ކުރީގެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީނާއި މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރެއްވުން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
3 ރައީސުންގެ ނޫސް ކޮންފަރެންސްގައި ގުގުމާލި ސުވާލު
ރޭ މ. ލާލްޕޫލްގެއާގޭގައި ބައިގަޑިއެއްހާއިރު މަޝްވަރާ ކުރެއްވުމަށް ފަހު ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން، އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންގެ ކުރިމައްޗަށް ވަޑައިގަތީ ވަރަށް ބަދަހިކޮށެވެ. އެ ބޭފުޅުންގެ ހިޔާލުތަފާތުވުންތައް އެއްފަރާތް ކުރެއްވުމަށް ފަހު، އެ ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ ގައުމީ މަސްލަހަތު އިސްކޮށް، ގުޅިގެން މަސައްކަތް ކުރުމަށެވެ. ފުރަތަމަ ކުރައްވަން ނިންމެވި ކަމަކީ މިހާރު ބޮޑު ނުރައްކަލެއްގެ ތެރޭގައި އޮތް މިނިވަން ނޫސްވެރިކަން ސަލާމަތްކުރުމެވެ.
އެކަމާ ދެބަސްވާނެ، މިނިވަން މީޑިއާއެއްގެ އެއްވެސް ނޫސްވެރިޔަކު އެ މާލަމުގައި ހުރެދާނެހެން ހިއެއް ނުވެ އެވެ. އެކަމަކު ސުވާލުތަކެއް އުފެދި، އެ ސުވާލުތައް ތަކުރާރުވީ، އެހެން ވިދާޅުވި ތިން ބޭފުޅުންނާ މެދު އެވެ.
ކުރީގެ ތިން ރައީސުންގެ ތާރީހީ ސައްލާ އާއި ޖެހިޖެހިގެން ތިން ބޭފުޅުން ސޮއި އެޅުއްވި ބަޔާނާ އެކު ވެސް އެ މާލަމުގައި ތަކުރާރުކޮށް ގުގުމާލި ސުވާލުތަކެއް އެބަހުއްޓެވެ.
އަސްލު ނިޔަތަކީ ކޮބާ؟ އޮތީ ކޮން ޔަގީންކަމެއް؟
އެ ސުވާލުތަކުގެ ފަހަތުގައި އޮތީ އެ ތިން ބޭފުޅުންގެ ވެރިކަމުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވި ގޮންޖެހުންތަކާއި ކުރިމަތިކުރުވި ފިއްތުންތަކެވެ.
ހުދުމުހުތާރު، 30 އަހަރުގެ ދިގު ވެރިކަމަކަށް ފަހު އައި ނަޝީދުގެ ވެރިކަމުގައި ނޫސްވެރިކަމަށް ކޮންމެވެސް ވަރެއްގެ އިތުރު މިނިވަންކަމެއް ލިބުނު ނަމަވެސް، ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ވަކިވަކި ނޫސްތަކާއި ނޫސްވެރިންނަށް ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.
ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ނޫސްވެރިން އެކަންޏެއް ނޫނެވެ. ނޫސް އޮތް ގޮތަށް ވެސް ބަންދުކުރީ އެވެ. ނުވިތާކަށް ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވައިލާ، އަނިޔާވެރި ގޮތަކަށް ބްލޮގަރު ޔާމީން ރަޝީދު މަރައިލީ ވެސް ހަމަ އެ ދުވަސްވަރު އެވެ.
ޖެހިގެން އައި ސޯލިހުގެ ވެރިކަމުގައި ގާނޫނަށް އިސްލާހު ގެނެސް، މަސްދަރު ހާމަކުރަން މަޖުބޫރުކޮށް، މިނިވަން ނޫސްވެރިކަމަށް ފިއްތުންތަކެއް ކުރިމަތި ކުރުވި އެވެ. އެ ތިން ވެރިކަމުގައި އެކި ސަބަބުތަކާ ހުރެ ނޫސްވެރިން މަގުމަތީގައި ތިބެން ޖެހުނެވެ.
