ޓުއަރިޒަމް މިނިސްޓަރު ޔޫއެން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ)
ކޯޗެއް ނަގައިގެން ހަ މަސް ތެރޭ އަޅުގަނޑުގެ ވާހަކަ ދެއްކުން ރަނގަޅު ކުރާނަން: ފައިސަލް
ކޯޗެއް ނަގައިގެން ހަ މަސް ތެރޭ އޭނާގެ ވާހަކަ ދެއްކުން ރަނގަޅު ކުރައްވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފައިސަލް ބޭރު ގައުމުތަކުގައި އިނގިރޭސީ ބަހުން ވާހަކަ ދައްކަވާ ކޮންމެ ފަހަރަކު، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ އެވެ. ޓޫރިޒަމް މިނިސްޓްރީ ފަދަ ވުޒާރާއެއްގެ ވަޒީރެއް އިނގިރޭސި ބަހަށް ކޮށިވެ ފެންވަރު ނެތް ކަމަށް ބުނެ، އާންމުން އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރެ އެވެ.
އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ފައިސަލް ވާހަކަ ދެއްކެވީ، ރޭ ސަންގު ޓީވީގެ 'ސަރުކާރު' ޕްރޮގްރާމަށް ދެއްވި އިންޓަވިއުގަ އެވެ.
ބުނީ ކީކޭ؟ - "އެބޭފުޅުން އެ ކިޔާ ފާޑުކިޔުންތައް އަޅުގަނޑު އިރާދަކުރެއްވިއްޔާ ރަނގަޅު ކުރާނަން. އަޅުގަނޑުގެ ޕަބްލިކް ސްޕީކިން ވެސް އިރާދަކުރެއްވިއްޔާ ކޯޗެއް ހަޔާ ކޮށްގެން އެ މަސައްކަތް ކުރަން. އަޅުގަނޑު ކުރިއަށް އޮތްތާގައި އިރާދަކުރެއްވިއްޔާ އެކަން ރަނގަޅު ކުރާނަން،" ފައިސަލް ވިދާޅުވި އެވެ.
"އެއީ، ދިވެހި ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރު ވީމަ، ދިވެހި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ވަކި ސްޓޭންޑަޑެއް ހުންނަކަން އަޅުގަނޑު އަމިއްލައަށް ގަބޫލުކޮށް، އަޅުގަނޑު އެ ޕްރެކްޓިސްކޮށް، އެ ޓްރައިނިންތައް ހަދާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަ މަސް ތެރޭ މިކަން ރަނގަޅު ކުރާނަން."
ތަފްސީލު - ފައިސަލް އެގޮތަށް ޖަވާބު ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މަގާމުގައި ހުންނެވި ކުރީގެ މިނިސްޓަރު މަލީހް ޖަމާލު އޭނާއާ 'ޒާތީވެ' އެކްސްގައި ބައެއް ޕޯސްޓުކުރައްވާ ކަމަށް ޕްރެޒެންޓަރު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެކަން އެގޮތަށް ކުރަނީ، 'ޒާތީ ވެގެންތޯ' ފައިސަލްއާ ސުވާލުކުރި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ފައިސަލް ވަނީ، މަލީހުގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދަށް ވެސް ރައްދު ދެއްވައި ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ އެ ދެ ބޭފުޅުންނާ މެދު އޭނާގެ ޒާތީ ކަމެއް ނެތް ކަމަށާއި އެކަމަކު އެ ބޭފުޅުން އުޅުއްވަނީ އޭނާއާ ޒާތީވެގެން ކަމަށެވެ.
މަލީހާއި ޖަމީލަށް ވުރެ މި ތިބީ ސިޔާސީ ގޮތުން ކުރީގައި
އެ ސުވާލަށް އިތުރަށް ޖަވާބު ދެއްވަމުން ފައިސަލް ވިދާޅުވީ މަލީހާއި ޖަމީލަށް އަމިއްލައަށް ނުކުމެވަޑައިގެން ސިޔާސީ މަސައްކަތް ކުރައްވަން ކެރިވަޑައިނުގަންނަވާ ކަމަށާއި އަބަދުވެސް މަސައްކަތް ކުރައްވަނީ ކޮންމެވެސް ސިޔާސީ ބޭފުޅެއްގެ 'ހިޔަނީގައި' ކަމަށެވެ.
މިހާރު އޮތް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ފިޔަވައި، މިފަހުން އެކުލަވާލި ކޮންމެ ސަރުކާރެއްގައި މަލީހާއި ޖަމީލު އިސް މަގާމުތަކުގައި ތިއްބެވިކަން ފާހަގަކުރައްވައި، ފައިސަލް ސުވާލު އުފެއްދެވީ، އެ ދެ ބޭފުޅުން 'އެބުނާ މޮޅެތި ބޭފުޅުންނަށް ވެގެން، އެބޭފުޅުންނަށް ކުރެވުނީ ކޮން ކަމެއްތޯ' އެވެ.
"ސިޔާސީ ކަންކަމަކީ އަދި މަލީހާއި ޖަމީލު ކިތަންމެ ދޮންވެގެން ރީތިވެގެން ވާ ކަންކަމެއް ނޫން. ވަރަށް ބޮޑަށް ޒާތީވީމަ މި ވާހަކަ [މި ދައްކަނީ]...މަލީހާއި ޖަމީލަށް އަޅުގަނޑު ދަންނަވާލަން އޮތީ، މިވަގުތު އަޅުގަނޑުމެން މި ތިބީ އެ ދެ ބޭފުޅުންނަށް ވުރެ ކުރީގައޭ. ދެން އޮތީ މި ބަލި ގަބޫލުކޮށް، މި ފަސް އަހަރު ރީއްޗަށް މަސައްކަތް ކުރުންް،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި އޭނާ ޓުއަރިޒަމް މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކޮށް، އެ މަގާމުގައި މިއަދު އެ ހުންނެވުނީ ރައީސް މުއިއްޒުގެ ފުރިހަމަ އިތުބާރު އޮތުމުންނެވެ.
"ރާއްޖޭގެ ކެބިނެޓަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ކެބިނެޓެއް. މިއީ، ޑރ. ޖަމީލާއި މަލީހު އެކުލަވާލާ ކެބިނެޓެއް ނޫން،" ފައިސަލް ވިދާޅުވި އެވެ.
"މިވަގުތު އޮތް ގޮތަކީ، ޑިމޮކްރަސީއަށް ތަބާވުން. އެއީ، ބަލި ގަބޫލުކޮށް ރީއްޗަށް ތިބުން. ރައްޔިތުން ބޭނުންވީ ރައީސް މުއިއްޒާ އެކު ކުރިއަށް ދާން. ރައްޔިތުން ބޭނުންވީ މަޖިލީހުގެ މެޖޯރިޓީ ރައީސް މުއިއްޒަށް ދޭން."
ކޮމެންޓް (26)
ނަސީ
ައަދުރޭ ސަރުކާރު
ޑީމަން
މަންޑޭ
އައްލޯ
ޙަސަން
ރައްޔިތެއް
ހުސެއިނު
އާދަމް ރަޖްނީ
ހުޒާމް
ޙަސަން
މީހެއް
ޚަލޯ
ލައްކަވާހަކަ
ހޯހޯ އަހުމަދު
ކޯން
އަލީ
ލ ފަޙުރު
މަލީހު
މަރީ
މަރީ މަރީ
ޝިހާބު
ސަންތި
ހޯސޭ
ހުސޭނު
ދެޓް