ޑަބްލިއުޓީއެމް ފެއާގައި ރާއްޖޭގެ ސްޓޭންޑް: ރާއްޖޭގެ ޕްރޮމޯޝަން އަންނަ އަހަރު ބޮޑު ބަޖެޓެއް ކަނޑައަޅަން ވަނީ ނިންމާފައި

ޓޫރިޒަމް

ޓޫރިޒަމް ޓެކުހުގެ ބައެއް ރާއްޖެ އިޝްތިހާރު ކުރަން ހާއްސަކުރަނީ

ގްރީން ޓެކްސް ނޫނީ ޓީޖީއެސްޓީ އިން ލިބޭ އާމްދަނީ އިން 20-25 މިލިއަން ޑޮލަރު ޓޫރިޒަމް ޕްރޮމޯޓު ކުރުމުގެ ބަޖެޓަށް ހާއްސަ ކުރަން ވަނީ ނިންމާފައި

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުން އިތުރުކުރަން ޓޫރިޒަމް ޓެކުހުގެ އާމްދަނީގެ ވަކި ޕަސެންޓެއް ޓޫރިޒަމް އިޝްތިހާރުކުރުމުގެ މަސައްކަތަށް ހާއްސަކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައިސަލް ރޭ ވިދާޅުވީ ރާއްޖެ އިޝްތިހާރުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން ކަނޑައަޅާފައިވާ ބަޖެޓް ކުޑަވުން ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒާއެކު ކުރި މަޝްވަރާތަކަށް ފަހު ޓޫރިޒަމް އިޝްތިހާރުކުރަން އޮތް ބަޖެޓުގެ ދަތިކަމަށް ހައްލު ހޯދަން ރައީސް މިހާރު ނިންމެވުމެއް ނިންމަވާފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. 

ތަފްސީލް - ދައުލަތަށް އެންމެ ބޮޑު އާމްދަނީ އެއް ލިބެނީ ޓޫރިޒަމުންކަން ފާހަގަ ކުރައްވާ ފައިސަލް ވިދާޅުވީ:

  • ގްރީން ޓެކްސް ނޫނީ ޓީޖީއެސްޓީ އިން ކޮންމެ އަހަރަކު ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ޓޫރިޒަމް ޕްރޮމޯޝަނަށް ހާއްސަކޮށް އެ ފައިސާ އެކަމަށް އެކަނި ހޭދަކުރަން ވަނީ ނިންމާފައި

  • އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ބަޖެޓުގައި އެގޮތަށް ކަނޑައަޅާނޭ ކަމަށް ފައިސަލް ވިދާޅުވި

"މި ބަދަލާ އަޅުގަނޑު އުއްމީދު ކުރަނީ އެމްއެމްޕީއާރުސީން އަންނަ އަހަރު މާކެޓިން އަދި ޕްރޮމޯޝަން ހަރަކާތްތަކަށް ބަޖެޓުގެ ގޮތުގައި ގާތްގަނޑަކަށް 20-25 މިލިއަން ޑޮލަރުގެ (307-383 މިލިއަން ރުފިޔާ) އަދަދެއް ލިބޭނެ ކަމަށް،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބަޖެޓާއެކު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އާ މާކެޓުތަކަށް ހާއްސަ ހަރަކާތްތައް އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ހިންގާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން ކުރާ މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތް އަށެއްކަ މަސް ތެރޭ ފެންނަން ފަށާނެ ކަމަށެވެ.

ގުޅުން ހުރި - ރާއްޖެ އިޝްތިހާރު ކުރުމަށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 154.2 މިލިއަން ރުފިޔާ އެވެ. ބަޖެޓުގެ ދަތިކަމާއެކު ބައެއް ފެއާތަކުގައި ބައިވެރިވުމާއި ޓޫރިޒަމް އިޝްތިހާރުކުރުމުގެ މަސައްކަތަށް ދަތިވެފައިވާ ކަމަށް މިނިސްޓަރު ފައިސަލް ރޭ ވިދޭޅުވި އެވެ.

ކޮމެންޓް (1)

ބަރުޖޯރު

1 އޯގަސްޓު 2024
ބޮޑުން ކާލަން އިތުރު ގަރުދިޔަކޮޅެއްނު ތި ލިބުނީ ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް