މަސްދަރު ހާމަކުރަންޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނޫސްވެރިކަން

ހެއްކާ ބެހޭ ބިލަށް ރާއްޖެ އާއި ބޭރުގެ 10 ޖަމިއްޔާއެއްގެ ފާޑުކިޔުން

އެ ޖަމިއްޔާތަކުން ބުނެފައި ވަނީ އެ ގާނޫނަކީ ރާއްޖޭގެ ނޫސްވެރިކަމާއި ހައްގުތަކަށް އޮތް ނުރައްކަލެއް ކަމަށް
26 ޖުލައި 2022

ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ތަސްދީގުކޮށްފައިވާ ހެއްކާ ބެހޭ ގާނޫނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 10 ޖަމިއްޔާއަކުން އިއްޔެ ފާޑުކިޔައި ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މައްސަލައިގެ ފެށުން - ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލާ ގުޅިގެން ނޫސްވެރިން ކަންބޮޑުުން ފާޅުކުރަމުން ދަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ގާނޫނު ތަސްދީގު ކުރައްވައި ގާނޫނަކަށް ހައްދަވައިފަ އެވެ.

މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން އެ ގާނޫނުގެ ދަށުން މަޖުބޫރު ކުރެވިދާނެ އެވެ. އެގޮތުން ޓެރަރިޒަމްގެ މައްސަލަތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލަތަކުގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށް އެ ގާނޫނުގައި އޮވެ އެވެ.

ވީ ކިހިނެއް؟ - އެގޮތަށް އެ ގާނޫނު އެކުލަވާލާފައިވުމާ ގުޅިގެން ރާއްޖެ އާއި ބޭރުގެ 10 ޖަމިއްޔާއެއް ގުޅިގެން ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާތަކުން ބުނެފައި ވަނީ އެ ގާނޫނަކީ ރާއްޖޭގެ ނޫސްވެރިކަމާއި ހައްގުތަކަށް އޮތް ނުރައްކަލެއް ކަމަށެވެ.

ބަޔާން ނެރުނު ޖަމިއްޔާތައް:

  • އެމްނެސްޓީ އިންޓަނޭޝަނަލް

  • ސެންޓާ ފޯ ލޯ އެންޑް ޑިމޮކްރެސީ

  • ސިވިކަސް: ވޯލްޑް އެލަޔަންސް ފޯ ސިޓިޒެން ޕާޓިސިޕޭޝަން

  • ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް

  • ހިއުމަން ރައިޓްސް ވޮޗު

  • އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް

  • މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)

  • އެޑިޓާސް ގިލްޑް

  • ރިޕޯޓާސް ވިތައުޓް ބޯޑާސް

  • ޓްރާންސްޕޭރެންސީ މޯލްޑިވްސް

ތަފްސީލު - އެ ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނީ، މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވޭ ދެ ހާލަތް ގާނޫނުގައި ބަޔާންކޮށްފައި ވަނީ ފުޅާކޮށް މާނަ ކުރެވޭ ގޮތަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސުލްހަވެރިކަމާ އެކު ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް، ޓެރަރިޒަމް އާއި ގައުމީ ސަލާމަތް ކަމަށް ބުނެ ހުރަސް އަޅާކަން މާޒީން އެނގޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

ޖަމިއްޔާތަކުން ފާހަގަކުރި ގޮތުގައި:

  • މޯލްޑިވްސް މީޑިއާ ކައުންސިލާއި އެމްޖޭއޭ އިން ގާނޫނަށް ހުށަހަޅަން ބޭނުންވާ އިސްލާހުތަކާއި ކަންބޮޑުވުންތަކުގެ ކަރުދާސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަމަވެސް، އެއަށް މަޖިލީހުން އަޅައެއް ނުލި 

  • ބައިނަލްއަގުވާމީ ޖަމިއްޔާތަކުން އިންސާނީ ހައްގުތައް ނެގެހެއްޓުމަށް ގޮވާލި ގޮވާލުމަށް ވެސް މަޖިލީހުން ބޯލަނބާފައެއް ނުވޭ

  • ރާއްޖޭގެ 158 ނޫސްވެރިއަކު ސޮއިކޮށް، ހެއްކާ ބެހޭ ބިލު ތަސްދީގު ނުކުރުމަށް ރައީސް ސޯލިހަށް ހުށަހެޅި ޕެޓިޝަނަށް ވެސް ބަލާފައެއް ނުވޭ

ޖަމިއްޔާތަކުން ބުނީ، ހެއްކާ ބެހޭ ބިލުގައި ހިމެނޭ އެ ކަންކަމަކީ ރާއްޖޭގެ ނުސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް އެ ޖަމިއްޔާތަކުން ބުންޏެވެ. އެގޮތުން:

  • ކޯޓުގައި މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރުވަފާނެތީ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ތިބި މުހިންމު މަސްދަރުތަކުން މައުލޫމާތު ދިނުމަށް ޖެހިލުންވާނެ 

  • ދައުލަތުގެ އިދާރާތަކުން ހިންގާ އިންސާނިއްޔަތާ ހިލާފު އަމަލުތަކާއި ކޮރަޕްޝަނާއި މަގާމުގެ ނާޖާއިޒު ފައިދާ ނެގުން ފަދަ ކަންކަން ތަހުގީގު ކުރާ ނޫސްވެރިންނަށް ވެސް ނުރައްކާ އޮންނާނެ

އެ ޖަމިއްޔާތަކުން ގޮވާލީ، ހެއްކާ ބެހޭ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން، ބައިނަލްއަގުވާމީ އަދި ރާއްޖޭގެ މާހިރުންނާއި ނޫސްވެރިންނާއި އެޑިޓަރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުން ލަފައާ އެކު އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ އެއް ގޮތަށް ގާނޫނު އިސްލާހު ކުރުމަށެވެ.










އިތުރު އާޓިކަލް

އިތުރު އާޓިކަލް