ކްރިމިނަލް ކޯޓުގެ އަޑުއެހުމަށް މިއަދު ވަނުމުގެ ކުރިން އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރު (ކ) އާއި މުހައްމަދު ޝަހުޒާން (ވ) ފޮޓޯއަކަށް ހުއްޓިގެން. (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)
'އަދަދު' ނޫހުގެ ޝަހުޒާން 15 ދުވަހަށް، ލީވާން 10 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފި
ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަފުޒުުކުރިކަމުގެ ތުހުމަތު އޮތް މައްސަލައެއްގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި ކަމަށް ބުނެ، 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް އަދި ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށް ލުމަށް ދެންމެ ހުކުމްކޮށްފި އެވެ.
ވީ ކިހިނެއް؟ - 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލައި، އެ މައްސަލައާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކުން މަނާކުރުމުގެ އަމުރެއް ނެރެދޭން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެން، ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އާއްމުކޮށް އެންމެންގެ މައްޗަށް އެ އަމުރު ނެރެފަ އެވެ.
އެ އަމުރާ ހިލާފުވި ކަމަށް 'އަދަދު' ނޫހުގެ ދެ ނޫސްވެރިޔެއްގެ މައްޗަށް ތުހުމަތުކޮށް މިއަދު ކޯޓަށް ހާޒިރުކުރި އެވެ. އެއީ:
-
އެ އަމުރު ނެރުނު ކަމުގެ ހަބަރު، އަމުރާ ހިިލާފަށް ލިޔުނު ކަމަށް ބުނެ ލީވާން އަލީ ނާސިރު މިއަދު ހެނދުނު 11 ޖަހާއިރަށް
-
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އަމުރާ ހިލާފަށް ރައީސް މުއިއްޒުއާ ސުވާލުކުރި ކަމަށް ބުނެ މުހައްމަދު ޝަހުޒާން މިއަދު މެންދުރުފަހު 1 ޖަހާއިރަށް
ތަފްސީލް - ޝަހުޒާން ކޯޓަށް ހާޒިރުވީ ވަކީލަކާ ނުލަ އެވެ. އޭނާ އެދުނީ ވަކީލަކު އައްޔަންކުރަން ފުރުސަތު ދޭން 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.
ނަމަވެސް ވަކީލަކު އައްޔަންކުރަން ޝަހުޒާނަށް ދިނީ ދެ ގަޑިއިރުގެ ވަގުތެކެވެ. ދެ ގަޑިއިރު ފަހުން އޭނާ ކޯޓަށް ހާޒިރުވީ ވަކީލަކާ ނުލަ އެވެ. ޝަހުޒާން ބުނިގޮތުގައި އެ ވަގުތުގެ ތެރޭގައި އޭނާ ތަމްސީލްކޮށްދޭނެ ވަކީލަކު ހަމައެއްނުޖެހުނެވެ.
ވަކީލަކު އައްޔަންކުރަން އިތުރު ފުރުސަތެއް ނުދީ، ކޯޓުން ނިންމީ ޝަހުޒާން ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށެވެ. އޭގެ އަދަބަކަށް 15 ދުވަހަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކުރި އެވެ. އަދި 25,000ރ. އިން ޖޫރިމަނާ ކުރުމަށް ވެސް ހުކުމްކުރި އެވެ.
މި މައްސަލާގައި ލީވާންއާ މެދު ވެސް ކޯޓުން އަމަލުކުރީ މި ގޮތަށެވެ. އޭނާ ޖަލަށް ލުމަށް ހުކުމްކުރީ 10 ދުވަހަށެވެ.
ފާހަގަކުރެވޭ - މިއިން ކޮންމެ މައްސަލައެއް ބެއްލެވީ ތިން ގާޒީންގެ ބެންޗަކުންނެވެ.
އޭގެ ތެރެއިން ލީވާންގެ މައްޗަށް ހުކުމްކުރި ޕެނަލުގައި ހިމެނިވަޑައިގަންނަވަނީ:
-
ގާޒީ އިބްރާހީމް އިހުސާން
-
ގާޒީ އަލީ ނަދީމް
-
ގާޒީ ސަފްއަތު ހަބީބު
ހުކުމުގެ ކުރިން ލީވާންގެ ފަހު މެސެޖު:
— Dhauru (@Dhaurunews) May 12, 2026
"ބިރެއް ނުގަނޭ، އެނބުރި އަންނާނީ މާ ގަދަކޮށް." pic.twitter.com/UcJNfmwH2a
އަޑުއެހުމުގެ ކުރިން ޝަހުޒާންގެ ފަހު ބަސް:
— Dhauru (@Dhaurunews) May 12, 2026
“ނޫސްވެރިކަން ޖަލަކަށް ނުލެވޭނެ” pic.twitter.com/QWa2e5oYyt
އެނގުން މުހިންމު - ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ، މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެއްވެސް މީހަކު:
-
'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރަން
-
ޑޮކިޔުމެންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދައްކަން
-
ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަަލައިގެ ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދައްކަން
-
މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން
މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފްގެ ބަޔާން ނެގުމަށް ފުލުހަށް ވަނީ ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް، ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
އެ ތިން މީހުންގެ ވެސް ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.
ކޮމެންޓް (10)
ރަދުން
ޙާާާޡޮ
ޢިބޫ
ރަދުން
ޖޭމުގޭ އަހައްމާދީ
ރަދުން
ފޮރި
ތެފައާސާ.
ރަދުން
ރާޖް