ކޮންޓްރޯލް ކޮމިޝަންގެ މެންބަރުން. (ފޮޓޯ/ މީޑިއާ ކޮމިޝަން)

'އަދަދު'ގެ ސިޔާސީ ކާޓޫނު 'ދައުރު'ގެ ހަބަރުން ނަގަން ވެސް ކޮމިޝަނުން އަންގައިފި

ކާޓޫނުގެ މައްސަލަ ބަލަމުންދާތީ އެ ޕޯސްޓު އެއްވެސް މީޑިއާއަކުން ދައުރު ނުކުރަން މިދިޔަ އާދިއްޔަ ދުވަހު ކޮންޓްރޯލު ކޮމިޝަނުން ވަނީ އަންގާފައި

'އަދަދު'ގެ 'ސިޔާސީ ކާޓޫން' ސެގްމަންޓްގައި ޕޯސްޓްކުރި ކާޓޫން ކޮންޓެންޓެއްގެ މައްސަލަ ބަލަމުންދާތީ އެ މައްސަލާގައި ހިމެނޭ ކާޓޫނުގެ ފޮޓޯ ބޭނުންކޮށްފައިވާ ހަބަރުން އެ ނެގުމަށް މީޑިއާ ކޮންޓްރޯލު ކޮމިޝަނުން 'ދައުރު'އަށް މިއަދު އަންގައިފި އެވެ.

ވީ ކިހިނެއް؟ - މީޑިއާ ކޮންޓްރޯލު ކޮމިޝަނުން ދަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު 'އަދަދު' ނޫހުން ޝާއިއު ކުރި ކާޓޫނެއްގެ މައްސަލަ ބަލަމުންނެވެ. އަދި އެ މައްސަލަ ބަލަމުންދާތީ އެ ޕޯސްޓު އެއްވެސް މީޑިއާއަކުން ދައުރު ނުކުރަން މިދިޔަ އާދިއްތަ ދުވަހު އެ ކޮމިޝަނުން ވަނީ އަންގައިފަ އެވެ.

ތަފްސީލް - 'ދައުރު'ގެ އެޑިޓަރު މޫސާ ލަތީފަށް އެޑްރެސްކޮށް އެ ކޮމިޝަނުން މިރޭ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ 'އަދަދު'ގެ އެ ކޮންޓެންޓާ ގުޅޭ މައްސަލައެއް ކޮމިޝަނުން ބަލަމުންގެންދާތީ، މައްސަލައިގެ ތަހުގީގު ނިމި، އެ މައްސަލައާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމަންދެން، މިދިޔަ އާދިއްތަ ދުވަހު 'ދައުރު'ގައި ޝާއިއު ކުރި ހަބަރުގައި ހިމަނާފައިވާ އެ ކާޓޫނުގެ ފޮޓޯ ވަގުތީ ގޮތުން ނެގުމަށް އިލްތިމާސްކުރާ ކަމަށެވެ.

ފާހަގަ ކުރެވޭ -' އަދަދު' ނޫހުން ޖެހި ކާޓޫން ކޮންޓެންޓުން ފެންނަނީ:

  • ބަޔަކު ނަމާދުގެ ޖަމާއަތުގައި ތިއްބައި، ރައީސް މުހައްމަދު މުއިއްޒުގެ ސިފަ ފެންނަ، ނޭފަތް ދިގު މިީހެއް އިމާމަށް ހުންނަ މީހާގެ ޖީބުން ފައިސާ ވަގަށް ނަގާ ތަން

  • މީޑިއާ ކޮންޓްރޯލް ކޮމިޝަނުން މައްސަލަ ބަލަމުން ދަނީ، އިސްލާމް ދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ކަމަށްވާ ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތް ގުޅުވޭހެން ދޭހަވާ ގޮތަށް ޝާއިއުކޮށްފައިވާ ކަމަށް ތުހުމަތުކޮށް

'އަދަދު' ނޫހުން ކުރިން ބުނެފައިވަނީ ކޮންޓްރޯލް ކޮމިޝަންގެ ސިޓީގައި ހަވާލާދޭ މާއްދާތަކުގައި ބަޔާންކުރަނީ 'އިސްލާމްދީނުގެ އަސްލަކާ ހިލާފު' ނުވަތަ އިސްލާމްދީން ފިޔަވައި އެހެން ދީނެއް ކުރިއެރުވުމަށް ހިތްވަރުދޭ ފަދަ ކޮންޓެންޓު ޝާއިއުކޮށްގެން ނުވާނެ ވާހަކަ ކަމަށެވެ.

ނަމަވެސް ގާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ)ގައި 'އިސްލާމްދީނުގެ އަސްލު' ކަމުގައި ބުނެފައިވަނީ ގުރުއާނާއި ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން އެކަމެއްގެ ސައްހަކަމާ މެދު ހިލާފު އުފެދިފައިނުވާ، ޝަރުއީ އުސޫލުތަކާއި މި ދެ އަސްލުން ދޭހަކޮށްދޭ އުސޫލުތައް ކަމަށެވެ.

އެ ނޫހުން ޝާއިއުކުރި ކާޓޫނަކީ އިސްލާމްދީނަށް ނުވަތަ ދީނުގެ ޝިއާރަކަށް ތަހުނީނުކުރުމުގެ ގޮތުން ޝާއިއުކުރި ކާޓޫނެއް ނޫންކަން ފާހަގަކޮށް، އެ ކާޓޫނުން އެފަދަ ދޭހައެއް ކުރެވޭނެ ހަަމައެއް އޮތް ކަމަށް ނުވިސްނޭ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން، ކޮމިޝަންގެ ސިޓީއަށް ޖަވާބުދާރީވާން ފަސޭހަވާނީ، އިސްލާމްދީނުގެ އަސްލަކާ އެ ކޮންޓެންޓު ހިލާފުވިކަމަށް ތުހުމަތު ކުރެވުނު ގޮތް ފެނުނު ގާނޫނީ ސަބަބުތައް ސާފުކޮށްދިނުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމެންޓް (2)

ޖުހާ

29 ޖެނުއަރީ 2026
އެންމެ ސުވާލެއް ކޮށްލަން ބޭނުން. ގާނޫނީ ގޮތުން ސީދާ މަނާ ކޮށްފައި ކޮންމެ ކަމެއް ހުއްދަ ވާނެ. ނޫސްވެރިން ބަލަން ޖެހޭ އެހެން އެއްވެސް މިންގަނޑެއް ނޯންނަނީތަ؟ މިހެން މި ބުނީ ދީނުގައިވެސް އަންގާ އެހެން ކަހަލަ އެންގުންތައްވެސް ހުންނާތީ. ނޫސްވެރިންވެސް އެންމެ ފަހުން ޖަވާބުދާރީވާން ޖެހޭނީ ހަމަ ﷲއަށް.
2 0

ތެފައާސާ.

29 ޖެނުއަރީ 2026
ކޮމިޝަނުން ހަމަ ސީދާ ގަސްދުގައި ރައީސަށް ލަނޑު ދީފައި މި އޮތީ. ކޮމިޝަނުން މިކަން ބޮޑު ކޮށްލައިގެން 3 އިރު ކާ ބޭހެއްހެން ބަޔާން ނެރެން ފެށުމުގެ ކުރިން އަދަދުގެ ކާޓޫނަކީ ބަޔަކު ދަންނަ އެއްޗެއްވެސް ނޫން. އެކަމަކު މިހާރު އެ ކާޓޫނެއް ނުފެންނަ، އެ ކާޓޫނު ސެގްމެންޓް ފޮލޯ ނުކުރާ ބަޔަކު ނެތް. ނުވި ތާނކަށް އެހެން ނޫސް ތަކުގައިވެސް އެ ކާޓޫނު ޖަހައިފި. ކޮމިޝަނުން ސީދާ ރާވައިގެން ކާޓޫނު ވައިރަލް ކުރީކަމަށް ބެލެމުގެ ފުރުސަތު އެބައޮތް. ރައީސްގެ އިސްނެންގެވުމަށް މި ކަން ބަލައި ކޮމިޝަނަށް ފިޔަވަޅު އަޅަން އެބަޖެހޭ!!
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް