ބިލު މަޖިލީހަށް ހުށަހެޅި ދުވަހު ނޫސްވެރިން މަޖިލިސް އިދާރާ ކުރިމަތީ ކުރި އިހްތިޖާޖްގެ ތެރެއިން.
'މީީޑިއާ ކޮންޓްރޯލް ބިލު' ބޭރުކުރަން އައިއެފްޖޭން ގޮވާލައިފި
މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެ ބިލު އަނބުރާ ގެންދިއުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން މިއަދު ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު'ގެ ނަމުގައި މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، އަމިއްލަ ގޮތުން މަޖިލީހުގައި އިންނަވާ ނަމަވެސް ސަރުކާރަށް ތާއީދުކުރައްވައިގެން ހުންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. މި ބިލާ ގުޅޭ ގޮތުން ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ވެސް ކަންބޮޑުވުން ފާޅުކޮށް ބިލު އަނބުރާ ގެންދިއުމަށް އިއްޔެ ގޮވާލާފައިވެ އެވެ.
އެމްޖޭއޭން ނެރުނު ބަޔާނަށް ތާއީދުކޮށް އައިއެފްޖޭން ވެސް މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.
ބުނީ ކީކޭ؟ - އައިއެފްޖޭން ބުނިީ މިޑިއާ ރެގިއުލޭޓް ކުރުމުގެ މިފަދަ ބިލެއް ހުށަހަޅަން ވާނީ މި ދާއިރާގެ ފަރާތްތަކުގެ ހިޔާލާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ކަމަށެވެ. އެގޮތުން، އެ ބަޔާނުގައި ފާހަގަކުރި ގޮތުގައި:
-
އެގޮތަށް ނޫސްވެރިން އަދި ޖަމިއްޔާތަކުގެ މަޝްވަރާއެއް ނެތި މިފަދަ ބިލެއް ހުށަހެޅުމުން ކަންބޮޑުވޭ
-
މިގޮތަށް ކަންތައް ކުރުމުގެ ނަތީޖާއަކީ މިފަދަ ރެގިއުލޭޓަރީ ކޮމިޝަނެއް އުފައްދާއިރު، އޭގެ މަގްސަދު ކަމަށްވާ ނޫސްވެރިކަން ހަރުދަނާކޮށް ޑިމޮކްރަސީ އާއި ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކުރުމުގެ އަސާސީ ހަމަ ގެއްލުން
ތަފްސީލު - އައިއެފްޖޭގެ ބަޔާނުގައި ބިލާ ގުޅޭ ގޮތުން އެމްޖޭއޭން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަން ވެސް ހިމަނާފައިވެ އެވެ. އަދި އެ ކަންބޮޑުވުންތަކަށް ތާއީދުކޮށް، ބިލު އަނބުރާ ގެންދިއުމަށް އެ ފެޑްރޭޝަނުން ގޮވާލި އެވެ.
“Regulating the media requires genuine industry consultation & engagement. Bypassing such engagement with journalists & unions show a fundamental misunderstanding of the ultimate purpose of such a body; that is to strengthen journalism and safeguard democracy and press freedom.” https://t.co/iiwFI17bfE
— Maldives Journalists Association (@mjamaldives) August 20, 2025
ބިލުގައިވާ ގޮތުން، މި ބިލު ގާނޫނަކަށް ވުމާ އެކު، މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވޭނެ އެވެ. އެެއަށް ފަހު އެ ތަނުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން'ގެ ނަމުގައި ރައީސް އުފައްދަވާ އޮފީހަކުންނެވެ.
ބިލުގައިވާ ގޮތުން އެ ކޮމިޝަން އެކުލެވިގެންވާނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ:
-
ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސް އައްޔަންކުރައްވާ ތިން މެމްބަރުން؛ ކޮމިޝަނުގެ ރައީސް އައްޔަންކުރާނީ ވެސް މަޖިލީހުން
-
މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން
-
މި ކޮމިޝަނަށް އައްޔަންކުރާ މީހުންގެ އުމުރު 30 އަހަރަށް މަތިކުރަން ހިމަނާފައިވޭ؛ މިހާރު އޮންނަނީ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ކުރިމަތިލެވޭ ގޮތަށް
-
މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވަތަ އެޑިޓަރަކަށް މި ކޮމިޝަނުގެ މެމްބަރަކަށް ނުވެވޭނެ
-
ކޮމިޝަނަށް މެމްބަރުން އިންތިހާބުކުރުމަށް އިންތިހާބު ބާއްވަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުން
ކޮމިޝަނަށް މެމްބަރުން އައްޔަންކުރެވެންދެން ކޮމިޝަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީއަކުން ކަމަށް ބިލުގައިވެ އެވެ.
މި ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި:
-
މި ގާނޫނުގައި ބުނާ މިންގަނޑުތަކާ ހިލާފުވެއްޖެ ނަމަ 5000ރ. އާއި 100،000ރ.އާ ދެމެދުގެ އަދަދަކަށް މީޑިއާތައް ޖޫރިމަނާކުރުމުގެ ބާރު
-
ކޯޓަށް ގޮސްގެން ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު
-
ކަމެއް ރަނގަޅުކުރަން އަންގާފައިވާ މުއްދަތުގައި އެކަމެއް އިސްލާހުނުކޮށްފި ނަަމަ 5000ރ. އާއި 25000ރ.އާ ދެމެދުގެ އަދަދަކުން ނޫސްވެރިން ޖޫރިމަނާކުރުމުގެ ބާރު
-
ޝާއިއުކުރާ ނުވަތަ ބްރޯޑްކާސްޓުކުރާ އެއްޗަކާ ގުޅިގެން މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ބުނެ ނުވަތަ ލިބިދޭނެ ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބެލުުމުގެ ބާރު