ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ނޫސްވެރިން އަޑު އުފުލަނީ: މިނިވަން ނޫސްވެރިކަން ހަނިކުރާނެ ބިލެއް މިހާރު ވަނީ މަޖިލިހަށް ވައްދާފައި (ދައުރު ފޮޓޯ/ހުސައިން ސުނައިން)

އަނެއްކާވެސް މި އުޅެނީ ވިސްނުމުގައި ހިލިހިލާ ޖަހަން

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ގާނޫނު ހަދައި، ތަފާތު ވިސްނުންތައް ހިފަހައްޓަން މަސައްކަތްކުރުމަކީ މި ޒަމާނުގައި ކާމިޔާބުވާނެ ސިޔާސަތެއް ވެސް ނޫން
19 އޯގަސްޓު 2025
1

ސަރުކާރު ދެމެހެއްޓުމަކީ ކޮންމެ ރައްޔިތަކަށް މަޖުބޫރުކުރެވޭނެ ކަމެއް ހެއްޔެވެ؟

ގައުމީ ސަލާމަތަކީ ކޮބައި ހެއްޔެވެ؟

މާލޭގެ މަގުތަކަށް ނެރޭ އަސްކަރީ އުޅަނދުތައް ފެނި އަންނަނީ ރުޅިއޭ ބުނާ މީހާ އެ ކުރަނީ ކުށެއް ހެއްޔެވެ؟

ނުވަތަ ރާއްޖެއަށް ފަސް ހާހުން، ހަ ހާހުން ސިފައިން ބޭނުމެއް ނުވެއޭ ބުނެ މީހަކު ހިޔާލު ފާޅުކުރުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ހެއްޔެވެ؟

ރައްޔިތުންގެ މަޖިލިސް އުވާލައި، އެއީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ބަޔަކު އައްޔަންކުރާ އިދާރާއަކަށް ހަދާށޭ ބުނުމަކީ ގައުމުގެ އާންމު ނިޒާމަށް އޮތް ނުރައްކަލެއް ކަމަށް ބަލަންވީ ހެއްޔެވެ؟

ސަރުކާރުން ހިތްހަމަނުޖެހޭ އެއްޗެއް މީޑިއާއަކުން ހާމަކުރުމުން އެއީ، މަތީގައި ބުނި މިސާލުތަކަށް ބިނާކޮށް، އެ މީޑިއާއެއް ބަންދުކުރަން ޖެހޭ ވަރުގެ ސަބަބެއް ހެއްޔެވެ؟

މިއީ ސަރުކާރުގެ ފަރާތުން އެކަމަކު ސަރުކާރަށް ތާއީދުކުރާ އަމިއްލަ މެމްބަރަކު ލައްވާ ރައްޔިތުންގެ މަޖިލިހަށް މިހާރު ވައްދާފައި އޮތް 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' އުފެއްދުމުގެ ބިލުން އުފެދުނު މަދު ސުވާލުތަކުގެ ތެރެއިން ސުވާލުކޮޅެކެވެ.

އަނެއްކާވެސް މި އޮތީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރަން ސަރުކާރުން ގެންގުޅޭ ވިސްނުމުގެ އަމަލީ މަސައްކަތާ މެދު ކަންބޮޑުވުން އުފެދިފަ އެވެ. އަނެއްކާވެސް މި އޮތީ ކުރިން ކުރަން އުޅެ އެކަމަކު ހުއްޓާލާފައި އޮތް މަސައްކަތް ފަށައިފަ އެވެ. އަނެއްކާވެސް ނޫސްވެރިންނަށް މި ޖެހުނީ ބާރުދަ ސަރުކާރެއްގެ އިސް ވެރިންނަށް ވިސްނައިދެވޭތޯ އުޅޭށެވެ. އަނެއްކާވެސް ރައްޔިތުންގެ މަޖިލިސް ލައްވާ ގާނޫނުއަސާސީގެ މުހިންމު ބާރެއް ހަނިކުރުމުގެ މަސައްކަތް ކުރުވަނީ އެވެ.

ހުސް 'އަނެއްކާވެސް' އެވެ. 

މީގެ ކުރިން ވެސް އަޅުގަނޑު ލިއެފައި ހުންނާނެ އެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅަން އަބަދުވެސް އުނދަގޫވާނީ އެމްޑީޕީއަށެވެ. އެއާ ހިލާފަށް ޑީއާރުޕީގެ ތެރެއިން އުފެދޭ ސިޔާސީ ޕާޓީތަކުގެ ވިސްނުން އަބަދުވެސް ހުންނާނީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރާށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ފެނުނު މަންޒަރެވެ. އޭރު ޕީޕީއެމް އެވެ. މިއަދު ޕީޕީއެމްގެ ބަދަލުގައި ޕީއެންސީ އެވެ. ނަން ބަދަލުވިޔަސް ދެމިގެން އެ އަންނަަނީ އެ ދެ ޕާޓީގެ ބިންގާ ކަމަށްވާ ޑީއާރުޕީގެ ލެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: ގާނޫނުތައް ފާސްކޮށްލަނީ މާ ބޮޑު ބަހުސެއް ނެތި އެހާމެ އަވަހަށް (ފައިލް ފޮޓޯ/ މަޖިލިސް)

އަޅުގަނޑު އަބަދުވެސް ބުނާ ވާހަކައަކީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން، އާންމު ރައްޔިތެއްގެ ހައިސިއްޔަތުން ނުބެލޭނެ ކަމެވެ. މާނައަކީ އޭނާ އެ މަގާމުގައި ހުންނަހާ ހިނދަކު ފާޑު ވެސް ކިޔޭނެ އެވެ. އޭނާގެ ކަންކަން ބަލަން ވެސް ޖެހޭނެ އެވެ. ބައެއް ފަހަރަށް އޭނާގެ ޒާތީ ދިރުއުޅުމުގެ ވާހަކަ ވެސް ހާމަކުރަން ޖެހިދެ އެވެ. މިސާލަކަށް ސަރުކާރުގެ ވެރިޔަކު، މަޖިލިހުގެ މެމްބަރަކު، މިނިވަން މުއައްސަސާއެއްގެ މެމްބަރަކު، އޭނާގެ އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއްގައި އުޅޭ ނަމަ މީޑިއާއަށް އެކަންކަން ތިލަވާނެ އެވެ. އެހެންކަމުން އޭނާގެ އާއިލާގެ އެހެން މެމްބަރުންގެ ވިސްނުމުގައި ވެސް އެ ޑިސްއެޑްވާންޓޭޖް ބާއްވަން ޖެހޭނެ އެވެ.

އެކަމަކު މިހާރުގެ ބިލްގައި އެފަދަ މީހެއް ތަފާތުކުރުމެއް ވެސް ނެތެވެ. އެހެންކަމުން މި ބިލުގެ ފަހަތުގައި އޮތް މަގުސަދަކީ ސަރުކާރަށް ކުރިމަތިވާ ފާޑުކިއުންތަކާއި ސަރުކާރު ތެރޭގައި ހުރި މައްސަލަތައް މީޑިއާތަކުން ކަވަރުކޮށްފާނެތީ އެކަން ހުއްޓުވުމެވެ.

ބިލްގައި ކޮމިޝަނަށް އޮތީ ވަރަށް ބޮޑެތި ބާރުތަކެކެވެ. މިސާލަކަށް އަޅުގަނޑުގެ މި ހިޔާލަކީ 'ގާނޫނުގެ ވެރިކަން ދެމެހެއްޓުމުގެ އަސާސްތައް ކުރިއެރުވުމާ' ހިލާފު ވިސްނުމެއް ކަމަށް، ސަރުކާރުގެ ސީދާ ކޮންޓްރޯލް އޮތް ކޮމިޝަނަށް ފެނުނީ އެވެ. އެހާ ހިސާބުން 'ދައުރު' ބަންދުކުރަންވީ އެވެ. ތަހުގީގު ނިމެންދެނެވެ. ނުވަތަ ތަހުގީގު ނިމި، ކުށް ސާބިތުކޮށް، ދާއިމީ ބަންދެކެވެ.

ސަރުކާރުގެ ވެރިންނާއި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ގޮނޑިކޮއްކޮ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އަވަހަށް ވިދާޅުވާންވީ އެވެ. ބަލަ އެ ބިލްގައި ހުރި ކަންކަމުގެ ތެރެއިން މޫސައަށް ނަގަން ތިޔަ އެނގުނީ ތިޔަ ޕޮއިންޓް އެކަނި ހެއްޔެވެ؟ އާއެނކެވެ. ނަގަން ބޭނުންވަނީ އޭގައި މީޑިއާތައް ބަންދުކުރަން ލިބިދީފައި ހުރި ބާރުތަކާއި ބޮޑެތި ޖޫރިމަނާތަކުގެ މިސާލެވެ. ރާއްޖޭގައި ހަދާ ގާނޫނުތައް ބޭނުންކުރަނީ ކިހިނެއް، ކޮން ގޮތަކަށް ކަން، ނޭނގޭ މީހުންގެ ތެރޭގައި އަޅުގަނޑެއް ނުވަމެވެ. އަޅުގަނޑަށް ކުރެވުނު/ކުރެވޭ ތަޖުރިބާއަކީ ރާއްޖޭގެ ގާނޫނުތައް ނަހަމަ ގޮތުގައި ބޭނުންކުރަން، މިނިވަން މުއައްސަސާތަކުން އެއްވެސް ޖެހިލުމެއް ނުވާނެކަމެވެ. އެފަދަ މުއައްސަސާތަކަށް އައްޔަންކުރާނީ ވެސް ހުސް ގޮނޑިކޮއްކޮތައް ކަމެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޫސްވެރިކަމަށް ކުރިމަތިވި ހުރަސްތަކާ ދެކޮޅަށް ނޫސްވެރިން 2016ގައި މުޒާހަރާކުރަނީ (ފޮޓޯ/މިހާރު)

އަޅުގަނޑުގެ ޒުވާން އިރު، 1980 އާއި 1990ގެ ތެރޭގައި، 'ގައުމީ ސަލާމަތޭ'، 'ގައުމީ ވަންތަކަމޭ' ބުނެލާއިރަށް އުފަލުން އެ ވާހަކަ ގަބޫލުކުރަމެވެ. ނަމަވެސް މިއަދު އަޅުގަނޑަކީ ސިޔާސީ މީހުން ބުނެލާ އެކަހަލަ ބަސްތަކުން 'ސިކުނޑި ދޮވެވޭ ވަރަށް' ވުރެ ހަރު، ދުވަސްވީ މީހެކެވެ. އެހެންކަމުން އެފަދަ ބަސްތައް ހިމަނައިގެން އެކަމަކު ނޫސްވެރިކަން 'ކުރިއެރުވުމު'ގެ ނަމުގައި ހަދާ ގާނޫނުތަކުގެ ފަހަތުން އަޅުގަނޑަށް އަބަދުވެސް ފެންނަނީ ހުރަސްތަކެވެ. ބިރެވެ. ޖެހިލުންކުރުވުމެވެ. އެހާ ހިސާބުން ގާނޫނުއަސާސީގެ މުހިންމު ސިފައެއް، ގާނޫނަކުން  ނައްތާލެވެނީ އެވެ. (މިހާރުގެ ރައްޔިތުންގެ މަޖިލިހަށް ކޮން ކަމެއް ހެއްޔެވެ؟ މެމްބަރުން އެ ތިއްބެވީ ގާނޫނުއަސާސީން އެ ބޭފުޅުންނަށް ލިބިދިން މިނިވަންކަން ވެސް ދޫކުރައްވައިގެންނެވެ.)

ދިވެހިން އަމިއްލައަށް ސުވާލުކޮށްލާށެވެ. އިދިކޮޅުގައި ތިބޭ އިރު ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކޮށްފައި ސަރުކާރާ ހަވާލުވުމުން އެ މިނިވަންކަން ހިފަހައްޓަން މި އުޅެނީ ކީއްވެގެން ހެއްޔެވެ؟ ޔާމީން އެ ގެންދަވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަން ވަރަށް ފުރިހަމައަށް ބޭނުންކުރައްވަމުންނެވެ. މިއަދު އެ މަނިކުފާނުގެ އަޑު ރައްޔިތުންނާ ހަމައަށް އެ އަންނަނީ އެ މިނިވަކަން އޮތުމުންނެވެ.

މިހާރުގެ ރައީސް މުހައްމަދު މުއިއްޒު އިދިކޮޅުގައި ހުންނެވި އިރު ވެސް ބޭނުންކުރެއްވީ ނޫސްވެރިކަމުގެ މިނިވަންކަމެވެ. ރިޔާސީ ކެމްޕޭން ކުރިއަށް ގެންދެވީ ވެސް އެ މިނިވަންކަމުގައި ވަރަށް ފުޅާކޮށެވެ. ފަހަތުގައި އޮތް މީޑިއާތަކުން ކަނޑައެޅިގެން ދޮގުތައް ހަދަމުން ދިޔަ އިރު އޭގެ ފައިދާ ރަނގަޅަށް ލިބިވަަޑައިގަތެވެ.

އެކަމަކު ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުން ސަރުކާރުގެ އަވަސް އެޖެންޑާއަށް މިއަދު މި އޮތީ ވަދެފަ އެވެ. މިހާރުގެ ރައްޔިތުންގެ މަޖިލިހަކީ ސަރުކާރުން ފޮނުވާ ބިލެއް މިއަދު ބަލައިގަނެ، މިއަދު ބަހުސްކޮށް، މިއަދު ކޮމިޓީން ނިންމައި، މިއަދު ތަޅުމުގައި ވޯޓު ލައިގެން ފާސްކުރާ ތަނެކެވެ. އެ ބިލް މިއަދު ގާނޫނަކަށް ހައްދަވަން ރައީސް މުއިއްޒު ތަސްދީގު ވެސް ކުރައްވާނެ އެވެ. ގާނޫނު ހެދުން ކަހަލަ ބޮޑެތި މަސައްކަތް ނިންމާލަނީ އެހާ ވެސް ފަސޭހަކޮށެވެ. އެކަމަކު އެ ބިލުގެ ކަންކަން ނުނިންމައި، މަޖިލިސް މިއަދު އެވަނީ ޗުއްޓީއަށް ގޮސްފަ އެވެ.

ރައީސް މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ (ފޮޓޯ/ސިޓީ ކައުންސިލް)

އެކަމަކު ސަރުކާރުގެ ވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ ސަރުކާރު މެމްބަރުން ގަބޫލުކުރައްވަން ބޭނުންނުވާ އެހެން ހަގީގަތެއް އެބަ އޮތެވެ: އޮޔާ ދެކޮޅަށް ފަތައިގެން މަންޒިލް އަތުނުވާނެ ކަމެވެ. މިއަދުގެ ނޫސްވެރިކަމަކީ ރަޖިސްޓްރީކޮށްގެން، ކޮން ބައެއްކަން އެނގިގެން ކުރަން ޖެހޭހާ އުނދަގޫ ކަމެއް ނޫނެވެ. އެކްސްގެ އެންމެ އެކައުންޓަކުން (ހަސަން ކުރުސީ) އެ ގެންދަނީ ސަރުކާރާއި ސިޔާސީ މީހުންނާއި ދައުލަތުގެ ޒިންމާދާރު ވެރިންގެ 'ފަތިފުށް' ހާމަކުރަމުންނެވެ. ގަބޫލުކުރާ ބަޔަކު ގަބޫލުކުރަންވީ އެވެ. މަޖާކުރާ ބަޔަކު މަޖާކުރަންވީ އެވެ. އެކަމަކު މިއީ މިއަދުގެ މީޑިއާގެ ބާރެވެ. އެކްސްއަށް ސަރުކާރުން ބާރުއަޅައިގެން އެ އެކައުންޓް ބަންދު ވެސް ކުރިމެ އެވެ. ނަމަވެސް ކާމިޔާބީއެއް ނުލިބުނެވެ.

މިއަދު މަޖިލިހުގައި ބަހުސްކުރަމުން އެ އަންނަ ބިލްގައި ވެސް ސޯޝަލް މީޑިއާގެ އެކައުންޓްތައް ބަންދުކުރާނެކަމުގެ ވާހަކަ އެބަ ހުއްޓެވެ. ނަމަވެސް އެއީ އޮޔާ ދެކޮޅަށް ފެތުމެވެ. ދެން ވެސް އެކަމެއް ކާމިޔާބެއް ނުވާނެ އެވެ.

އަޅުގަނޑު ދެރަވެ ހިތާމަކުރަނީ މީޑިއާއާ ހެދި ސަރުކާރު ހިންގަން އުނދަގޫވާ ކަމަށް ސަރުކާރުގެ ވެރިންނަށާއި ސަރުކާރަށް ތާއީދުކުރައްވާ މަޖިލިހުގެ މެމްބަރުންނަށާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ގަބޫލުކުރެއްވޭތީ އެވެ. ސަރުކާރުގެ ވެރިންނާއި ސަރުކާރު ބިނާވާ ސިޔާސީ ޕާޓީން މަސައްކަތްކުރަންވީ ސަރުކާރު ހިންގާށެވެ. ސަރުކާރު ހިންގުމަކީ ކޮބައި ހެއްޔެވެ؟ ތެދުވެރިކަމާ އެކު ވެރިކަންކުރުމެވެ. ހިޔާނާތުގެ އަމަލްތަކުން ވީހާވެސް ބޮޑަކަށް ދުރުވުމެވެ. ގައުމުގެ ހުރިހާ ބާރެއް ހޯދޭނެ ކަމަށް ގަބޫލުނުކުރުމެވެ. ހުރިހާ ރައްޔިތުންގެ ވިސްނުމުގައި ހިލިހިލާ ނުޖެހޭނެކަން ވެސް ގަބޫލުކުރުމެވެ.

ކޮމެންޓް (1)

ާއަޙައްމަދު

20 އޯގަސްޓު 2025
މޫސާ ލަޠީފަށް ސާބަސް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް