ކޮންޓްރޯލް ކޮމިޝަންގެ މެންބަރުން - ( ފޮޓޯ/ މީޑިއާ ކޮމިޝަން)

ފާޑުކިއުން އަމާޒުވުމުން، މީޑިއާތަކުން ކާޓޫން ދައުރު ނުކުރަން އަންގާ ގޮތަށް އެންގުން ބަދަލުކޮށްފި

ކޮންޓްރޯލް ކޮމިޝަނުން ފުރަތަމަ އިއުލާނުގައި ބުނީ އެއްވެސް ފަރާތަކުން 'އަދަދު'ގެ ކާޓޫން ދައުރު ކޮށްގެން ނުވާނެ ކަމަށް

'އަދަދު' ނޫހުން ގެނެސްދޭ 'ސިޔާސީ ކާޓޫން' ސެގްމަންޓްގެ ޕޯސްޓެއް އެއްވެސް ފަރާތަކުން ދައުރުނުކުރުމަށް އަންގައި އާންމުކުރި އިއުލާން ކޮންޓްރޯލް ކޮމިޝަނުން ބަދަލުކޮށް، މީޑިއާތަކުން އެކަން ނުކުރަން އަންގައި އާ އިއުލާނެއް ނެރެފި އެވެ.

ވީކިހިނެއް؟ - މީޑިއާ ކޮމިޝަނުން މައްސަލަ ބަލަމުންދަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 'އަދަދު' ނޫހުން ޖެހި ކާޓޫން ކޮންޓެންޓެއްގެ މައްސަލަ އެވެ. އެ ގޮތުން:

  • އެ ޕޯސްޓުން ފެންނަނީ ބަޔަކު ނަމާދުގެ ޖަމާއަތުގައި ތިއްބައި، ރައީސް މުހައްމަދު މުއިއްޒުގެ ސިފަ ފެންނަ، ނޭފަތް ދިގު މިީހެއް އިމާމަށް ހުންނަ މީހާގެ ޖީބުން ފައިސާ ވަގަށް ނަގާ ތަން

  • މީޑިއާ ކޮންޓްރޯލް ކޮމިޝަނުން މައްސަލަ ބަލަމުން ދަނީ، އިސްލާމް ދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ކަމަށްވާ ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތް ގުޅުވޭހެން ދޭހަވާ ގޮތަށް ޝާއިއުކޮށްފައިވާ ކަމަށް ތުހުމަތުކޮށް

ތަފްސީލް - މީޑިއާ ކޮމިޝަނުން މިއަދު ފުރަތަމަ ނުރެނު އިއުލާނުގައި އެއްވެސް ފަރާތަކުން އެ ޕޯސްޓް ދައުރު ނުކުރުމަށް އަންގާފައިވީ ނަމަވެސް، އެ އިއުލާން މިހާރު ވަނީ އެ ކޮމިޝަނުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ޑިލީޓްކޮށްފަ އެވެ. 

މިއަދު ފަހުން އާ އިއުލާނެއް ނެރެ، އިސްލާހުކޮށްފައިވާ އިއުލާނުގައި ވަނީ އެއްވެސް މީޑިއާއަކުން އެ ޕޯސްޓް ދައުރު ނުކުރުމަށް އަންގާ ކަމަށެވެ. 

މީޑިއާ ކޮމިޝަނުން ފުރަތަމަ ނެރުނު އިއުލާން --
މީޑިއާ ކޮމިޝަނުން ފަހުން އިސްލާހުކޮށް ނެރުނު އިއުލާން --

ފާހަގަކޮށްލެވޭ - 'އަދަދު' ނޫހުން ކުރިން ބުނެފައިވަނީ ކޮންޓްރޯލް ކޮމިޝަންގެ ސިޓީގައި ހަވާލާދޭ މާއްދާތަކުގައި ބަޔާންކުރަނީ 'އިސްލާމްދީނުގެ އަސްލަކާ ހިލާފު' ނުވަތަ އިސްލާމްދީން ފިޔަވައި އެހެން ދީނެއް ކުރިއެރުވުމަށް ހިތްވަރުދޭ ފަދަ ކޮންޓެންޓު ޝާއިއުކޮށްގެން ނުވާނެ ވާހަކަ ކަމަށެވެ.

ނަމަވެސް ގާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ)ގައި 'އިސްލާމްދީނުގެ އަސްލު' ކަމުގައި ބުނެފައިވަނީ ގުރުއާނާއި ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން އެކަމެއްގެ ސައްހަކަމާ މެދު ހިލާފު އުފެދިފައިނުވާ، ޝަރުއީ އުސޫލުތަކާއި މި ދެ އަސްލުން ދޭހަކޮށްދޭ އުސޫލުތައް ކަމަށެވެ.

އެ ނޫހުން ޝާއިއުކުރި ކާޓޫނަކީ އިސްލާމްދީނަށް ނުވަތަ ދީނުގެ ޝިއާރަކަށް ތަހުނީނުކުރުމުގެ ގޮތުން ޝާއިއުކުރި ކާޓޫނެއް ނޫންކަން ފާހަގަކޮށް، އެ ކާޓޫނުން އެފަދަ ދޭހައެއް ކުރެވޭނެ ހަަމައެއް އޮތް ކަމަށް ނުވިސްނޭ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން، ކޮމިޝަންގެ ސިޓީއަށް ޖަވާބުދާރީވާން ފަސޭހަވާނީ، އިސްލާމްދީނުގެ އަސްލަކާ އެ ކޮންޓެންޓު ހިލާފުވިކަމަށް ތުހުމަތު ކުރެވުނު ގޮތް ފެނުނު ގާނޫނީ ސަބަބުތައް ސާފުކޮށްދިނުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމެންޓް (2)

ބޮއްބެ

25 ޖެނުއަރީ 2026
ކާޓޫނު އޯކޭ! ދެން މާދަމާ ސަޖިދާގައި މީހަކުވަނިކޮށް ފުރަގަހުން ޖިމާއުވާތަން ދައްކުވައިދޭ ކާޓޫނެއް ޖަހާފައި ބުނަންވީ މިހާރު ޒިނޭކުރުންވެސް މުޖުތަމައުގައި މިދަނީ އާއްމުވަމުންނޭ! އޯކޭތޯ މިގޮތް! މިސުވާލަށް ކޮންމެވެސް މީޑިއާ އަކުން ޖަވާބެއް ލިބޭނެކަމަށް އުންމީދުކުރަން. އަދި މިކޮމެންޓް ޖަހައިދީބަލަ
2 7

ކުންނު

25 ޖެނުއަރީ 2026
މީގަ މާބޮޑު މައްސަލައެއްނެތް، ކުރިން އަންގާފައިވަނީ "އެއްވެސް ފަރާތަކުން" އެކަން ނުކުރުމަށް. އެއީ މީޑިޔާ ކޮމިޝަނަށް އޮންނަ ދާއިރާއިން ބޭރުން އެންގުނު އެންގުމެއްކަމަށް މާނަކުރެވިދާނެތީ، އެއޮތީ އިޞްލާޙުކުުރުމަށްފަހު "އެއްވެސް މީޑިޔާއަކުން" އެކަން ނުކުރުމަށް އަންގާފައި.
2 5

އިތުރު އާޓިކަލް

އިތުރު އާޓިކަލް