މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން(ކޮންޓްރޯލް ކޮމިޝަން)ގެ ބައްދަލުވުމެއްގެ ތެރެއިން

'އަދަދު' ނޫހުގެ ސިޔާސީ ކާޓޫނު ސެގްމަންޓު ހުއްޓާލަން ކޮންޓްރޯލް ކޮމިޝަނުން އިންޒާރު ދީފި

ކޮންޓްރޯލް ކޮމިޝަނުން އިންޒާރު ދިނީ މިއަދު 'އަދަދު' ނޫހުން ހިއްސާކުރި ކާޓޫނުގައި އިސްލާމްދީނުގެ އަސާސްތަކަށް ފުށޫއަރާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތުކޮށް

'އަދަދު' ނޫހުގެ ސިޔާސީ ކާޓުން ސެގްމަންޓު ހުއްޓާލަން މީޑިއާތައް ކޮންޓްރޯލް ކުރަން މި ސަރުކާރުން އުފެއްދި 'މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން'އިން އިންޒާރު ދީފި އެވެ.

ވީ ކިހިނެއް؟ - ކޮންޓްރޯލް ކޮމިޝަނުން އެގޮތަށް އިންޒާރު ދިނީ 'އަދަދު' ނޫހުން މިއަދު ހެނދުނު ފޭސްބުކް އަދި 'އެކްސް'ގައި ޝާއިއުކުރި ކޮންޓެންޓަކާ ގުޅިގެންނެވެ.

ބުނީ ކީކޭ؟ - އެ ކޮމިޝަނުން 'އަދަދު' ނޫހުގެ އެޑިޓަރު ހުސައިން ފިޔާޒަށް ފޮނުވި ސިޓީގެ ކޮޕީއެއް 'ދައުރު'އަށް ވަނީ ލިބިފަ އެވެ.

އެ ސިޓީގައި ކޮންޓްރޯލް ކޮމިޝަނުން ބުނީ 'އަދަދު' ނޫހުގެ އެ ސެގްމަންޓުގައި އިސްލާމްދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ކަމަށްވާ ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތް ގުޅުވޭހެން ދޭހަވާ ގޮތަށް ޝާއިއުކޮށްފައިވާ ކޮންޓެންޓަކީ އިސްލާމްދީނުގެ އަސާސްތަކަށް ފުށޫއަރާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

"މި މައްސަލަ ބަލައި ނިމެންދެން އެ ސެގްމަންޓުގައި ހިމެނޭ ޕޯސްޓު ނަގައި، ސެގްމަންޓުގެ ހިދުމަތް ވަގުތީ ގޮތުން މިހާރުން މިހާރަށް މެދުކަނޑާލުމަށް 'އަދަދު' ނޫހަށް ދަންނަވަމެވެ،" ކޮންޓްރޯލް ކޮމިޝަންގެ ސިޓީގައި ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ބަންދު ދުވަސްތައް ހިމެނޭހެން 5 ދުވަހުގެ ތެރޭގައި ކޮންޓްރޯލް ކޮމިޝަނަށް ޖަވާބުދާރީވުމަށް ވެސް ވަނީ އަންގާފަ އެވެ.

ތަފްސީލު - ކޮންޓްރޯލް ކޮމިޝަންގެ އިންޒާރާ ގުޅިގެން 'އަދަދު'ން ނެރުނު ބަޔާނެއްގައި ބުނީ އެ ނޫހުން މިއަދު ޝާއިއުކުރި ކާޓޫނުގައި ދައްކަނީ މިސްކިތުގައި ނަމާދަށް ހުރި މީހަކު އިމާމު މީހާގެ ޖީބުން ފައިސާ ވަގަށް ނަގާ މަންޒަރު ކަމަށެވެ.

"މި ރާއްޖޭގައި ވައްކަން ކުރުން އާންމުވެފައިވާ މިންވަރަށް ބަލާއިރު، މިސްކިތުން ވެސް ވައްކަން ކުރުމަކީ ދިވެހި މުޖުތަމައުގައި ހިނގަމުންދާ ކަމެއްކަން، އާދަވެ މިސްކިތަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން 'އަދަދު' ނޫހުން ބުނީ ކޮންޓްރޯލް ކޮމިޝަންގެ ސިޓީގައި ހަވާލާދޭ މާއްދާތަކުގައި ބަޔާންކުރަނީ 'އިސްލާމްދީނުގެ އަސްލަކާ ހިލާފު' ނުވަތަ އިސްލާމްދީން ފިޔަވައި އެހެން ދީނެއް ކުރިއެރުވުމަށް ހިތްވަރުދޭ ފަދަ ކޮންޓެންޓު ޝާއިއުކޮށްގެން ނުވާނެ ވާހަކަ ކަމަށެވެ.

ނަމަވެސް ގާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ)ގައި 'އިސްލާމްދީނުގެ އަސްލު' ކަމުގައި ބުނެފައިވަނީ ގުރުއާނާއި ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން އެކަމެއްގެ ސައްހަކަމާ މެދު ހިލާފު އުފެދިފައިނުވާ، ޝަރުއީ އުސޫލުތަކާއި މި ދެ އަސްލުން ދޭހަކޮށްދޭ އުސޫލުތައް ކަމަށެވެ.

އެ ނޫހުން ޝާއިއުކުރި ކާޓޫނަކީ އިސްލާމްދީނަށް ނުވަތަ ދީނުގެ ޝިއާރަކަށް ތަހުނީނުކުރުމުގެ ގޮތުން ޝާއިއުކުރި ކާޓޫނެއް ނޫންކަން ފާހަގަކޮށް، އެ ނާޓޫނުން އެފަދަ ދޭހައެއް ކުރެވޭނެ ހަަމައެއް އޮތް ކަމަށް ނުވިސްނޭ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން ކޮމިޝަންގެ ސިޓީއަށް ޖަވާބުދާރީވާން ފަސޭހަވާނީ، އިސްލާމްދީނުގެ އަސްލަކާ އެ ކޮންޓެންޓު ހިލާފުވިކަމަށް ތުހުމަތު ކުރެވުނު ގޮތް ފެނުނު ގާނޫނީ ސަބަބުތައް ސާފުކޮށްދިނުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

"ދިވެހިރާއްޖޭގެ ދީނީ މައްސަލަތަކުގައި ގޮތްބާވަތް ބުނެދިނުމުގެ މަސްއޫލިއްޔަތު ގާނޫނުން ހަވާލުކޮށް، އެކަމަށް ފަތުވާ މަޖިލީހެއް އޮއްވާ ވެސް، އިސްލާމްދީނުގެ އަސްލުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތާ އަމިއްލަފުޅަށް ހަވާލުވެވަޑައިގެން، ތިޔަ ކޮމިޝަނުން އެކަމަށް ބަހައްޓަމުން ގެންދަވާ ޝައުގުވެރިކަމާއި ކުރައްވަމުން ގެންދަވާ ނުހަނު ބުރަ އަދި އަގުހުރި މަސައްކަތް އަޅުގަނޑުމެން ބަލައިގަންނަ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވަމެވެ،" 'އަދަދު'ގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް (1)

މުނީޒު

23 ޖެނުއަރީ 2026
މިޒްޔާލް ދަރިފުޅާ ހެޑްލައިން ރަނގަޅުކޮއްލާ “ފިތުނަ ނޫހު”ގެ ސިޔާސީ ކާޓޫނު ސެގްމަންޓް ހުއްޓާލަން “ކޮންޓްރޯލް ކަމިޝަން” އިން އިންޒާރު ދީފި. ކިތަންމެ ނުރުހުނަސް ކަމިޝަން އަށް ކިޔާ ރަނގަޅުނަން މިނިވަންކޮށް ހިންގާ ނޫހެއްގަ ވިއްޔާ ލިޔަންވާނީ އަދަދު ނޫހަށް ބައެްްމީހުން ކިޔަނީ ފިތުނަ ނޫސް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް