ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށް ރައީސް ވަޑައިގަންނަވަނީ: ސަރުކާރުން މިއަދު ހާމަ ކުރި ގޮތުގައި މަސްދަރު ހާމަ ކުރަން މަޖުބޫރުވާ ގޮތަށް އޮތް މާއްދާ ނޫސްވެރިންނަށް ފަހިވާނެ ގޮތަށް އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހަޅާނެ (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ރައީސް އޮފީސް

ނޫސްވެރިންނަށް ފަހިވާނެ ގޮތަށް މަސްދަރު މާއްދާ އިސްލާހު ކުރަން ހުށަހަޅާނަން: ސަރުކާރު

އެއްވެ އުޅުމުގެ ގާނޫނު ވެސް މިހާރަށް ވުރެ މިނިވަންކޮށް ފަހިކޮށްދިނުމަށް އާ މަޖިލީހަށް އިސްލާހު ކުރަން ހުށަހަޅާނެ ކަމަށް ސަރުކާރުން މިއަދު ބުނެފައިވޭ

ނޫސްވެރިން ލިޔާ ހަބަރުގެ މަސްދަރު ހާމަ ކުރަން މަޖުބޫރުވާ ގޮތަށް އެކުލަވާލާފައިވާ ހެއްކާ ބެހޭ ގާނޫނު، ނޫސްވެރިންނަށް ފަހިވާނެ ގޮތަށް އިސާލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ބައެއް ހާލަތްތަކުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރަން ކޯޓުން ކަނޑައެޅޭނެ ގޮތަށް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސް ކުރި ހެއްކާ ބެހޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައި ވަނީ މިދިޔަ ޖުލައި މަހު 18ގަ އެވެ.

  • އޭރު އެމަނިކުފާނު އެ ބިލު ތަސްދީގު ކުރެއްވި އިރު ވެސް ނޫސްވެރިން ދިޔައީ އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރަމުން

  • އެ ގާނޫނަށް އަމަލު ކުރަން ފެށީ، ޖެނުއަރީ 2023ގައި؛ ކަންބޮޑުވުން ފާޅުކުރުމުން، އެ ގާނޫނަށް އެމްޑީޕީގެ ފަރާތުން މަސްދަރުގެ މާއްދާއަށް އިސްލާހުތަކެއް ހުށަހެޅި

  • ނަމަވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބިލުގެ މަސައްކަތް ނިންމައި، ތަޅުމަށް ފޮނުވުމުން އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެޕާޓީގެ މެންބަރުންގެ ވޯޓާ އެކު ބިލު އަނބުރާ ކޮމިޓީއަށް ފޮނުވި

  • މިދިޔަ ހުކުރު ދުވަހު ފާހަގަ ކުރި ބައިނައަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައި ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ނެރުނު ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ހަ ދަރަޖަ ފަހަތަށް ސޮއްސާލި މައިގަނޑު ސަބަބަކީ ވެސް ނޫސްވެރިންނަށް މަސްދަރު ހާމަ ކުރަން މަޖުބޫރުވެފައި އޮތުން

ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ކުރި ސުވާލުގެ ޖަވާބުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މިކަމުގައި ސަރުކާރުން އަމަލު ކުރާނެ ގޮތް ހާމަ ކުރައްވައިފަ އެވެ.

ބުނީ ކީކޭ؟ - "[20 ވަނަ] މަޖިލީހުގެ މަސައްކަތްތައް ފެށުމާ އެކު، އިރާދަކުރެއްވިއްޔާ ސަރުކާރުގެ ވިސްނުން އެބަހުރި ނޫސްވެރިންނަށް ފަހިވާ ގޮތަށް މަސްދަރު ހާމަ ކުރުމުގެ ބައި ނުވަތަ ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަން،" މަސްދަރު ހާމާ ކުރަން އޮތް މާއްދާއާ ގުޅޭ ގޮތުން ސަރުކާރުގެ ސްޓޭންޑަކީ ކޮބައިތޯ އެހުމުން ހީނާ ވިދާޅުވި އެވެ.

 ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީޙުގެ ތަރުޖަމާން ހީނާ ވަލީދު ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލު - އެ ސުވާލަށް އިތުރަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ:

  • މި ސަރުކާރުގެ ސްޓޭންޑަކީ ނޫސްވެރިންނަށް މިނިވަންކަމާ އެކު ނޫސްވެރިކަން ކުރެވޭނެ މާހައުލެއް އޮންނަން ވާނެ ކަން

  • ހަމަ އެއާ އެކު މިނިވަން ނޫސްވެރިކަމަކަށް އަޅުގަނޑުމެން އަބަދު ވެސް ވަކާލާތު ކުރާނަން

އޭގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެއްވެ އުޅުމާ ބެހޭ ގާނޫނަށް ގެނެސްފައިވާ، އާންމު ތަންތަނުގައި އެއްވުންތައް ބޭއްވުން މަނާކޮށްފައިވާ މާއްދާ ވެސް، އެއްވެ އުޅުމަށް ފަހި ވާނެ ގޮތަށް އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ހީނާ ވަނީ މިއަދު ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގައި 'ތާށިކޮށްލާފައިވާ' އެ އިސްލާހު އަވަސް ކުރުމަށް ރައީސް މުއިއްޒު ވެސް މިދިޔަ ފެބްރުއަރީ މަހު ގޮވާލާއްވާފައިވެ އެވެ.

މި މަހު 28ގައި ހުވާ ކުރާ 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއަށެވެ. އެހެން ކަމުން އެޕާޓީން ބޭނުންވާ ނަމަ، ކޮންމެ އިސްލާހެއް މިހާރު ގާނޫނުތަކަށް ގެނެވޭނެ އެވެ.

ހެއްކާ ބެހޭ ގާނޫނު:

  • މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ 

  • ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަމުގައި މަސްދަރު ހާމަ ކުރަން ކޯޓު އަމުރެއްގެ ދަށުން އެންގިދާނެ ކަމަށް އޮވޭ

 ނޫސްވެރިން އޭރު ފާޅުކުރި މައިގަނޑު ކަންބޮޑުވުމަކީ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ހާލަތްތައް ސަރީހަކޮށް މާނަ ކޮށްފައި ނެތުމުން އެ ހާލަތްތައް ފުޅާކޮށް މާނަކޮށްގެން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާފާނެތީ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް