ކޮންޓްރޯލު ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި ކުރި އިހުތިޖާޖުގެ ތެެރެއިން (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ގަވާއިދު އާންމުކޮށް އަމަލުކުރަން ފަށައިފި

މީޑިއާ ތަކަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގަައި އެތަނެއްގެ ލައިސެންސް ބާތިލުކުރުމާއި 250،00ރ އާ ހަމަޔަށް ޖޫރިމަނާ ކުރުމުގެ ބާރު މީޑިއާ ކޮމިޝަނަށް ދީފައިވޭ

މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި މިހާރު އަމަލުކުރަމުންދާ 'މީޑިއާ ކޮންޓްރޯލް' ގާނޫނުގެ ދަށުން އުފެއްދި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބަލައި ފިޔަވަޅުއެޅުމާ ގުޅޭ އާ ގަވާއިދު އެކުލަވައިލައި މިއަދު އަމަލުކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މި ގަވާއިދުގެ މަގުސަދުގެ ގޮތުގައި ބުނެފައިވަނީ، މީޑިއާގެ ވަސީލަތްތަކުން ފަތުރާ ކޮންޓެންޓާ ގުޅިގެން ހުށަހަޅާ ޝަކުވާތައް އިންސާފުވެރިކަމާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބަލައި، ގާނޫނާއި ގަވާއިދާއި ހިލާފުވާ ހާލާތްތަކުގައި އެކަށީގެންވާ ފިޔަވަޅުއެޅުމެވެ.

އެ ގަވާއިދުގެ ދަށުން، ކޮންމެ ފަރާތަކަށް ވެސް މީޑިއާއާ ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތީންނާއި ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅާ މައްސަލަތައް ވެސް ބެލިދާނެ ކަމަށް ގަވާއިދުގައިވެ އެވެ.

ތަފްސީލް - މި ގަވާއިދުގައިވާ ގޮތުން ކޮންޓެންޓަކާ ގުޅޭ ގޮތުން ޝަކުވާއެއް ހުށަހަޅާ ނަމަ، އެ ކޮންޓެންޓެއް ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓުކުރި ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. އެގޮތުން:

  • މައްސަލައިގެ ތަހުގީގު މަރުހަލާގައި މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭންޖެހޭ

  • ޝަކުވާއެއް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލައަކާ މެދު ކޮމިޝަނުން ގޮތެއް ނިންމަންޖެހޭނެ

  • ކޮމިޝަނުން ނިންމާ ނިންމުމާ މެދު ހިތްހަމަ ނުޖެހިއްޖެ ނަމަ މައްސަލަ މުރާޖައާކުރަން ހަތް ދުވަސްތެރޭ ހުށަހެޅިދާނެ؛ މި ނިންމުން ނިންމާތާ ހަ މަސް ދުވަސް ދުވަހުގެ ތެރޭ ކޯޓަށް ހުށަހެޅިދާނެ

މި ގަވާއިދުގެ ދަށުން، ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ނޫސްވެރިން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކޮށްފައިވާއިރު، އެކަންކަމާ ހިލާފުވާ ނަމަ ވަކިވަކި ނޫސްވެރިންނަށް ވެސް ފިޔަވަޅު އެޅިދާނެ ކަމަށް މި ގަވާއިދު ބުނެ އެވެ.

މައްސަލަ ބަލާނީ، އެކަމަށްޓަކައި އެކުލަވާލާ ހާއްސަ ވަގުތީ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގައި އެ ކޮމިޝަނުގެ މެމްބަރުން ފިޔަވައި އެހެން މީހުން ހިމެނިދާނެ ކަމަށް ވެސް ގަވާއިދުގައިވެ އެެވެ.

