26 ޖެނުއަރީ 2025: އެމްޖޭއޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މީޑިއާ ކޮންޓްރޯލް ގާނޫނު ބާތިލުކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި

ހައި ކޯޓަށް ހުށަހަޅާފައިވާ މި މައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެން، މިފަދަ މައްސަލައެއްގައި އެއްވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިޔަކަށް ފިޔަވަޅު އެޅުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށްވެސް އެދިފައިވޭ

މީޑިއާތަކުންނާއި ނޫސްވެރިން އަދި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ދެކޮޅު ހަދަމުންދަނިކޮށް އަވަސް އަރުވާލައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި މީޑިއާ ކޮންޓްރޯލުކުރާ ގާނޫނު ބާތިލުކުރަން، ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ސެޕްޓެމްބަރުގައި މި ގާނޫނު ތަސްދީގު ކުރުމާ އެކު ބްރޯޑްކޮމް އާއި އެމްއެމްސީ އުވުނުއިރު، މީޑިއާގެ ކަންކަން މިހާރު ބަލަހައްޓަމުންދަނީ ސަރުކާރުގެ ކޮންޓްރޯލު އޮންނަ ކޮމިޝަނަކުންނެވެ.

'އަދަދު' ނޫހުން ގެނެސްދޭ 'ސިޔާސީ ކާޓޫން' ސެގްމަންޓް ހުއްޓުވުމަށް އެ ކޮމިޝަނުން އަންގާފައިވާ ދަނޑިވަޅެއްގައި މިއަދު އެމްޖޭއޭން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލު އަލީ ހުސެއިން ވިދާޅުވީ، އެ މައްސަލަ ހުށަހެޅުއްވީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފެހެއްްޓުމުގެ ބާރު މިޑީއާ ކޮންޓްރޯލް ގާނޫނުން ކޮމިޝަނަށް ދީފައިވާތީ ކަމަށެވެ.

ހައި ކޯޓަށް ހުށަހަޅާފައިވާ މި މައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެން، މިފަދަ މައްސަލައެއްގައި އެއްވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިޔަކަށް ފިޔަވަޅު އެޅުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފައިވާނެ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

އެ ގާނޫނު ބާތިލުކުރަން ކޯޓަށް ހުށަހަޅަން ލަސްވެފައިވާކަން ފާހަގަކުރައްވާ އަލީ ހުސެއިން ވިދާޅުވީ، މިއަދު އެކަން ކުރަން ޖެހުނީ މީޑިއާތަކާ މެދު ފިޔަވަޅު އަޅަން ފެށުމުން ކަމަށެވެ.

ބުނީ ކީކޭ؟ - އެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ރައީސް އަހުމަދު ނާއިފް ވިދާޅުވީ، މި ގާނޫނާ މެދު އެންމެ ބޮޑު ކަންބޮޑުވުމެއް ފެށުނީންސުރެ ވެސް އޮތީ، ސަރުކާރުގެ ކޮންޓްރޯލު އޮންނަ ކޮމިޝަނަކުން މީޑިއާތައްް ރެގިއުލޭޓުކުރަން ފެށުމާ އެކު، ސަރުކާރާ ދެކޮޅުވާ ނުވަތަ ސަރުކާރު ޒިންމާދާރު ކުރުވަން މަސައްކަތްކުރާ ވަކިވަކި މީޑިއާތަކަށް ފިޔަވަޅު އަޅަން މަސައްކަތް ކުރާނެ ބިރު އޮތުމުން ކަމަށެވެ.

'އަދަދު' ނޫހުން ގެނެސްދޭ 'ސިޔާސީ ކާޓޫން' ސެގްމަންޓް ހުއްޓުވުމަށް ކޮމިޝަނުން އެންގުމަކީ އެކަންކަން ސާބިތުވެގެން ދިޔަ ކަމެއް ކަމަށް ނާއިފް ވިދާޅުވި އެވެ. ގާނޫނު ބާތިލުކުރަން ހައި ކޯޓަށް މައްސަލައެއް ހުށަހެޅީ، މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން ސަރުކާރު ޒިންމާކުރުވަން މަސައްކަތްކުރާ މީޑިއާތަކަށް ކޮމިޝަނުން ފިޔަވަޅު އަޅަން މަަަސައްކަތްކުރާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ނާއިފް ވިދާޅުވި އެެވެ. 

"އެހެންވީމާ އެމްޖޭއޭގެ އެސްކޯއަށް ގަބޫލުކުރެވުނީ، މިކަމުގައި މަޑުން ތިބެގެން ނުވާނެއޭ. މި ސިލްސިލާ ފެށޭ ހިސާބުން ފެށިގެން އަޅުގަނޑުމެން ވާނެއޭ މިކަމާ ދެކޮޅަށް ތެދުވަން. އެހެންވީމާ މިއަދުގެ ވަގުތެއްގައި އަޅުގަނޑުމެން ވާނީ މީޑިއާ ކޮންޓްރޯލް ގާނޫނު ބާތިލުކުރަން ހައި ކޯޓަށް މައްސަލައެއް ހުށަހަޅާފައި ދައުލަތަށް ނިސްބަތްވާ ގޮތަށް،" ނާއިފް ވިދާޅުވި އެވެ.

ނާއިފް ވިދާޅުވީ، ކޮމިޝަނުން ފިޔަވަޅު އަޅަމުންދަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން ވިދާޅުވީ:

  • މައްސަލަ ބެލުމުގައި އުސޫލުތަކެއް އެކުލަވާލަން ޖެހޭނެ ކަމަށް ގާނޫނު ބުނޭ

  • މައްސަލަ ބަލާއިރު ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތު ދޭންޖެހޭނެ ކަމަށް ގާނޫނު ބުނޭ

  • މިހާތަނަށް ބެލިބެލުމުން މައްސަލަ ބަލާގޮތުގެ އިޖުރާއަތެއް އެކުލާވާލާފައެއް ނެތް އަދި ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތެއް ނުދޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް