މަސްދަރު ހާމަކުރަންޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލީހުގެ އިދާރާ ދޮށުގައި 30 ޖޫން 2022 ވަނަ ދުވަހު ކުރި އިހުތިޖާޖުގެ ތެރެއިން (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)
މަސްދަރު ހާމަ ކުރަން ޖެހޭ އިތުރު ހާލަތްތަކާއި ހައި ކޯޓުން އަމުރު ނެރުން ހިމެނޭ އިސްލާހެއް
ނޫސްވެރިން މަސްދަރު ހާމާކުރަން ޖެހޭ އިތުރު ހާލަތްތަކާ އެކު ހައި ކޯޓުން އަމުރު ހޯދަން އެދޭ ގޮތަށް ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު އިސްލާހެއް ހުށަހަޅައިފި އެވެ.
ފަސްމަންޒަރު - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޮވެމްބަރު 2022ގައި ތަސްދީގު ކުރައްވައި، ޖެނުއަރީ 2023ގައި އަމަލު ކުރަން ފެށި ހެއްކާ ބެހޭ ގާނޫނުގައި މަސްދަރާ ގުޅޭ ގޮތުން ހުރި މާއްދަތަކާ މެދު ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުއްޓެވެ. ނަމަވެސް:
-
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ބިލު ފާސްކުރީ އެ ކަންބޮޑުވުންތަކަށް މާ ބޮޑެތި ހައްލުތަކެއް ނުގެނެސްދީ
-
ގާނޫނު އަލުން އިސްލާހު ކުރާނެކަމުގެ ޔަގީންކަން އޭރު ސޯލިހު ނޫސްވެރިންނަށް ދެއްވި ނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމުނީ އެ ބިލަށް ފަހުން ހުށަހެޅި އިސްލާހު މަޖިލީހުގައި މަޑުޖެހިފައި އޮއްވާ
-
އޭރު ކޮމިޓީން އެ މަސައްކަތް ނިންމި ނަމަވެސް އެމްޑިޕީގެ މެންބަރުންގެ ތާއިދު ނުލިބިގެން އަނެއްކާވެސް އަނބުރާ ކޮމިޓީއަށް ފޮނުވާލި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، މަސްދަރު މައްދާ އިސްލާހުކުރާނެ ކަމަށް މި ސަރުކާރުން ބުނެފައިވެ އެވެ.
ވީ ކިހިނެއް؟ - ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަސްލަމް ހުށަހަޅުއްވާފައިވާ ބިލު މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ތަފްސީލު - މި ބިލުގައި މައިގަނޑު އެއް އިސްލާހަކަށް ހުށަހަޅާފައި އޮތީ، އޭރު ނޫސްވެރިން ކަންބޮޑުވުން ފާޅުކުރި، ގާނޫނުގެ 136 ވަނަ މާއްދާގައިވާ މަސްދަރު ހަމާކުރުމާ ގުޅޭ އުސޫލުތަކަށް ބަދަލު ގެނައުމެވެ. އެގޮތުން:
-
މަސްދަރު ހާމަކުރުމުގެ އަމުރަކަށް އެދި ހުށަހަޅާނެ ވަކި ކޯޓެއް ގާނޫނުގައި މިހާރު ބަޔާންކޮށްފައެއް ނުވޭ. އެހެންވެ މެޖިސްޓްރޭޓް ކޯޓަކުން ވެސް އެފަދަ އަމުރެއް ހޯދުމަށް އެދުމުގެ ފުރުސަތު އޮވޭ
-
އިސްލާހުގައި އޮތީ، އެފަދަ އަމުރަކަށް އެދެެވޭނީ ހައި ކޯޓަށް ކަމަށް. އަދި 24 ގަޑިއިރު ތެރޭ އެ ކޯޓުން އެ ހުށަހެޅުމާ މެދު ގޮތެއް ކަނޑައަޅަން ޖެހޭ
-
މައްސަލަ ރައްދުވާ ނޫސްވެރިޔާ ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނަށް އެ 24 ގަޑިއިރު ތެރޭ ޝަރީއަތުގައި ޖަވާބުދާރީވުމުގެ ފުރުސަތު ހައި ކޯޓުން ދޭން ޖެހޭ
-
ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތެއް
އެމްޑީޕީ ސަރުކާރުގައި މި ގާނޫނު ވުޖޫދުކުރި އިރު މަސްދަރު ހާމަކުރަން އަމުރުކުރެވޭނެ ކުށްތަކުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، ޓެރަރިޒަމްގެ ކުށް ނުވަތަ ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކާ ގުޅޭ ހާލަތްތަކެވެ. އޭރު ނޫސްވެރިން ފާޅުކުރި އެއް ކަންބޮޑުވުމަކީ، 'ގައުމީ ސަލާމަތް' މާނަކޮށްފައި ނުވުމެވެ.
ފާހަގަކުރެވޭ - ޕީއެންސީން ހުށަހެޅި އިސްލާހުގައި ވެސް ގައުމީ ސަލަމާތް މާނަކޮށްފައެއް ނުވެ އެވެ. އެއާ ހިލާފަށް އޮތީ، މަސްދަރު ހާމަކުރަން ޖެހޭ އިތުރު ހާލަތްތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ގާނޫނުލްއުގޫބާތުގެ ދަށުން ކުށް ކަމުގައި ކަނޑައަޅާފައިވާ ހުއްދަ ނޫން ގޮތުގައި ސިއްރު މައުލޫމާތު ހާމަކުރުން
-
ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުން
-
ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތައް
-
ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ގެއްލުން ލިބޭނެ ފަދަ އަމަލުތައް
-
އަދި "އެ ނޫން ވެސް ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް" އެކުލެވޭ ކުށް
މަސްދަރު މާއްދާއާ ގުޅޭ ބައެއް ލިޔުންތައް
އެ ފަސް ކުށުގެ ތެރެއިން އެންމެ ފުޅާ ގޮތެއްގައި މާނަކުރުމުގެ ފުރުސަތު އޮތް އެއް ހާލަތަކީ "ހުއްދަ ނޫން ގޮތުގައި ސިއްރު މައުލޫމާތު ހާމަކުރުމުގެ" ކުށެވެ. ގާނޫނުލްއުގޫބާތުގެ 514 ވަނަ މާއްދާގައި އެއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ:
-
ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާގެ މައްޗަށް ލާޒިމްވެގެންވާ ވާޖިބަކާ ހިލާފުވެވޭކަން އެނގި ހުރެ އަދި ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ސިއްރު މައުލޫމާތު ހާމަކުރުން
އޭގެ އިތުރުން، މިހާރު ވެސް ގާނޫނުގައި މިފަދަ އަމުރެއް ނެރޭއިރު ކޯޓުން ރިއާޔަތް ކުރަން ޖެހޭ ކަންކަން މި ބިލުގައި ހިމަނާފައިވެ އެވެ. އަދި ކޯޓުން އެފަދަ އަމުރެއް ނެރޭއިރު ހުންނަން ޖެހޭ ބައެއް ކަންކަން އިތުރަށް ތަފްސީލުކޮށްދީފައިވެ އެވެ.
މި ބިލުގައި ހުރި އިސްލާހުތަކަށް އަމަލު ކުރަން އޮތީ، ތަސްދީގުކޮށް ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.