އަޅާނެ ފިޔަވަޅު ނިންމާނީ، އެ މައްސަލައެއް ތަހުގީގުކުރުމަށް ފަހު ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. މި ގަވާއިދު ބުނާގޮތުން:

  • ބްރޯޑްކާސްޓަރުން 50،000ރ. އާއި 250،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ

  • ނޫސް މަޖައްލާތައް 5000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ

  •  ކަންކަން އިސްލާހުކުރަން އެނގުމާއި، އާންމުކޮށް މައާފަށް އެދުން އަދި، މީޑިއާއެއްގެ ލައިސެންސް ނުވަތަ ނޫހެއްގެ ރަޖިިސްޓްރީ ބާތިލުކުރުން ފަދަ ފިޔަވަޅުތައް ހިމެނޭ

މި ކޮމިޝަނުންން މިއަދު ވަނީ ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމުގެ ގަވާއިދު ވެސް އެކުލަވާލައި އާންމުކޮށްފަ އެވެ. އެޔާއެކު މި ގަވާއިދަށް ވެސް ވަނީ އަމަލުކުރަން ފަށާފަ އެވެ.

މި ގަވާއިދުގައިވާ ވާގޮތުން:

  • ނޫހެއް ނުވަތަ މަޖައްލާއެއް ޝާއިއުކުރަންވާނީ ކޮމިޝަނުގައި ރަޖިސްޓަރީކުރުމަށް ފަހު

  • ސިޔާސީ ޕާޓީތަކާއި ޖަމުއިއްޔާތަކާއި ސަރުކާރުގެ އިދާރާތަކުން ހަމައެކަނި އެ ތަނެއްގެ މުވައްޒަފުންނަށް ނުވަތަ މެންބަރުންނަށް އަމާޒުކޮށް ނެރޭ ލިޔުންތައް މި ރަޖިސްޓަރީން އިސްތިސްނާކޮށްފައިވޭ

  • ނޫސް މަޖައްލާގެ ރަޖިސްޓަރީގެ މުއްދަތަކީ ފަސް އަހަރު؛ ރަޖިސްޓަރީ އައުކުރަން ބޭނުންވާ ނަމަ، މުއްދަތު ހަމަވުމުގެ 90 ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހޭނެ

  • ނޫސް މަޖައްލާގެ މަސްއޫލުވެރިކަން ބަދަލުވާ ހާލަތްތަކުގައި ވެސް ރަޖިސްޓަރީ އާ ކުރަންޖެހޭނެ

  • އަހަރު ދުވަސްވަންދެން އެއްވެސް އެއްޗެއް ޝާއިއުނުކުރާ ނޫސްތަކުގެ ރަޖިސްޓަރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވޭ

އެނގުން މުހިންމު - މީޑިއާތަކުންނާއި ނޫސްވެރިން އަދި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ދެކޮޅު ހަދަމުންދަނިކޮށް އަވަސް އަރުވާލައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހު ތަސްދީގުކުރެއްވި މީޑިއާ ކޮންޓްރޯލުކުރާ ގާނޫނާ އެކު، ކުރީގެ ބްރޯޑްކޮމް އާއި އެމްއެމްސީ ވަނީ އުވިފަ އެވެ. މީޑިއާގެ ކަންކަން މިހާރު ބަލަހައްޓަމުންދަނީ ސަރުކާރުގެ ކޮންޓްރޯލު އޮންނަ ކޮމިޝަނަކުންނެވެ.

ސަރުކާރުގެ ކޮންޓްރޯލް އޮންނަ ރެގިއުލޭޓަރީ ކޮމިޝަނެއްގެ ދަށުން މީޑިއާތަައް ރެގިއުލޭޓުކުރަން ދޫކޮށްލުމުގެ ނަތީޖާއަކަށް ވަނީ، ނޫސްވެރިކަން ހަރުދަނާކޮށް ޑިމޮކްރަސީ އާއި ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކުރުމުގެ އަސާސީ ހަމަ ގެއްލުންކަމުގެ ކަންބޮޑުވުން ބޭރުގެ ޖަމިއްޔާތަކުން ވަނީ ފާޅުކޮށްފަ އެވެ.

މި ގާނޫނު ބާތިލުކުރުމަށް ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ހައި ކޯޓަށް މިހާރު އޮތީ ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް