ފުލުހުން އަދަދުގެ އިދާރާ ފާސްކުރަން ހާޒިރުވެ

ރައީސްއާ ގުޅޭ ޑޮކިއުމެންޓްރީގެ ތަހުގީގަށް ފުލުހުން އަދަދު އޮފީސް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ގެންގޮސްފި

ޑޮކިއުމަންޓްރީގައި ހިމެނޭ ތުހުމަތުތަކާ ގުޅިގެން އެ ނޫހުން މިއަދު ރައީސްއާ ސުވާލުކޮށްފައިވޭ
27 އޭޕްރީލު 2026
7

ރައީސް މުހައްމަދު މުއިއްޒަށް ނިސްބަތްވާ ގޮތަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ބުނެ އުފައްދާފައިވާ ވީޑިއޯ ޑޮކުމެންޓްރީއަކާ ގުޅިގެން 'އަދަދު' ނޫހުގެ އޮފީހަށް ފުލުހުން ވަދެ ފާސްކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - 'އަދަދު' ނޫހުން މިދިޔަ މަހު ފަހުކޮޅު އާންމު ކުރި ޑޮކުމެންޓްރީގައި އެ އޮފީހުގެ ސިޔާސީ ވަޒީފާގައި މަސައްކަތްކުރި އަންހެނަކު ވަނީ ކާކުކަން ނޭނގޭ ގޮތަށް ރައީސް މުއިއްޒުއާ ގުޅުވައި އަހުލާގީ ގޮތުން ދަށް ވާހަކަތަކެއް ދައްކައިފަ އެވެ. އެގޮތުން:

  • ޑޮކުމެންޓްރީ އާންމު ކުރިތާ ހަތަރު ހަފްތާ ފަހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ނޫހުގެ ފަރާތުން ވަނީ ރައީސް މުއިއްޒުއާ މި ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރިމަތިކޮށްފައި؛ އެ ހުރިހާ ކަމަކަށް ރައީސް ވިދާޅުވީ، އެއީ "ކަނޑައެޅިގެން ދޮގު ކަމަށް" 

  • "ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން އެދެން ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން" ރައީސް ވިދާޅުވި؛ އެއާއެކު ފުލުހުން މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފެށައި ކޯޓު އަމުރެއް ހޯދުމުގެ މަސައްކަތް ފެށި

ތަފްސީލު - މިރޭ 8ޖަހާ އެހާއިރުން ފެށިގެން ފުލުހުން ދަނީ އަދަދު އޮފީސް ހުންނަ ހ. ހަޒާރުމާގޭގެ އަަށް ވަނަ ފަންގިފިލާ ބަލާ ފާސް ކުރުމުގެ މަސައްކަތް ފަށާފަ އެވެ. އަދި ބަލާ ފާސްކުރަމުންދަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

'ދައުރު' ލިބިފައިވާ އެ ކޯޓު އަމުރުގައިވާ ބަލާ ފާސް ކުރަން ބޭނުންވާ ސަބަބެއް ކަމަށް އޮތީ:

  • 2026 މާޗް 28 ވަނަ ދުވަހު އަދަދު އޮންލައިންގެ އެކްސް އެކައުންޓުން އައިޝާ ނަމުގައި ޝާއިއުކޮށްފައިވާ ވީޑިއޯ ރިޕޯޓުގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭ ގޮތުން ގިނަ ތުހުމަތުތަކެއްކޮށް، ގަޒުފްކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށް

  • އަދި އެ ވީޑިއޯ ތައްޔާރުކޮށް، ޕަބްލިޝްކޮށްފައިވަނީ، އަދަދު އޮންލައިންގެ އެކްސް އެކައުންޓުންކަމަށްވާތީ، "ޑޮކުމެންޓްރީ ތައްޔާރުކުރުގައްޔާއި ޕަބްލިޝްކުރުމުގައި ހަރަކާތްތެރިވި އެނެމެންނަކީވެސް ގަޒުފް ކުރުމުގައި ބައިވެރިވެފައިވާ ފަރާތްތަކެއް ކަމަށް ތުހުމަތު ކުރެވޭތީ" އެކަމާ ގުޅޭ ހެކި ގަރީނާ ހޯދުމަށް

  • އެކަމާ ގުޅޭ ހެކި ގަރީނާ ހުރި ކަމަށް ބެލެވެނީ، އަދަދު އޮންލައިން އޮފީހުގައި ބޭނުން ކުރާ ކޮމްޕިއުޓާ ސްޓޯރޭޖްތަކުގައި ރައްކާކޮށްފައިކަމަށް ތަހުގީގަށް ފެންނާތީ

ބަލާ ފާސް ކުރަން ދީފައިވަނީ، 72 ގަޑިއިރެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދަނީ، ކޯޓު އަމުރުގައިވާ ގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންނެވެ.

ކޯޓު އަމުރުގައި ތުހުމަތު ކުރާ ކުށް ހަވަލާދީފައިވަނީ ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ (ހ)ގަ އެވެ. އެ މާއްދާގައި ބުނަނީ:

  • އެ ތުހުމަތަކީ ދޮގު ތުހުމަތެއްކަން އެނގިހުރެ، ގާނޫނުގެ 411 ވަނަ މާއްދާގެ ނުވަތަ 413 ވަނަ މާއްދާގައި ބުނާ ގޮތަށް މީހަކު ޒިނޭކޮށްފިކަމަށް ނުވަތަ ކުރަމުންދާ ކަމަށް ބުނެ މީހަކާމެދު ތުހުމަތުކޮށް، އެ ވާހަކަ ދެއްކުން ނުވަތަ ތަކުރާރުކުރުން.

  • އެ މާއްދާގައިވާ ގޮތުން އެ ކުށަކީ، ޖިނާއަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. އެއީ، އަސާސީ މިންގަނޑުން ބަލާއިރު، ސާބިތުވެއްޖެނަމަ، 1 އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އަންނަ ކުށެކެވެ. އަދި 80 އެތިފަހަރުން ޖަލްދުކުރުމުގެ އަދަބު ދިނުންވެސް ހިމެނެ އެވެ.

މިއީ މިފަހުން މިގޮތަށް ކޯޓު އަމުރު ހޯދައިގެން ރާއްޖޭގެ މީޑިއާއެއް ރެއިޑްކުރާ ފުރަތަމަ ފަހަރެވެ.

މި މައްސަލައިގައި ލިބިފައިވާ ހެކިތަކަކީ ކޯޓު އަމުރުގައިވާ ގޮތުން:

  • ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް

  • 29 މާޗް 2026 ވަނަ ދުވަހުގެ އަދަދު ނޫހުގެ އާޓިކަލް

  • ނޫސް މަޖައްލާ ރަޖިސްޓްރީ

  • މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ސިޓީ

ކޮމެންޓް (7)

ޞާލިޙް

29 އޭޕްރީލު 2026
ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރެއިންވެސް ތިމާ ހިތުހުރި ކަމެއް ކުރުމަކީ އިންސާނީ ސިފަތަކަށް އިޙުތިރާމް ނުކުރާ ކަމުގެ ހެކި. ވީމާ ތިމާގެ އަމިއްލަ ނަފްސު ކުށްވެރި ކުރަން ނޭދޭ ފަދައިން އެހެނިހެންވެސް މީސްމީހުންގެ ނަފްސު ޙިމާޔަތް ކުރައްވާ!
0 0

އިރުއަލި

28 އޭޕްރީލު 2026
https://adhadhu.com/27426
0 0

ތެފައާސާ.

28 އޭޕްރީލު 2026
ވީ ހޭވް ސީން ދިސް މޫވީ ބިފޯރ. މީޑިއާތަކަށް ބިރު ދައްކައި މީޑިއާތައް ބަންދުކޮށް އަލިފާންޖަހައި ނޫސްވެރިން ހައްޔަރުކޮށް މި ހުރިހާ ކަމެއްކޮށްގެން ވެރިކަން ކުރެވޭތޯ ރައީސް ޔާމީންވެސް ލައްކަ މަސައްކަތް ކުރި. އާޚިރުގައި ކަންވީގޮތް އެއޮތީ ތާރީޚުން ފެންނަން.
1 1

ސުޖީތާ

28 އޭޕްރީލު 2026
"ހަޒާރުމާގެ" އަކީ މާފަންނުގައި ހުންނަ ގެޔަކަށް ކިޔާ ނަމެއް. އެ ގެ ހެންވޭރަށް ބަދަލުވީ ކޮން އިރަކުބާ؟
0 0

ދޮންއަމާ ފިޔާޒް

28 އޭޕްރީލު 2026
މޫސާލަތީފް މިހަބަރު ލިޔުނީ ކާކުބާ؟ އޭނާޔަ އޮޅުން ފިލުވާދީބަލަ މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ ކިހާވަރެއްގެކަމެކަން..
0 0

ކޮވެލި

27 އޭޕްރީލު 2026
މުއިއްޒުގެ ވެރިކަންވެސް ނިމެނީ. ޔާމީނަށް ޖެހުނު ދަތުރު ތިޖެހެނީ. ދެން އެޅޭނީ ހައްތާވެސް ޅައެއްޗެހި.
1 1

ގޮވެލި

28 އޭޕްރީލު 2026
@ކޮވެލި އެޅުނު ޅައެއްޗަކޯ ކޮބާ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް