ނޫސްވެރިންގެ މުޒާހާރާއެއްގައި، ނޫސްވެރިއަކު 'ލިޔެވޭނެ، ލިޔާނަން' ޝުއޫރުގެ ބޯޑެއް ހިފަހައްޓައިގެން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
މިހާ ވަރަށް 'އަނގަ ބަންދުކުރަން' ކޯޓަށް އަމުރުކުރެވޭނެތަ؟
ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހަކު ކޯޓުން ކުށް ސާބިތުވުމުގެ ކުރިން ވެސް އޭނާއަކީ ޓެރަރިސްޓެއް ގޮތުގައި 'ލޭބަލްކޮށް' އެ ގޮތަށް މުޖުތަމައުގައި ދިޔައީ ހިޔާލު ފާޅުކުރަމުންނެވެ. ނަމަވެސް އެކަން މަނާކޮށް، އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި އޭރު އިންނެވި ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ މިހެންނެވެ؛
"ޖިނާއީ ކުށެއް ކުރި ކަމުގެ ދައުވާ އެ މީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެ މީހުންގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއްގެ ގޮތުގައި ބެލުމުގެ ހައްގު ލިބިގެންވާ މީހެއް ކަމަށް ވާތީ މި ކޯޓުގައި ހިނގަމުންދާ ޕްރޮސެކިއުޓަ ޖެނެރަލް އަދި މުހައްމަދު އަމީން ގަޒިއްޔާއާ ގުޅިގެން، ހިޔާލުފާޅުކުރާ ފަރާތްތަކުންނާއި ހަބަރު ފެތުރުމުގައި، މި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ގާނޫނުއަސާސީން ބުނެވިދިޔަ ހައްގަށް އެއްވެސް އަސަރެއް ކުރާނެ މޭރުމަކުން މައްސަލައިގެ ހަސްމު ތަސައްވުރުކޮށްދިނުމުގެ ގޮތުން އެއްވެސް އަމަލެއް ކުރުމަކީ އަދި ހަބަރެއް ގެނެސްދިނުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބަލާނެކަން އާންމުކޮށް އަންގައި އަމުރުކުރަން."
30 ސެޕްޓެންބަރު 2021ގައި ސުޕްރީމް ކޯޓުން ނިންމި އެ ނިންމުމުގެ މަތީގައި ކޯޓުތަކުން ބައެއް އަމުރުތައް ނެރެފައިވެ އެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އިތުރު ތިން އަމުރަކީ:
-
25 އޭޕްރީލް 2022: އަހުމަދު މޫސާ މުހައްމަދު (ސީލައިފް އައްމަޓީ)ގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާތަކުގެ މައްސަލާގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު
-
މެއި 2024ގައި: އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އުފުލާފައިވާ ހިޔާނާތާއި، ރިޝްވަތާއި، މަނީލޯންޑަރިންގެ ދައުވާތަކުގެ މައްސަލާގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރު
-
10 މެއި 2026ގައި: 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާގެ މައްސަލާގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރު
އެންމެ ފަހުން ނެރުނު އަމުރު ފިޔަވައި ދެން ހުރި އަމުރުތައް ނެރުނީ ކުށުގެ ތުހުމަތުވާ ފަރާތުން، އެ ފަރާތުގެ ދިފާއީ ހައްގާއި މައުސޫމެއް ގޮތުގައި ދުށުމުގެ ހައްގު ރައްކާތެރިކުރުމަށް އެ ފަރާތުން ޝަރީއަތަށް ހުށަހަޅައިގެންނެވެ.
މުހައްމަދު އަމީން އާއި އަހުމަދު މޫސާ މުހައްމަދުގެ މައްސަލާގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ފަހަތުގައިވާ މަފްހޫމަކީ އެއީ އެވެ. ހިޔާލު ފާޅުކުރާ ފަރާތްތަކުންނާއި ހަބަރު ފަތުރާ ވަސީލަތްތަކުން މައުލޫމާތު ފެތުރުމުގައި، ދައުވާ އުފުލިފައިވާ ފަރާތަކީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ކުރި ފަރާތްކަން ކޯޓަށް ސާބިތު ނުކުރެވޭހާ ހިނދަކު އޭނާއަކީ މައުސޫމެއް ގޮތުގައި ބެލުމުގެ ހައްގުން މަހުރޫމު ކުރެވޭ ގޮތަށް އެ ކަން ކޮށްގެން ނުވާނެ ކަމެވެ.
ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރު ފޯރަނީ މިއަށްވުރެ ފުޅާ ދާއިރާއަކަށެވެ. އެ އަމުރަށް އެދެނީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުންނެވެ. އެ ގޮތުން ކޯޓުން އަމުރުކޮށްފައިވަނީ:
-
މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން 'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރަން
-
ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް ނުދެއްކުމަށް
-
ޑޮކިއުމެންޓްރީއާ ގުޅުވާ މައްސަަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދައްކަން
-
މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދެވިދާނެ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން
މިހާ ފުޅާ ދާއިރާއެއްގައި އެންމެންގެ އަނގަ ބަންދުކުރުމުގެ އަމުރެއް ކޯޓަކަށް ނެރެވިދާނެ ހެއްޔެވެ؟ މި ސުވާލު އުފައްދާ ސަބަބަކީ، ކުރިން ނެރުނު އަމުރުތަކަށް ވުރެ، ވަކި ކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކުން، މާ ފުޅާ ދާއިރާއެއްގައި މި ކޯޓު އަމުރުން މަނާކޮށްފައި ވާތީ އެވެ.
ކުރިން ނެރުނު އަމުރުތަކުގައި މަނާކުރީ ކުށުގެ ދައުވާ އުފުލިފައިވާ މީހާ ކުށްވެރިކޮށްގެން ވާހަކަ އާއި ހަބަރު ފެތުރުން އެކަންޏެވެ. އަދި މައްސަލައިގެ ހަސްމުން ޝަރީއަތުގެ ބޭރުން، މައްސަލައިގެ ގާނޫނީ އަދި ޝަރުއީ ބަހުސް ނުކުރުމަށެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ "ސީދާ ގޮތުންނާއި ނުސީދާ ގޮތުން" ވެސް ޑޮކިޔުމެންޓްރީގެ ވާހަކަ ނުދެއްކުމަށެވެ.
"އަނގަ ބަންދުކުރުމުގެ" އަމުރުގެ މަފްހޫމް
ޝަރީއަތުގައި ހިނގާ މައްސަލައެއްގެ ވާހަކަ ފެތުރުން މަނާކުރާ އަމުރަށް ކިޔައި އުޅެނީ "ގެގް އޯޑާ" އެވެ. މި އުސޫލު އުފެދިގެން އައި ގޮތުގެ ތާރީހަށް ބަލާއިރު، އެންމެ މަޝްހޫރު ހާދިސާއަކީ އެމެރިކާގެ ޝެޕާޑް ވ. މެކްސްވެލް 1966 ގަޒިއްޔާ އެވެ. އެމެރިކާގެ ދަށު ކޯޓަކުން ވަރަށް ބޮޑަށް ހުޅުވާލައިގެން ހިންގި ޝަރީއަތެއް، އޭގެ ބަދަލުގައި ހިފެހެއްޓުންތަކަކާ އެކު ގެންދަން ސުޕްރީމް ކޯޓުން ނެރުނު އަމުރެކެވެ.
މި މައްސަލައިގައި ހިމެނޭ ޝެޕާޑްގެ މައްޗަށް އުފުލި ދައުވާއަކީ އޭނާގެ އަނބިމީހާ މަރާލުމެވެ. އޭނާގެ މައްޗަށް ދަށު ކޯޓުން ހުކުމް އިއްވި ނަމަވެސް ސުޕްރީމް ކޯޓުން ހުކުމް ބާތިލްކުރީ އެވެ. ޝެޕާޑަށް އިންސާފުވެރި ޝަރީއަތެއް ނުލިބުނު ސަބަބަކަށް ފާހަގަކޮށްފައި އޮތީ:
-
ކޯޓުގެ ބޭރުން ބޭނުން ގޮތަކަށް ޝަރީއަތާ ގުޅޭ ގޮތުން ވާހަކަ ދެއްކުމާއި، މީޑިއާތަކަށް މާ ބޮޑަށް ޝަރީއަތް ހުޅުވާލާފައި އޮތުން
-
އޭގެ ސަބަބުން ޖޫރީން ނުވަތަ ހުކުމް ކަނޑައަޅާ ހަބީރުންގެ މަޖިލީހަށް، ޝެޕާޑް ވަކި ގޮތަކަށް މާ ކުރިން ތަސައްވުރު ކުރުމުގެ ޖާގަ ލިބުން
މިފަދަ އަމުރަކީ، ރާއްޖޭގައި ގާނޫނަކުން ކަނޑައަޅާފައި އޮންނަ ކަމެއް ނޫނެވެ. މިފަދަ އަމުރުތައް ނެރެން ރާއްޖޭގައި އޮތް ގާނޫނީ މަސްދަރަކީ ސުޕްރީމް ކޯޓުން ނެރުނު ދެ އަމުރެވެ. ދަށު ކޯޓުތަކުން މި ޒާތުުގެ އަމުރުތައް ނެރެމުން ދަނީ އެންމެ މަތީ ކޯޓުގެ އެ ދެ އަމުރަށް ރިއާޔަތްކޮށްގެނެވެ. އެކަމަކު ގަޒުފުގެ މައްސަލައާ ހަމައަށް ޕީޖީ އޮފީހުގެ ވެސް ސްޓޭންޑް ވަރަށް ތަފާތެވެ.
ބައްސާމްގެ މައްސާލަގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ފަހު، ޕަބްލިކް ޕްރޮސެކިއުޓަރު އާމިނަތު ޝާމާ ނަސީރު އެ އޮފީހުގެ އުންސުރު މަޖައްލާގައި މި މައުލޫގައި ކުރިން ވަނީ ލިއުއްވާފަ އެވެ. ޝާމާގެ ވަކާލާތަކީ ވެސް މިއީ، ކުށުގެ ތުހުމަތުވާ މީހާގެ ދިފާއީ ހައްގު ރައްކާތެރިކުރުމަށް، ޖޫރީން ތިބޭ ގައުމުތަކުގައި އޮންނަ އުސޫލެއް ކަމެވެ.
ދައުލަތް ތަމްސީލްކުރައްވާ ތަޖުރިބާކާރު ވަކީލު ޝާމާ ވިދާޅުވެފައިވާ ގޮތުގައި ޖޫރީން ހިމެނޭ ޝަރީއަތްތަކުގައި މިފަދަ އަމުރު ނެރެނީ، ޖޫރީންގެ ބެންޗް ކަނޑައެޅުމުގެ ކުރިން މައްސަލައިގެ މައުލޫމާތު މުޖުތަމައުގައި އާންމުވެ، ތުހުމަތުކުރެވޭ މީހާއާ މެދު މުޖުތަމައުގައި ވަކި ތަސައްވުރެއް އުފެދިއްޖެ ނަމަ، ވަކި ފަރާތަކަށް ނުޖެހޭ ޖޫރީން ހޯދަން ހުރަސް އެޅިދާނެތީ އެވެ.
ޝާމާ ވެސް ފާހަގަކުރައްވާފައިވާ ފަދައިން ޖޫރިންނާ ހިލާފަށް ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުން ނުވެ، ތައައްސުބުން އެއްކިބާވެ ތިބެ ކަންކަން ނިންމުމަށް ގާނޫނީ ގޮތުން ތަމްރީނާއި އިނާޔަތް ދީފައިވާ މުސްތަގިއްލު ބައެކެވެ. ރާއްޖޭގައި ދަށު ކޯޓުގެ މަރުހަލާގައި ވެސް ހުކުމް ކަނޑައަޅުއްވާނީ ސީދާ ފަނޑިޔާރެވެ.
"ރާއްޖޭގެ ނިޒާމު އޮންނަ ގޮތުން މުޖުތަމައުގެ ތެރޭގައި، ތުހުމަތުކުރެވޭ މީހާއާ މެދު ކޮންމެ ގޮތަކަށް ވާހަކަ ދެކެވުނަސް، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގަށް އުނިކަމެއް ނާންނާނެ އެވެ،" ޝާމާ ލިއުއްވި އެވެ.
ކްރިމިނަލް ކޯޓުން ނެރުނީ ގައިރު ގާނޫނީ އަމުރެއް؟
އެއް ކަމެއް ސާފެވެ. ކްރިމިނަލް ކޯޓުން މި ފަހުން ނެރުނު އަމުރުގައި ކަނޑައަޅާފައިވާ ދާއިރާ އާއި ސުޕްރީމް ކޯޓުގެ ދެ އަމުރުގައި ވެސް ކަނޑައަޅާފައިވާ ދާއިރާ ވަރަށް ތަފާތެވެ. ކަނޑައަޅަން ޖެހުނު ގޮތާއި ކަނޑައެޅި ގޮތް ވެސް ތަފާތެވެ.
ފުރަތަމަ ކަމަކަށް ސުޕްރީމް ކޯޓުން ކަނޑައެޅީ ހަމައެކަނި ކުށުގެ ތުހުމަތުވާ ނުވަތަ ދައުވާ އުފުލާ މީހާ ކުށްވެރިވި ކަމަށް ކޯޓުން ކަނޑައެޅުމުގެ ކުރިއަށް، މުޖުތަމައުގެ ތެރޭގައި އޭނާ ކުށްވެރިކޮށްގެން އެ ވާހަކަ ނުދެއްކުމަށެވެ. ކްރިމިނަލް ކޯޓުން ކުށުގެ ތުހުމަތުވާ މީހާގެ އިތުރުން ކުށުގެ ޝިކާރައަށްވީ މީހާގެ ވާހަކަ ދެއްކުން ވެސް މަނާކޮށްފައިވެ އެވެ. ކުރިން ވެސް ފާހަގަކުރިހެން، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް މީގެ ވާހަކައެއް ދެއްކުން މަނަ އެވެ.
ޝާމާ ވެސް ފާހަގަކުރައްވާފައިވަނީ އެހެން ގައުމުތަކުގައި ނެރޭ "އަނގަ ބަންދުކުރުމުގެ އަމުރު" ގުޅެނީ ވެސް ދައުވާ ލިބޭ މީހާއަށް އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގާ އެވެ. މި މައްސަލާގައި ކުށުގެ ތުހުމަތު ނިސްބަތްވަނީ ފިޔާޒާއި ހަސަނަށެވެ. ފިޔާޒާއި ހަސަން މި ވާހަކަ ދެއްކުން މަނާކުރަން ބޭނުންވެގެން އުޅޭ ތަނެއް ނުފެނެ އެވެ. މި ހައްގު ލިބިގެންވާ ފިޔާޒާއި ހަސަން އެފަދަ އަމުރަކަށް ކޯޓުގައި އެދިގެނެއް ވެސް ނޫޅެ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ، ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ ދެ އަމުރުގެ ދާއިރާ ވެސް އަމާޒުކޮށްފައިވަނީ ކަނޑައެޅިފައިވާ ވަކި ޒިންމާ އަދާކުރާ ބަޔަކަށް، ވަކި އިމެއްގެ ތެރެއަށް ކަމަށެވެ.