މި ސަރުކާރުގެ ދައުރު ދެބައިވީއިރު ނޫސްވެރިންނަށް ކުރިމަތި ކުރުވި ގިނަގުނަ ފިއްތުންތަކުގެ ވާހަކަ މިތަނުގައި ހިމެނޭ ވަރަށް ވުރެ މާ ދިގެވެ. ނޫސްވެރިކަން ކޮންޓްރޯލް ކުރުމާއި ވަކިވަކި މީޑިއާތަކާއި ނޫސްވެރިންނަށް އަމާޒުކޮށް ފިޔަވަޅު އެޅުމުގައި އުޅެނީ ވަރަށް ކުރީގަ އެވެ.
މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅަން މި ސަރުކާރުން ކުރި ބައެއް ކަންކަމާ ގުޅޭ ހަބަރުތައް
"ކިހިނެއްތޯ ރައްޔިތުންނަށް ޔަގީންކޮށްދޭނީ ތިޔަ ބޭފުޅުންގެ ނިޔަތަކީ ނޫސްވެރިންގެ ހައްގުތޯ ނޫނީ ތިޔަ ބޭފުޅުންގެ އަމިއްލަ މަންފާއެއް، ސިޔާސީ މަންފާއެއް މި ދަނޑިވަޅުގެ ބޭނުން ހިފުންތޯ ތިޔަ ބޭފުޅުންގެ ނިޔަތަކީ؟ ކިހިނެއްތޯ ތިޔަ ބޭފުޅުން މި ޖަސްޓިފައި ކޮށްދޭނީ ނޫސްވެރިންނަށް؟" 'ސިޓިޒަން'ގެ ފަރާތުން ސުވާލުކުރި އެވެ.
އޭގެ ކުރިން ނަޝީދު އޮތީ ވިދާޅުވެފަ އެވެ. އެ ތިން ބޭފުޅުންގެ ވެރިކަމުގައި ހިނގައިދިޔަ ކަންކަމުގެ ޝަރީއަތް އެތަނުގައި ކުރަން އުޅެފި ނަމަ އެކަމެއް އެރޭ ނުނިންމޭނެ އެވެ. އަދި އެ ކަންކަމުގައި ހުކުމެއް ނެރުމަކީ ވެސް އެބޭފުޅުންނަށް ކުރެއްވޭނެ ކަމެއް ނޫނެވެ.
"އަޅުގަނޑުމެން ފައްޓަމުން ދެންނެވިން، ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ މި ތިބީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ވެރިކަންތައް އެއީ އެންމެ ފުރިހަމަ ގޮތުގައި ކުރެވުނު ވެރިކަންތައް ގޮތުގައި ދެކިގެނެއް ނޫން،" ސުވާލަށް ފުރަތަމަ ޖަވާބު ދެއްވީ ނަޝީދެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ވެސް ގޯސްކޮށް ކަންތައްތަކެއް ހިނގި ކަމަށެވެ. އަދި އެއަށް ފަހު އައި ޔާމީން އާއި ސޯލިހުގެ ވެރިކަމުގައި ވެސް ކަންކަން ހިނގީ އެންމެ ރަނގަޅަށް ނޫން ކަމަށް ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން ދެކޭ ގޮތުގައި އެއީ ސަބަބެއް ނޫން، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން އެއްބަސްވެ، އެކައްޗެއް ކިޔާ، ޑިމޮކްރެސީގެ ރޫހާއި އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރުމަށް ރައްޔިތުންނަށް ވެސް ވާގިދީ، ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑަށް ހުޅުވާލެވޭ ގޮތަކަށް އިހުތިޖާޖުތައް ވެސް މަސައްކަތްތައް ވެސް ކުރަމުން ގެންދިއުން،" ނަޝީދު ވިދާޅުވި އެވެ.
ސޯލިހު ވެސް ވިދާޅުވީ ތިން ބޭފުޅުންގެ ވެރިކަމުގައި ވެސް ސުވާލު އުފެދޭ ކިތަންމެ ކަމެއް ހުންނާނެ ކަމަށެވެ. އެކަމަކު މިހާރު އޮތް ވެރިކަން މާ ގޯހީ އެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިއަދު މިތަނަށް އައިސް ތިބެން މަޖުބޫރު މިވީ. އެ ހުރިހާ ވެރިކަންތަކަށް ވުރެ ވެސް ހާލަތު ގޯސްވެއްޖެ ކަމަށް ގަބޫލުކުރެވޭތީ،" ސޯލިހު ވިދާޅުވި އެވެ.
'މިއީ ނޫސްވެރިން ސުވާލު ނުކޮށް، އުފާކުރަންވީ ވަގުތު'
ޔާމީން ޖަވާބުދެއްވީ 'ޔާމީން ސްޓައިލުގަ' އެވެ. އެމަނިކުފާނުގެ ނަޒަރުގައި މިއީ ނޫސްވެރިން ސުވާލު އުފެއްދުމުގެ ބަދަލުގައި އުފާކުރަންވީ ވަގުތެކެވެ.
"އަޅުގަނޑު ހިތަށްއަރާ، ނޫސްވެރިންގެ ހައްގުގައި، ޕްރެސް ފްރީޑަމްގެ ހައްގުގައި އަޅުގަނޑުމެން ތިން މީހުން [ތިޔަ ވިދާޅުވި ގޮތަށް ސިޔާސީ ފިކުރު އެހާ ތަފާތުވާ ތިން މީހުން] އެއް ގަލަށް އެރީމަ މިއަދު މިއީ ނޫސްވެރިންނަށް އުފާވެރިކަން ލިބެންވީ ދުވަހެއް ކަންނޭނގެ،" ޔާމީން ވިދާޅުވި އެވެ.
އެ ތިން ބޭފުޅުންގެ ސިޔާސީ ނިޔަތެއް ނެތްކަން ޔާމީން ދޮގެއް ނުކުރައްވަ އެވެ. ރިޔާސީ އިންތިހާބެއްގައި ވާދަކޮށްލުމުގެ ވިސްނުން އެ ތިން ބޭފުޅުންގެ ވެސް ހުންނާނެ އެވެ. ނަމަވެސް ސިޔާސީ ފިކުރާއި ރިޔާސީ އިންތިހާބަށް ކުރާ އުންމީދުތަކަކީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، މުޅިން ތަފާތު ކަމެކެވެ.
"މިއަދު މި އައީ މި ހުރިހާ ކަމަކަށް ވުރެ މައްޗަށް، ކޮމަން ކަމަކަށް އެއްބަސްވެގެން. އެއީ ޕްރެސް ފްރީޑަމް އާއި ރައިޓް އޮފް އެސެމްބްލީއަށް އެއްބަސްވެގެން. އެހެންވީމަ އަޅުގަނޑު ވަރަށް އުފާވާނެ ދެން އަޅުގަނޑުމެންގެ ނިޔަތާ މެދު ސުވާލު ނުއުފެއްދިއްޔާ."
ޔާމީން އެހެން ވިދާޅުވި ނަމަވެސް، ނިޔަތާ ގުޅޭ އެ ސުވާލު ހުއްޓުވޭ ގޮތެއް ނުވި އެވެ. އެ އުފާވެރިކަން ޔާމީނަށް ލިބިވަޑައިނުގަތެވެ. އެހާ ވެސް ހިޔާލު ތަފާތު ތިން ބޭފުޅުން، އަދި އެ ތިން ވެރިކަމުގައި ވެސް ނޫސްވެރިކަމަށް ގޮންޖެހުންތަކެއް ކުރިމަތި ކުރުވާފައިވާތީ އެވެ.
ނަމަވެސް ސުވާލު ތަކުރާރުވަމުންދިޔަ ވަރަކަށް ތިން ބޭފުޅުން ވެސް މަސައްކަތް ކުރެއްވީ ހިޔާލު އެއްގޮތް މިންވަރު ދެއްކެވުމަށެވެ. އެ ތިން ބޭފުޅުން އެއް މޭޒަކަށް ވަޑައިގެން އެ ތިއްބެވީ ހިޔާލު އެއްގޮތްކަމުންތާ އެވެ.
ބޭނުން ސުވާލެއް ކުރެވޭނެ؛ އެކަމަކު ސްކޯޕުގެ ތެރެއިން
ސްކޯޕަކީ ނޫސް ކޮންފަރެންސްތަކުގައި ސުވާލުތަކުން ރެކެން ބޭނުންކުރާ މުސްކުޅި އުކުޅެކެވެ. ޖަވާބު ދޭން ބޭނުންނުވާ ސުވާލެއް ނަމަ އެއީ ސްކޯޕުން ނުވަތަ މައުލޫއިން ބޭރު ސުވާލެކެވެ. ތަކުރާރުކޮށް ސުވާލުކޮށްގެން ވެސް ޖަވާބު ނުލިބޭތީ ނޫސްވެރިންނަށް ވެސް ސްކޯޕުން ބޭރުވެވެނީ އެވެ.
ރޭގެ ކޮންފަރެންސްގެ ވެސް ވަކި ހިސާބަކުން ހަނދާން ކޮށްދިނީ އެ ސްކޯޕެވެ.
'ދައުރު' ނޫހުގެ ނޫސްވެރިޔާއަށް ލިބުނު ފުރުސަތުގައި ސުވާލު ފުރިހަމަކުރަން ޖެހުނީ ވެސް ވަރަށް ހާލުންނެވެ. ޔާމީންގެ ވެރިކަމުގެ ދުވަސްވަރުގައި ބަޔަކު، ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވައިލުމާއި ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައާ ގުޅޭ ގޮތުން ކުރި ސުވާލަކީ އެމަނިކުފާނު އެހާ ހިތްޕުޅާ ވަޑައިގެންނެވި ސުވާލަކަށް ނުވި އެވެ.
އެކަމަކު މިހާރު އެ ދެވުނީ، ޔާމީން ވިދާޅުވި ގޮތުން ނަމަ، ސްކޯޕުން ބޭރަށެވެ. ނޫނީ ފަހަރުގައި އެ ބޭފުޅުން އެ ހޯއްދަވައިދެއްވަން އުޅުއްވާ ނޫސްވެރިކަމުގެ މިނިވަންކަން އަދި ނެތީ އެވެ.
"މި ޓީވީ އެބަ ބަލާ ރާއްޖޭގެ އެތައް ރައްޔިތުންނެއް. ވަކި މީހެއްގެ ވެރިކަމުގައި މީހަކު މަރުވުން އެއީ އެ މީހަކު (އެ ވެރިޔަކު) ޒިންމާ އުފުލަން ޖެހޭ ކަމެއް ނޫން،" ޔާމީން އެހެން ވިދާޅުވިއިރު ދެ ފަރާތުން ނަޝީދާއި ސޯލިހު، ނޫސްވެރިޔާއަށް އިޝާރާތް ކުރައްވަމުން ގެންދެވީ މަޑުކޮށްލުމަށެވެ.
އެކަމަކު ނޫސްވެރިޔާ، ޔާމީނަށް ތުހުމަތެއް ކުރީކީ ނޫނެވެ. މައްސަލައަކީ ޔާމީންގެ ވެރިކަމުގައި އެ މައްސަލަތަކުގެ ފުރިހަމަ ތަހުގީގެއް ނުހިންގި އޮތުމާއި އިންސާފު ހޯދައިދިނުމުގެ ވައުދާ އެކު އައި ސޯލިހުގެ ސަރުކާރުގައި ވެސް އެކަން ނުކުރެވި އޮތުމެވެ.
"ތި ތިން ބޭފުޅުންނަކީ ވެސް ވެރިކަން ކުރަން ޝައުގުވެރިކަން އޮތް ތިން ބޭފުޅުން. ދެން ވެރިކަން ލިބިވަޑައިގެންފި ނަމަ ރައްޔިތުންނަށް، ނޫސްވެރިންނަށް ކޮން ޔަގީންކަމެއްތޯ ދެއްވާނީ އެ ގޯސްތައް ތަކުރާރު ނުކުރައްވާނެ ކަމުގެ؟" ވަރަށް މަސައްކަތުން ނޫސްވެރިޔާ ސުވާލުކުރި އެވެ.
ނަޝީދު އަނެއްކާވެސް ތަކުރާރުކުރެއްވީ އެ ތިން ބޭފުޅުންގެ ވެރިކަން ވެސް އެންމެ ފުރިހަމަ ނޫން ކަމަށެވެ.
