އައްޑޫ ޝަންގްރިއްލާ ރިސޯޓު. ކޮވިޑުގައި އެ ރިސޯޓު ބަންދު ކުރި ގޮތަށް އަދިވެސް ނުހުޅުވާ
ގާނޫނަށް ބަދަލު ގެނެސްގެން ވެސް އައްޑޫ ޝަންގްރިއްލާ ހުޅުވާނަން: ފައިސަލް
އައްޑޫގައި ތަރައްގީކޮށްފައިވާ ނަމަވެސް ހިންގުން ހުއްޓާލާފައި އޮންނަތާ އަހަރުތަކެއް ވެފައިވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ހުޅުވައި އޮޕަރޭޝަނަށް ގެނައުމަށް ގާނޫނަށް ބަދަލު ގެންނަން ޖެހުނު ނަމަވެސް އެކަން ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭ ޝަންގްރިއްލާ ރިސޯޓު ހިންގަން ފެށުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ގާނޫނަށް ބަދަލު ގެންނަން ޖެހޭ ނަމަ އެކަން ކޮށްގެން ވެސް އެ ރިސޯޓު ހިންގަން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ބުނީ ކީކޭ؟ - ފައިސަލް ވިދާޅުވީ އައްޑޫ ޓޫރިޒަމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ޝަންގްރިއްލާ ރިސޯޓު ބަންދުކޮށްފައި ނުހުޅުވި އޮތުން ކަމަށެވެ.
އެ ރިސޯޓުގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި ތިބި ރިސޯޓު މެނޭޖުމެންޓާ، މަގާމާ ހަވާލުވެވަޑައިގެން ފުރަތަމަ މަސް ތެރޭ ބައްދަލު ކުރެއްވި ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރަށް 11-10 މަސް ވީ އިރު ޝަންގްރިއްލާ އޮޕަރޭޝަނަށް ނުގެނެވި އޮންނަތާ ގިނަ އަހަރުތަކެއް ވެއްޖެ. މި 10 މަސް އެކަންޏެއް ނޫން. ރައީސް ވައުދުވެވަޑައިގެންނެވި ޝަންގްރިއްލާ ވީ އެންމެ އަވަހަކަށް ހުޅުވާނެ ވާހަކަ. އެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން މި ދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަންގްރިއްލާ ރިސޯޓް ހުޅުވީ 2009 ވަނަ އަހަރެވެ. ކޮވިޑާ އެކު 2020 ވަނަ އަހަރުގެ ތެރޭ އެ ތަން ބަންދުކުރި އެވެ.
އައްޑޫގެ ވަރަށް ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން ދިޔަ އެ ރިސޯޓު ނުހުޅުވާ އޮންނާތާ ހަތަރު އަހަރު ވެފައި ވާއިރު، ފައިސަލް ވިދާޅުވީ ޝަންގްރިއްލާ ރިސޯޓަކީ އައްޑޫގެ ގިނަ ޒުވާނުންތަކެއް ވަޒީފާ އަދާކުރަމުން ދިޔަ ތަނެއް ކަމަށާއި އެ ރިސޯޓަކީ ބޮޑު އިންވެސްޓުމެންޓެއް ކަމަށެވެ.
ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މިނިސްޓްރީން މިހާރު ވާނީ ޝަންގްރިއްލާގެ އޯނަރުންނާ ބައްދަލުކުރަން، އަޅުގަނޑުމެންގެ ޓީމެއް ވަރަށް އަވަހަށް އެ ބޭފުޅުން ތިއްބެވި ތަނަކަށް ދާނެ،" ފައިސަލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓޫރިޒަމާ ބެހޭ ގާނޫނު އޮތް ގޮތުން ޓޫރިޒަމް ތަރައްގީ ކުރުމަށް ރަށެއް ނަގައި އެ ރަށް ތަރައްގީ ކުރުމަށް ފަހު އޮޕަރޭޓު ނުކޮށް އޮތް ނަމަވެސް ގަވައިދުން ކުލި ދައްކާ ނަމަ އެ ރަށް ނެގޭނެ ހާލަތެއް ގާނޫނުގައި ނެތް ކަމަށެވެ.
"އެހެންވީމާ އަޅުގަނޑަށް ގަބޫލު ކުރެވެނީ ޝަންގްރިއްލާ ހުޅުވުމަށް ޓޫރިޒަމް ގާނޫނަށް ގެންނަން ޖެހޭ އިސްލާހެއް ގެނެސްގެން ވެސް އެކަން ކުރާނެ ވާހަކަ،" ފައިސަލް ވިދާޅުވި އެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް އެ ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތަައް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގުޅުން ހުރި - ޝަންގްރިއްލާ ރިސޯޓް ހިންގާ 'އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް'ގައި އޮންނަ ސަރުކާރުގެ %30 ހިއްސާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަނީ ދޫކޮށްލައިފަ އެވެ.
-
އެ ރިސޯޓު އަލުން ހުޅުވުމަށް ސަރުކާރުން ކުރާ ކަމެއް އޭގެ ފަހުން ހާމަކޮށްފައެއް ނުވޭ
-
އެއީ 50.6 ހެކްޓަރު ބޮޑު ރަށެއް
-
އެއީ 284 އެނދުގެ ރިސޯޓެއް
ކޮމެންޓް