މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން(ކޮންޓްރޯލް ކޮމިޝަން)ގެ ބައްދަލުވުމެއްގެ ތެރެއިން

'އަދަދު'ގެ ސިޔާސީ ކާޓޫން އެއްވެސް ބަޔަކު ދައުރުނުކުރަން ކޮންޓްރޯލް ކޮމިޝަނުން އަންގައިފި

ކޮންޓްރޯލް ކޮމިޝަނުން މި މައްސަލަ ބަލަނީ އިސްލާމް ދީނުގެ އަސްލުތަކާ އެ ކޮންޓެންޓް ހިލާފް ކަމަށް ބުނެ

'އަދަދު'ގެ 'ސިޔާސީ ކާޓޫން' ސެގްމަންޓްގައި ޕޯސްޓްކުރި ކާޓޫން ކޮންޓެންޓެއްގެ މައްސަލަ ބަލަމުންދާތީ އެ މައްސަލާގައި ހިމެނޭ ކާޓޫން ޕޯސްޓް ދައުރު ނުކުރުމަށް މީޑިއާ ކޮންޓްރޯލް ކޮމިޝަނުން މިއަދު އަންގައިފި އެވެ. 

ވީކިހިނެއް؟ - މީޑިއާ ކޮމިޝަނުން މައްސަލަ ބަލަމުންދަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 'އަދަދު' ނޫހުން ޖެހި ކާޓޫން ކޮންޓެންޓެއްގެ މައްސަލަ އެވެ. އެ ގޮތުން:

  • ބަޔަކު ނަމާދުގެ ޖަމާއަތުގައި ތިއްބައި، ރައީސް މުހައްމަދު މުއިއްޒުގެ ސިފަ ފެންނަ، ނޭފަތް ދިގު މިީހެއް އިމާމަށް ހުންނަ މީހާގެ ޖީބުން ފައިސާ ވަގަށް ނަގާ ތަން

  • މީޑިއާ ކޮންޓްރޯލް ކޮމިޝަނުން މައްސަލަ ބަލަމުން ދަނީ، އިސްލާމް ދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ކަމަށްވާ ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތް ގުޅުވޭހެން ދޭހަވާ ގޮތަށް ޝާއިއުކޮށްފައިވާ ކަމަށް ތުހުމަތުކޮށް

ތަފްސީލް - މީގެ ކުރިން މި މައްސަލަ ބަލައި ނިމެންދެން 'އަދަދު'ގެ އެ ސެގްމަންޓް ވެސް މި ވަގުތަށް ހުއްޓާލަން އެންގުމަށް ފަހު މިއަދު އިތުރު އެންގުމެއް އެންގި އެވެ. 

މިއަދު ނެރުނު އެންގުމުގައި ބުނީ އެ ކޮންޓެންޓަކީ ސޯޝަލް މީޑިއާ އިން ޑިލީޓްކުރަން އަންގާފައިވާ ކޮންޓެންޓަކަށް ވާތީވެ އެ ކޮންޓެންޓް އެއްވެސް ފަރާތަކުން ދައުރު ނުކުރުމަށް އަންގައި އިއުލާންކުރާ ކަމަށެވެ. 

ފާހަގަކޮށްލެވޭ - 'އަދަދު' ނޫހުން ބުނީ ކޮންޓްރޯލް ކޮމިޝަންގެ ސިޓީގައި ހަވާލާދޭ މާއްދާތަކުގައި ބަޔާންކުރަނީ 'އިސްލާމްދީނުގެ އަސްލަކާ ހިލާފު' ނުވަތަ އިސްލާމްދީން ފިޔަވައި އެހެން ދީނެއް ކުރިއެރުވުމަށް ހިތްވަރުދޭ ފަދަ ކޮންޓެންޓު ޝާއިއުކޮށްގެން ނުވާނެ ވާހަކަ ކަމަށެވެ.

ނަމަވެސް ގާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ)ގައި 'އިސްލާމްދީނުގެ އަސްލު' ކަމުގައި ބުނެފައިވަނީ ގުރުއާނާއި ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން އެކަމެއްގެ ސައްހަކަމާ މެދު ހިލާފު އުފެދިފައިނުވާ، ޝަރުއީ އުސޫލުތަކާއި މި ދެ އަސްލުން ދޭހަކޮށްދޭ އުސޫލުތައް ކަމަށެވެ.

އެ ނޫހުން ޝާއިއުކުރި ކާޓޫނަކީ އިސްލާމްދީނަށް ނުވަތަ ދީނުގެ ޝިއާރަކަށް ތަހުނީނުކުރުމުގެ ގޮތުން ޝާއިއުކުރި ކާޓޫނެއް ނޫންކަން ފާހަގަކޮށް، އެ ނާޓޫނުން އެފަދަ ދޭހައެއް ކުރެވޭނެ ހަަމައެއް އޮތް ކަމަށް ނުވިސްނޭ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން ކޮމިޝަންގެ ސިޓީއަށް ޖަވާބުދާރީވާން ފަސޭހަވާނީ، އިސްލާމްދީނުގެ އަސްލަކާ އެ ކޮންޓެންޓު ހިލާފުވިކަމަށް ތުހުމަތު ކުރެވުނު ގޮތް ފެނުނު ގާނޫނީ ސަބަބުތައް ސާފުކޮށްދިނުމުން ކަމަށް ވެސް ބުނެފައިވެ އެވެ.
"ދިވެހިރާއްޖޭގެ ދީނީ މައްސަލަތަކުގައި ގޮތްބާވަތް ބުނެދިނުމުގެ މަސްއޫލިއްޔަތު ގާނޫނުން ހަވާލުކޮށް، އެކަމަށް ފަތުވާ މަޖިލީހެއް އޮއްވާ ވެސް، އިސްލާމްދީނުގެ އަސްލުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތާ އަމިއްލަފުޅަށް ހަވާލުވެވަޑައިގެން، ތިޔަ ކޮމިޝަނުން އެކަމަށް ބަހައްޓަމުން ގެންދަވާ ޝައުގުވެރިކަމާއި ކުރައްވަމުން ގެންދަވާ ނުހަނު ބުރަ އަދި އަގުހުރި މަސައްކަތް އަޅުގަނޑުމެން ބަލައިގަންނަ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވަމެވެ،" 'އަދަދު'ގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް (2)

މީޑިޔާ

25 ޖެނުއަރީ 2026
ޚިޔާލު ފާޅުކުރުމަކީ މީހުންގެ އަބުރު ކަތިލައި ފުރައްސާރަކުރުމަށް އޮތް ފުރުސަތެއް ނޫން. އަދި ނުފަތުރަން އެންގީމަ މި ޚަބަރުގަ ވެސް އެ ކާޓޫނު ޖަހާފަ
2 4

އަފުން

25 ޖެނުއަރީ 2026
މީހުންނަށް ފުރައްސާރަ ކުރުމާއި ފުރައްސާރަ ކުރާ މީހުންނަށް ހިތްވަރު ދިނުމަކީ ﷲގެ ލައުނަތް ލިބޭނެ ބޮޑު ފާފައެއްކަން ނޭނގެނީހެއްޔެވެ.
6 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް