ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް. (ދައުރު ފޮޓޯ/ހުސެއިން ސުނޭން)
ޑްރޯން ކުންފުންޏެއްގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދެނީ
ތުރުކީގެ ޑްރޯން އުފައްދާ ކުންފުންޏެއްގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މޯލްޑިވްސް ޔޫތު ހެކަތަން އިފްތިތާހު ކުރުމަށް މިއަަދު އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ހެކަތަން އިން ފާހަގަކުރެވޭ ހުނަރުވެރި ކުދިންނަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ފުރުސަތުތައް ފަހިކޮށްދޭން ބޭނުންވާ ކަމަށެވެ.
ތަފްސީލް - މިނިސްޓަރު ވިދާޅުވީ:
-
ރައީސް މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި ޑްރޯން އުފައްދާ ކުންފުންޏަކާ ބައްދަލުކުރެއްވި
-
އެ ކުންފުނީގެ ވެރިން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވޭ
"އަޅުގަނޑަށް ހީވަނީ މި ޕްރޮގްރާމުން ނުކުންނަ އެންމެ ޕޮޓެންޝިއަލް ކުދިންނަށް އަޅުގަނޑުމެންނަށް އެ ކޮމްޕެނީއާ އެކު ފުރުސަތުތައް ހޯދައިދެވިދާނެހެން،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމަށްޓަކާ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެ އަންނަން ބޭނުންވާ ފަތުރުވެރިންނަށް ހާއްސަ އެޕްލިކޭޝަންތަކާއި ޕްލެޓްފޯމުތައް މި ހެކަތަންގެ ތެރެއިން އުފައްދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ރާއްޖޭގެ ޓޫރިޒަމް މާކެޓު ކުރުމުގައި އެ އެޕްލިކޭޝަން މެދުވެރިކޮށް އެއީ ވަރަށް ޕޮޕިއުލާ އެޕްލިކޭޝަނަކަށް ހަދައި ފްރާންސްގައި، އިޓަލީގައި، ރަޝިއާގައި. ޗައިނާ އިންޑިއާގައި ވެސް. ދުނިޔޭގެ ކޮންމެ ތާކު އުޅޭ [މީހަކަށް ވެސް]. އެ މީހަކު ރާއްޖެއިން އަންނަން ބޭނުންވާ ރިސޯޓަކަށް [ބުކިން ހެދޭ]. އޭގެ އެޕްލިކޭޝަނެއް ވެސް މީގެ ތެރެއިން އަޅުގަނޑު އުއްމީދު ކުރަން އަންނާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - ތުރުކީގެ ކުންފުންޏަކުން އުފައްދާ ޑްރޯންތަކެއް ދިވެހި އަސްކަރިއްޔާއަށް ގަންނަން އޯޑަރު ދީފައިވާ ކަމަށް މި ފަހުން އަޑުތައް ފެތުރުނެވެ. އެކަން ސަރުކާރުން ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވިޔަސް، ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަން ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ކޮމެންޓް (1)
ިހިތަޑޫ 2