"އަޅުގަނޑު އެބަ ދަންނަވަން އަޅުގަނޑުމެންގެ ވެރިކަންތަކުގައި ހިނގާދިޔަ ކަންކަން މިރޭ މިތަނުގައި ތަހުގީގުކޮށް، އޭގެ ހުކުމެއް ވެސް އަޅުގަނޑުމެންނަށް ނުނެރެވޭނޭ،" ނަޝީދު ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި ނޫސްވެރިކަމަށް ކުރިމަތިވި ފިއްތުންތަކާ ބެހޭ ގޮތުން އޭގެ ފަހުން ވެސް ސުވާލު ކުރިމަތިވުމުން އެމަނިކުފާނު ވިދާޅުވީ މިހެންނެވެ:
"ދެން ތިޔަ ބޭފުޅުން ނިންމަވައިފިއްޔާ އަޅުގަނޑުގެ މައްސަލައެއް ނެތް، އަޅުގަނޑު މިކަން ނުކުރުމުގައި ހަމަ ދުރުގައި ވެސް ހުރެދާނަން އިނގޭތޯ. އެއީ ތިޔަ ބޭފުޅުންގެ އަތް މަތީގައި އޮތް ކަމެއް."
"އަޅުގަނޑުމެންނަށް ރަނގަޅީ ކައިރީގައި ހުރިއްޔާ،" ޔާމީންގެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވި އެވެ.
ރޭގެ ނޫސް ކޮންފަރެންސްގައި ޔާމީން ވިދާޅުވި ވަރަށް މުހިންމު ވާހަކައެއް އެބަ އޮތެވެ. އެމަނިކުފާނު ވިދާޅުވީ، ކުރިން ދެއްކެވި ވާހަކަތަކާ މެދު ހިތާމަ ނުކުރައްވާ ކަމަށެވެ. ބުއްދިވެރިންގެ ގޮތަކީ، ޔާމީން ވިދާޅުވި ގޮތުގައި، ހާލަތު ބަދަލުވުމުން، ކުރިން ލިބުނު ފިލާވަޅުތަކުން އިބުރަތް ލިބިގަތުމެވެ.
ހަމަ އެ އުސޫލުން އެބޭފުޅުންގެ ނިޔަތާއި ފޮރުވިފައިވާ އެހެން މަގްސަދެއް އޮތްތޯ އަދި އެ ތިން ބޭފުޅުންގެ ވެރިކަމުގައި ނޫސްވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކާ ބެހޭ ގޮތުން ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރީ ވެސް، ހަމަ ޔާމީން އެ ވިދާޅުވި ގޮތަށް، އިބުރަތް ލިބިގެން ތިބުމުން ކަމަށް ވެދާނެ ނޫން ހެއްޔެވެ؟
ނޫސްވެރިން އެދުނީ އެ ތިން ބޭފުޅުންގެ އިއުތިރާފު ބަޔާނަކަށް ނޫނެވެ. ނޫސްވެރިން އެދުނީ ޔަގީން ކަމަށެވެ. އަދި ޔަގީންކުރާނެ ގޮތެކެވެ. ތިން ރައީސުން ތަކުރާރު ކުރެއްވީ މާޒީ އޮތް ގޮތަށް ބާއްވާފައި، ގުޅިގެން މަސައްކަތް ކުރުމަށެވެ. އެކަމަކު ތަކުރާރުވި ސުވާލުތަކުން ސާފުވާ ކަމަކީ، ނޫސްވެރިކަމުގައި އެ ތިން ބޭފުޅުންގެ ވެރިކަންތަކުގައި ލައްވާލި ލަކުނުތައް އަދިވެސް ހުރީ ތާޒާކޮށް ކަމެވެ. އަދި އަނެއްކޮޅުން ސާފުވާ ކަމަކީ ސިޔާސީ ބޭފުޅުން ތިއްބަވާ ފަޅިއެއްގެ ގޮތުން ނޫސްވެރިކަމުގެ މިނިވަންކަމާ މެދު ދެކޭ ގޮތް ވެސް ތަފާތުވާ ކަމެވެ.
ކޮމެންޓް (1)
ތަރުބަވީ