މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ނޫސްވެރިން ރައީސް އޮފިސް ކައިރީ މުޒާހަރާކުރަނީ

މީޑިއާ ކޮންޓްރޯލް ބިލުން މިނިވަން ނޫސްވެރިންނަށް އަމާޒުކޮށް ހިންގާ އަނިޔާވެރިކަމުގެ އަމަލުތަކަށް ހިތްވަރުލިބޭ: އައިއެފްޖޭ

އައިފްޖޭއިން ވަނީ މީޑިއާ ކޮންޓްރޯލް ގާނޫނު އަނބުރާ ގެންދިއުމަށާއި އެމްޖޭއޭގެ ރައީސް އަހުމަދު ނާއިފަށް ދިން އިންޒާރުތައް ސީރިއަސް ގޮތެއްގައި ތަހުގީގުކޮށް ދައުވާކުރަން ގޮވާލައިފައި

މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި މިހާރު އަމަލުކުރަމުންދާ 'މީޑިއާ ކޮންޓްރޯލް' ގާނޫނަކީ، މިނިވަން ނޫސްވެރިންނަށް އަމާޒުކޮށް ހިންގާ އަނިޔާވެރިކަމާއި ފުރުއްސާރައަށް ހިތްވަރުދީ އިތުރަށް ބާރުލިބޭ ގޮތަށް އޮތް ގާނޫނެއް ކަމަށާއި އެ ގާނޫނު އަނބުރާ ގެންދިއުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - މީޑިއާތަކުންނާއި ނޫސްވެރިން އަދި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ދެކޮޅު ހަދަމުންދަނިކޮށް އަވަސް އަރުވާލައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި މީޑިއާ ކޮންޓްރޯލުކުރާ ގާނޫނުންގެ ދަށުން ފުރަތަމަ ފަހަރަށް 'އަދަދު' ނޫހުގެ ކޮންޓެންޓެއް ހުއްޓާލަން އަންގައި އެ މައްސަލަ ދަނީ ބަލަމުންނެވެ.

ބުނީ ކީކޭ؟ - މިކަމާ ގުޅިގެން މިދިޔަ ހުކުރު ދުވަހު އައިއެފްޖޭއިން ބުނީ، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދުވަހަކަށް ވުރެ ދުވަހެއް ހަނިވަމުންދާއިރު، މީޑިއާ ކޮންޓްރޯލް ގާނޫނު އަނބުރާ ގެންދަން ޖެހޭ ކަމަށެވެ. 

"ކުރިން ވެސް ހީކުރި ގޮތަށް، ގާނޫނުއަސާސީއާ ހިލާފު މި މީޑިއާ ކޮންޓްރޯލް ބިލުން މިހާރު ވެސް ދަނީ ސައްހަ ނޫސްވެރިކަމާއި އެޑިޓޯރިއަލް ކޮންޓެންޓް ސެންސަރުކުރުމަށް މަގުފަހިކޮށްދެމުން. [މި ގާނޫނުން] ހަމައެކަނި ހިތްވަރުދެނީ މިނިވަން ނޫސްވެރިންނަށް އަމާޒުކޮށް ހިންގާ ބިރު ދެއްކުމާއި ފުރުއްސާރައިގެ އިތުރުން އަނިޔާވެރިކަމުގެ އަމަލުތަކަށް،" އައިފްޖޭއިން ބުންޏެވެ.

މީގެ އިތުރުން، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސް އަހުމަދު ނާއިފަށް މަރުގެ އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، އެކަމުގައި ޝާމިލުވާ މީހުންނަށް ދައުވާކުރަން އެ ޖަމިއްޔާއިން ގޮވާލި އެވެ.

މީޑިއާ ކޮންޓްރޯލް ގާނޫނުގެ މަސައްކަތް މަޖިލީހުގައި އޮތްއިރު ވެސް އައިއެފްޖޭއިން ކަންބޮޑުވުން ފާޅުކޮށް، އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައިވެ އެވެ. ކަމާ ގުޅުންހުރި ފަރާތްތަކާއި މަޝްވަރާނުކޮށް އެ ގާނޫނު ތަސްދީގުކޮށް، ސަރުކާރުގެ ކޮންޓްރޯލް އޮންނަ ރެގިއުލޭޓަރީ ކޮމިޝަނެއްގެ ދަށުން މީޑިއާތަައް ރެގިއުލޭޓުކުރަން ދޫކޮށްލުމުގެ ނަތީޖާއަކަށް ވަނީ، ނޫސްވެރިކަން ހަރުދަނާކޮށް ޑިމޮކްރަސީ އާއި ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކުރުމުގެ އަސާސީ ހަމަ ގެއްލުން ކަމަށް އައިއެފްޖޭއިން އޭރު ވެސް ބުނެފައިވެ އެވެ.

މިދިޔަ ސެޕްޓެމްބަރުގައި މި ގާނޫނު ތަސްދީގު ކުރުމާ އެކު ބްރޯޑްކޮމް އާއި އެމްއެމްސީ އުވުނުއިރު، މީޑިއާގެ ކަންކަން މިހާރު ބަލަހައްޓަމުންދަނީ ސަރުކާރުގެ ކޮންޓްރޯލު އޮންނަ ކޮމިޝަނަކުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް