ނޫސްވެރިންގެ ހައްގުތައް އުނިވާނޭ ގޮތަށް މިދިޔަ އަހަރު ހުށަހެޅި ބިލަށް، އެމްޖޭއޭގެ ބައެއް އިސްވެރިން ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްޖޭއޭ

އާ ބިލާހެދި ނޫސްވެރިކަން ދެން ވާނީ މަރު: އެމްޖޭއޭ

އެމްޖޭއޭއިން ބުނިގޮތުގައި ބިލުގެ ސަބަބުން ނޫސްވެރިކަމުގެ ހުރިހާ ބާރެއް ދާނީ ރައީސްގެ މުށުތެރެއަށް

މީޑިއާތަކާއި ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަކީ، މިނިވަން ނޫސްވެރިކަން މަރާލުން ކަމަށް ބުނެ ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން' ނަމުގައި މި ބިލު ހުށަހެޅުއްވީ، ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާގޮތަށް މީގެ ކުރިން ވެސް ބިލެއް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ. 

ބިލުގައިވާ ގޮތުން މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށް ފަހު އެތަންތަނުގެ ބާރުތައް ދޭނީ، ރައީސް މުހައްމަދު މުއިއްޒު އުފައްދަވާ ހާއްސަ ކޮމިޝަނަކަށެވެ.

މި ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި:

  • މި ގާނޫނުގައި ބުނާ މިންގަނޑުތަކާ ހިލާފުވެއްޖެ ނަމަ 5000 އާ 100،000ރ. ދެމެދުގެ އަދަދަކަށް މީޑިއާތައް ޖޫރިމަނާކުރުމުގެ ބާރު

  • ކޯޓަށް ގޮސްގެން ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު

  • ކަމެއް ރަނގަޅުކުރަން އަންގާފައިވާ މުއްދަތުގައި އެކަމެއް އިސްލާހުނުކޮށްފި ނަަމަ 5000 ރ. އާއި 25000ރ.އާ ދެމެދުގެ އަދަދަކުން ނޫސްވެރިން ޖޫރިމަނާކުރުމުގެ ބާރު

  • ޝާއިއުކުރާ ނުވަތަ ބްރޯޑްކާސްޓުކުރާ އެއްޗަކާ ގުޅިގެން މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ބުނެ ނުވަތަ ލިބިދޭނެ ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބެލުުމުގެ ބާރު

މި ބިލް އަނބުރާ ގެންދިޔުމަށް ގޮވާލާ އެމްޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ ރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެކީހެން ގެއްލިގެން ދާނޭ ބިލެއް ކަމަށެވެ.

އެތަނުން ދެކޭގޮތުގައި:

  • ބިލް ފަރުމާކޮށްފައި އޮތީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާކުރެވޭ ގޮތަށް

  • އަދި މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސް، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުމުގެ ފަލްސަފާގައި

  • އޭގެ އިތުރުން، ނޫސްވެރިންނާއި މީޑިއާތައް ކުށްވެރިވާ ގޮތަށް ހުރި މާއްދާތަކުގައި މާނަ ސާފުނުވާ، ނާޖާއިޒު މަންފާ ނެގޭނޭ ފަދަ ގިނަ އިބާރާތްތަކެއް އެ ބިލުގައި ހިމަނާފައިވޭ

"މިއީ މިނިވަން ނޫސްވެރިކަން އެކީ މަރާލުމެވެ." އެމްޖޭއޭގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެ ޖަމިއްޔާ އިން ބުނީ މިފަދަ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހެޅިއިރު އެކަށީގެންވާ ގޮތެއްގައި މީޑިއާތަކާއި ނޫސްވެރިންނާ މަޝްވަރާކޮށްފައި ނުވާ ކަމަށާއި އެހެންވެ، ބިލު ހުށަހެޅުމުގައި ހެޔޮ ނިޔަތެއް އޮތް ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. 

އެމްޖޭއޭއިން ބުނިގޮތުގައި:

  • އެ ޖަމިއްޔާ އިން އަބަދުވެސް ވަކާލާތު ކުރަނީ، ދެން އެކުލަވާލާ ނިޒާމު ވާންވާނީ ސަރުކާރުގެ ނުފޫޒުން އެކީ ސަލާމަތްވެފައިވާ، ނޫސްވެރިން އެ މީހުން އަމިއްލައަށް މީޑިއާގެ އުސޫލުތައް ކަނޑައަޅާ، 'ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް' ކަމަށް

  • އެފަދަ ނިޒާމެއް ގާއިމްކުރުމަކީ ރައީސް މުއިއްޒުގެ ވައުދެއްކަމަށް ވެސް ބުނި 

"މި ސަބަބުތައް އެހެން ހުރުމުން މިހާރު ހުށަހަޅާފައިވާ ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް މި ޖަމްއިއްޔާއިން ތާއީދެއް ނުކުރަމެވެ. އަދި އެ ބިލް އަނބުރާ ގެންދިޔުމަށް އެންމެހާ ނޫސްވެރިންގެ ފަރާތުން ބިލް ހުށަހެޅި މެންބަރަށް މި ޖަމްއިއްޔާއިން ގޮވާލަމެވެ." އެމްޖޭއޭގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް