާ ވެސް ދަތުރުގައި ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ފަރާތުން އަލުން ރާއްޖެއަށް ބުކިންސްތައް ހުޅުވާލަދޭނެ ކަމުގެ އުންމީދު ދެއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ މިހާރުގެ އަމާޒު ހުރީ އިންޑިއާއާ ޖެހިގަނެގެން ނޫޅުމަށެވެ. އޭގެ ބަދަލުގައި ހުރިހާ ގައުމަކާ އެކު ވެސް ގުޅިގެން ކުރިއަށް ދިއުމަކީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސަތު ކަމަށް ފައިސަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ކުރިން ހުންނެވި ރައީސެއްގެ ވިސްނުމެއް އެއީ ޖެހިގަނެގެން އުޅުމަކީ. ރައީސް މުއިއްޒުގެ ވިސްނުން މި ހުރީ ހުރިހާ ގައުމަކާ އެކު ވެސް ގުޅިގެން އެކުގައި ކުރިއަށް ދާން. އެހެން ވީމާ، ޓޫރިޒަމް ވެސް މި ހުންނަނީ އެއް ގައުމު އަނެއް ގައުމު ގުޅިގެން ދެވޭ ގޮތަށް،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ އަންނަ އިންޑިއާ މީހުންނާއި ރާއްޖޭގައި އިންވެސްޓްކުރާ އިންޑިއާގެ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ރުޕީސްއިން ރާއްޖޭގައި މުއާމަލާތް ކުރެވޭނެ ގޮތް ވަރަށް އަވަހަށް ހަމަޖެހޭނެ އެވެ. އެގޮތުން ރުޕޭ ކާޑު ފަދަ ހިދުމަތްތައް ރާއްޖޭގައި ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.