"ވަކިން ހާއްސަކޮށް ފަހު އަމުރު އަމާޒުކޮށްފައިވަނީ އަސާސީ ހައްގު ހިމާޔަތް ކުރާ ފަރާތްތަކުގެ މައްޗަށް. އެއީ ފުލުހުންނާއި ޕީޖީން ޖިނާއީ ދައުވާއަކާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތުގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ކުށް ސާބިތުވުމުގެ ކުރިން ވާހަކަ ނުދެއްކުމަށް ކޮށްފައިވާ އަމުރެއް ކަމަށް ބެލެވޭ،" ޖަމީލު ވިދާޅުވި އެވެ.
ގެގް އޯޑަ ނެރުނު އަހުމަދު މޫސާގެ މައްސަލާގައި ދިމާވި ކަމަކީ ވެސް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ އަމިއްލަ ބްލޮގްގައި އެ މައްސަލައިގެ ޝަރުއީ ބަހުސްތަކެއް ޝާއިއުކުރެއްވުމެވެ. ކޯޓުގެ ބޭރުން ޝަރުއީ އަދި ގާނޫނީ ބަހުސް ނުކުރުމަށް ކޯޓުން އަމުރުކުރަން ޖެހުނީ އެހެންވެގެނެވެ.
ޖަމީލު ގަބޫލުކުރައްވާ ގޮތުގައި ކްރިމިނަލް ކޯޓުން ނެރުނީ ސުޕްރީމް ކޯޓުން ނެރުނު އަމުރުތަކާ ހިލާފަށް، ގައިރު ގާނޫނީ އަމުރެކެވެ. އެއީ ގާނޫނީ ގޮތުން ގޯސް އަމުރެކެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތައް، މި އަމުރު ނެރުމުގެ ހުއްޖަތަކަށް ނުފުދޭ ކަމެވެ.
"ޖުމްލަކޮށް ސިޔާސީ ޕާޓީތަކަށް ނުވަތަ އާންމު ރައްޔިތުންނަށް ނިސްބަތްކޮށް ކޯޓުތަކުގެ ހުރުމަތް ނަގާލުމޭ ކިޔާ މި ގޮތަށް އަމުރު ކުރުމުގެ ބާރު ކޯޓްތަކަށް ލިބިގެން ނުވޭ. އަދި އެއީ ޖުޑިޝަލް ނިޒާމު މަސައްކަތްކުރާ ގޮތެއް ވެސް ނޫން. ކްރިމިނަލް ކޯޓަށް މިފަދަ އަމުރެއް މިގޮތަށް ނެރުމުގެ ގާނޫނީ ބާރެއް ލިބިފައެއް ނުވޭ،" ޖަމީލު ވިދާޅުވި އެވެ.
ފަނޑިޔާރަކު މިފަދަ އަމުރަކާ ހަމައަށް އަންނަން ވާނީ ޝަރީއަތުގައި ކުޑަމިނުން ބަހުސްކޮށްގެން ކަމަށް ވެސް ދެކެމެވެ. އަޑުއެހުންތައް ސިއްރުކުރަން ވަކި ގޮތެއް ވެސް ނިންމުމުގެ ކުރިއަށް، ސިއްރުކުރެވިދާނެ އަޑުއެހުންތަކަކަށް ވާތީވެ، އެ ވާހަކަ ދެއްކުން މަނާކޮށް ޖުމްލަކޮށް އެންމެންގެ މައްޗަށް މިފަދަ އަމުރެއް ނެރެވިދާނެތޯ މިއީ ކޯޓުގައި ކުރުން މުހިންމު ބަހުސެކެވެ. މި ވަރުގެ ކަމެއްގެ ބަހުސް، މަތީ މަރުހަލާގެ ކޯޓުތަކާ ހަމައަށް ވެސް ދިއުން ބޭނުންތެރި އެވެ.
ކޮމެންޓް (3)
ޔެސް
ސިކުނޑި
ތެފައާސާ.