ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން މީރާގެ ނޯޓިސްބޯޑެއްގައި އާންމުކޮށްފައިވާއިރު މީހަކު މީރާއިން ހިދުމަތް ހޯދަނީ: ދައުލަތަށް އެކި ފަރާތްތަކުން ނުދައްކާ ހުރި ފައިސާގެ އަދަދު (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ޓޫރިޒަމުން ލިބެން ޖެހޭ ފައިސާއިން 5 މިލިއަން ޑޮލަރު 17 ދުވަހުން ހޯދައިފިން: މިނިސްޓަރު
ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން ޓޫރިޒަމް ސިނާއަތުން ލިބެން ޖެހިފައިވާ ފައިސާ ހޯދުމަށް މިދިޔަ 17 ވަރަކަށް ދުވަސް ތެރޭ ކުރި މަސައްކަތުން 5 މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) ދައުލަތަށް ހޯދިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހުކުރު ދުވަހުގެ ރޭ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވަނީ ދިވެހި ދައުލަތަށް ލިބެން ޖެހޭ 513 މިލިއަން ޑޮލަރު ކުރީގެ ސަރުކާރުތަކުގެ އިހުމާލުން ނުލިބި އެބަހުރި ކަމަށް ވިދާޅުވެފަ އެވެ.
މި ފައިސާ އެކަނި ހޯދި ނަމަވެސް ރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ މައްސަލަ ހައްލު ކުރެވޭނެކަން ފާހަގަ ކުރައްވައި ރައީސް ވަނީ އެ ފައިސާ ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާކަން ހާމަކުރައްވައިފަ އެވެ.
ތަފްސީލް - އެ ވާހަކަތަކުގެ ތަފްސީލް ދެއްވަމުން ރޭ ސަންގު ޓީވީގައި ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ރިސޯޓުތަކުން ލިބެންޖެހޭ ފައިސާ ހޯދުމަށް ރިސޯޓުތަކާ އެކު މިހާރު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
ފައިސަލް ވިދާޅުވި ގޮތުގައި މިހާރު ހިނގަމުން އަންނަ ރިސޯޓުތަކުން 78.5 މިލިއަން ޑޮލަރު ދައުލަތަށް ލިބެން ޖެހެ އެވެ. އޭނާ ވިދާޅުވީ އެ ފައިސާ ހޯދުމަށް މަސައްކަތް ކުރަނީ ޓޫރިޒަމް ވިޔަފާރިވެރިންނާ ވެސް ވާހަކަ ދައްކައިގެން އެކުވެރި މާހައުލެއްގައި ދެ ފަރާތަށް ވެސް އެއްބަސްވެވޭ ގޮތްތަކަކަށް ކަމަށެވެ.
އެގޮތުން ދައުލަތަށް ފައިސާ ދައްކަންޖެހޭ ރިސޯޓުތަކަށް ނޯޓިސް ފޮނުވައިގެން މިހާތަނަށް 5 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ:
-
ރިސޯޓުތައް ހަދަމުން އަންނަ ރަށްރަށުން 173 މިލިއަން ޑޮލަރު ނުލިބި އެބަހުރި
-
އެ ފައިސާތައް ހޯދުމަށް ފައިސާ ބަހާލައިގެން ދެއްކޭނޭ ލުއި ގޮތްތަކެއް ވިޔަފާރިވެރިންނަށް ސަރުކާރުން ހޯދައިދޭނެ
-
އެއްބަސްވާ މުއްދަތަށް އެ ފައިސާ ނުދައްކާ ނަމަ ކޯޓަށް ގޮސްގެން ވެސް އެ ފައިސާ ހޯދާނަން
"މިހާރު މިދަނީ މި ލާރި ހޯދުމުގެ މަސައްކަތް ކުރަމުން. އެ މަސައްކަތް ފެށި ފަހުން ފާއިތުވި 17 ވަރަކަށް ދުވަސް ތެރޭ 5 މިލިއަން ޑޮލަރު ވަނީ ދައުލަތަށް ހޯދިފައި. ދެން އަޅުގަނޑުމެން މިދަނީ، މި ފައިސާ އެ ވިޔަފާރިވެރިންނަށް ލުއި ގޮތްތަކަކާ އެކީގައި ދެއްކޭނެ ގޮތެއް [ތައާރަފް ކުރަން މަސައްކަތް ކުރަމުން]. އެންމެ ދިގުވެގެން 5 އަހަރު ތެރޭ މި ފައިސާ ދައުލަތަށް ދައްކަން ހަލާސް ކުރަންވާނެ،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓޫރިޒަމް ސިނާއަތުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް މި ސަރުކާރުން މަސައްކަތް ކުރާނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ. ފައިސަލް ވިދާޅުވީ:
-
ޓޫރިޒަމް ސިނާއަތުން އެހާ ބޮޑު އަދަދެއްގެ ފައިސާ ނުލިބި އޮތީ ކުރީގެ ސަރުކާރުތަކުގެ ޓޫރިޒަމް މިނިސްޓަރުންގެ ބޮޑު އިހުމާލެއް އެކަމުގައި އޮތުމުން
-
އެގޮތުން ރިސޯޓްތަކުގެ ވެރިން ބުނުމުން އުސޫލެއް ނެތި ފައިސާ ދެއްކުން ލުއިކޮށް ދިނުމާއި މާފުކޮށް ދިނުން ފަދަ ކަންކަން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި
"މިކަމުގައި އަޅުގަނޑުގެ މަސްލަހަތެއް ނެތް. މިކަން ކުރަން ކެރޭނެ. މިއީ އަޅުގަނޑުގެ ފައިސާއެއް ރައީސް މުއިއްޒުގެ ފައިސާއެއް ވެސް ނޫން. ރައްޔިތުންގެ ފައިސާ މިއީ. އެހެން ވީމާ އަޅުގަނޑު ބަޔަކަށް އެގޮތަށް ފައިސާ މާފުކޮށްދީ ކަންކަން ކުރީމާ އެ ވެވެނީ އަޅުގަނޑުކޮށްގެން ހުރި ހުވަޔާ ވެސް ހިލާފު،" ފައިސަލް ވިދާޅުވި އެވެ.
ގުޅުން ހުރި - މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވީ ދައުލަތަށް ލިބެން ހުރި ފައިސާ ހޯދަން މި ސަރުކާރުން މަސައްކަތް ފެށުމާއެކު ބައެއް ފަރާތްތަކުން ފައިސާ ދައްކަން ފަށާފައިވާ ކަމަށެވެ. އެފައިސާ ނުލިބިއްޖެ ނަމަ ކޯޓު މަރުހަލާ އަށް ގޮސްގެން ވެސް އެކަން ކުރައްވާނެ ކަމަށާއި ދޫނުދެއްވާނޭ ކަމަށް ވެސް ރައީސްގެ ތަގުރީރުގައި ވިދާޅުވި އެވެ.