ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ޖީއެމް ފޯރަމް ފެށުމުގެ ހަފްލާގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ހޮޓަލިއާ މޯލްޑިވްސް)
ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކޮށްގެން މިހާރަކު ނުފުދޭ: ފައިސަލް
ރާއްޖެއިން މިހާރު މަސައްކަތް ކުރަން ޖެހެނީ ހަމައެކަނި ގައުމަށް އަންނަ ޓޫރިސްޓުން ގިނަކުރަން ނޫން ކަމަށާއި އޮކިއުޕަންސީ ރޭޓާއި ޓޫރިސްޓުން ހޭދަކުރާ ދުވަސް އަދި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ އަދަދު އިތުރުކުރަން ސިނާއަތުން މަސައްކަތްތަކެއް ކޮށްދިނުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަކޮށްގެން ނެރޭ މަޖައްލާ، ހޮޓަލިއާ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކްރޮސްރޯޑްސްގައި މިއަދު ފެށި ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންގެ ފޯރަމް، 'ޖީއެމް ފޯރަމް 2024' ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ މިއަހަރު ނިމޭއިރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 2 މިލިއަން ފަހަނައަޅާ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އެ ލަޑުދަނޑި ހާސިލްކުރެވެނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާ އެކުގައިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ 2027ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ ޓޫރިޒަމުން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރާ ހަމައަށް ގެންދިޔުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.
އެކަމަށް މަސައްކަތްތަކެއް ކޮށްދެއްވުމަށް އޭނާ ސިނާއަތުގެ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
"ތިބޭފުޅުންނަކީ [ޖީއެމްއިންނަކީ] ޓޫރިޒަމްގެ އެންމެ ކުރީ ސަފުގައި ތިއްބަވާ ބޭފުޅުން. ތިބޭފުޅުން މި ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް މަސައްކަތްކޮށްދެއްވަން އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" ރިސޯޓްތަކުގެ ޖީއެމުން ކުރާ ބުރަ މަސައްކަތް ފާހަގަ ކުރައްވަމުން ފައިސަލް ވިދާޅުވި އެވެ.
ތަފްސީލް - އިތުރަށް ފައިސަލް ވިދާޅުވީ ސިނާއަތުގެ ފަރާތްތަކުން ރާއްޖެ އިޝްތިހާރުކުރުމާއި ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައި ވެސް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
ޓޫރިސްޓުން ރާއްޖޭގައި ކުރާ ހޭދަ އިތުރުކުރަން ޖެހޭ؛ އެކަންކުރަން ދިވެހި ވިޔަފާރިތަކާއި ހުނަރުވެރިންނަށް ޓޫރިޒަމް ސިނާއަތުން ފުރުސަތު މިހާރަށް ވުރެ ބޮޑަށް ލިބެން ޖެހޭ
-
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީއާ އެކު ރާއްޖޭގެ ޓޫރިޒަމްގެ އިޝްތިހާރުކުރުން އަމާޒުކުރަންވީ އޮކިއުޕަންސީ ރަނގަޅުކުރުމާ އެކު ޓޫރިސްޓުން ރާއްޖޭގައި ތިބޭ ދުވަސް އިތުރުކުރަން
"އިންޑަސްޓްރީގެ ކިބައިން އަޅުގަނޑު އެދޭ އެދުމަކީ ރާއްޖޭގެ ޓޫރިޒަމްގެ އިޝްތިހާރުކުރުމުގައި ވެސް ހަމައެކަނި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުކުރުކުރުމުގެ އިތުރަށް އޮކިއުޕަންސީ ރޭޓާއި ރާއްޖޭގައި ޓޫރިސްޓުން ތިބޭ ދުވަހުގެ އަދަދު އިތުކުރަން މަސައްކަތްކޮށްދެއްވާށޭ،" ފައިސަަލް ވިދާޅުވި އެވެ.
ފައިސަލް އިތުރަށް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ މާސްޓާ ޕްލޭންގައިވާ ގޮތަށް ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކުރާއިރު ތިމާވެއްޓަށް ގެއްލުން ނުވާނޭ ގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި ސިނާއަތް ކުރިއަށް ގެންދަން ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އަދި ޓޫރިޒަމްގެ މަންފާ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ގެންދިޔުމަކީ ވެސް ސަމާލުކަން ދޭން ޖެހިފައިވާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.