މިދިޔަ ޖެނުއަރީ މަހު މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން ފުލުހުން ހަރަކާތްތެރި ވަނީ (ދައުރު ފޮޓޯ/މުހައްމަދު އަމާން)
މާލޭގައި ހުރަހެއް ނެތި މުޒާހަރާ ކުރުމަށް ހުށަހެޅި އިސްލާހު އަވަސް ކުރަން ރައީސް އެދިވަޑައިގެންފި
'ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް' ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގެނެސްފައިވާ، އާންމު ތަންތަނަށް އެއްވެ މުޒާހަރާކުރުން މަނާކުރާ މާއްދާ އުވާލަން މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަވަސް ކޮށްދިނުމަށް ރައީސް މުހައްމަދު މުއިއްޒު މަޖިލީހުގައި މިއަދު އެދިވަޑައިގެންފި އެވެ.
އެނގުން މުހިންމު - ކުރިން ހުއްދަ ހޯދުމަކާ ނުލާ ތަންތަނަށް އެއްވެ މުޒާހަރާ ކުރެވޭ ގޮތަށް އެ ގާނޫނު އަލުން އިސްލާހުކުރަން، އޭރު އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި އަދި މިހާރު އެމްޑިޕީއަށް ނިސްބަތްވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް 2019 ވަނަ އަހަރު ހުށަހެޅުއްވި އެވެ. އެއީ ރައީސް ސޯލިހުގެ ވައުދެއް ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ ބިލުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ކޮމިޓީ މަރުހަލާގައި އޮތީ ޕާކްކޮށްފަ އެވެ.
ވީ ކިހިނެއް؟ - އެ ބިލުުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިވަޑައިގެންފައިވާކަން ރައީސް ހާމަ ކުރެއްވީ، މިއަދު މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
ބުނީ ކީކޭ؟ - "މަޖުލީހަށް މިހާރު ހުށަހަޅާފައިވާ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އިސްލާހުކުރުމުގެ ބިލު އަވަހަށް ފާސްކޮށްދެއްވުމަށް މަޖުލީހުގައި މިހާރު ވާނީ އެދިފައި،" ރައީސް ވިދާޅުވި އެވެ.
ތަފްސީލު - ރައީސްގެ ރިޔާސީ ބަޔާނުގައި މި ދަައުރުގައި މަޖިލީހަށް ހުށަހަޅަން ގަސްތުކުރާ ބައެއް ބިލުތަކުގެ ތަފްސީލު ވެސް ދެއްވި އެވެ. އޭގެ ތެރޭގައި ވާނުވާ ބަންދު ނިމުމަކަށް ގެންނަން ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާ ބިލުވެސް ހިމެނެ އެވެ. އޭގެ އިތުރުން ދެން ހިމެނެނީ:
-
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތަށް ބަދަލު ކުރުމަށްޓަކައި އެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލު
-
ކަފާލާތުގެ ފުރިހަމަ ނިޒާމެއް ގާއިމްކުރުމަށް ބޭނުންވާ ބިލު
-
ޕްރިވެންޓިވް ހެލްތް ކެއާ ބިލު
-
ނަފްސާނީ ދުޅަހެޔޮކަމާބެހޭ ބިލު
-
ގެދޮރުވެރިކަމުގެ މިންގަނޑުތަކާބެހޭ ބިލު
-
ޓްރެވެލް އެޖެންސީއާބެހޭ ބިލު
-
ރިއަލްއެސްޓޭޓް ވިޔަފާރި ފުޅާކުރުމާ ބެހޭ ބިލު
-
އަރބަން ޕްލޭނިންއާ ބެހޭ ބިލް
-
އާބަން ޑިވެލޮޕްމަންޓާ ބެހޭ ބިލު
-
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑްއާ ބެހޭ ބިލު
-
ލޭންޑް ރީއެޖެސްމަންޓާބެހޭ ބިލު ފްރީހޯލްޑް އަދި ލީސްހޯލްޑް އުސޫލުން ބިން ހޯދާ ލިބިގަތުމާބެހޭ ބިލު
-
ކޮޕީރައިޓާ ގުޅޭ ހައްގުތަކުގެ ގާނޫނު އިސްލާހުކުރުމުގެ ބިލު
އެއްވެ އޫޅުން ހަނިކޮށްފައިވާ މާއްދާ އިސްލާހު ކުރުމުގެ ބިލު
ފުލުހުންގެ ފަރާތުން ލިޔުމުންދޭ ހުއްދައަކާ އެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހޯމް މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށް ނިންމައި، ޔާމީންގެ ވެރިކަމުގައި އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނައީ 17 އޮގަސްޓު 2016 ގަ އެވެ. އެ އިސްލާހު 23 އޮގަސްޓް 2016ގައި ތަސްދީގު ކުރެއްވުމަށް ފަހު ހުއްދައަކާ ނުލައި އެއްވެވޭ ތަނެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަމައެކަނި ކާނިވާ ސަރަހައްދެވެ.
އޭގެފަހުން:
-
8 އޮގަސްޓު 2019: އެއްވެ އުޅުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެގެންދާ އިސްލާހެއް ކަމަށް ބުނެ އެ އިސްލާހު އުވާލަން އެދި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި
-
5 ސެޕްޓެމްބަރު 2019: ބިލު ދިރާސާ ކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވި
-
21 އޮކްޓޫބަރު 2020: އެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރި
-
25 އޮކްޓޫބަރު 2020: މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުން ރިޕޯޓް ފާސްނުކޮށް، އަލުން ކޮމިޓިއަށް ފޮނުވާލި
އެ ބިލު އަލުން އިސްލާހުކުރުމަށް އަނބުރާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައި އޮންނަތާ ހަތަރު އަހަރުވުމަށް ފަހު ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު، މިދިޔަ އޮކްޓޯބަރު މަހު ވަނީ އަލުން އެ ބިލުގެ މަސައްކަތް ފަށާފަ އެވެ.