6 ފެބުރުއަރީ 2023 - އިދިކޮޅު ޕީޕީއެމް އިން ކުރި މުޒާހަރާ އެއް ތެރެއިން (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
އެއްވެ އުޅުމުގެ ބިލު ޕާކު ކޮށްފައި އޮންނަތާ 4 އަހަރަށް ފަހު އަލުން މަސައްކަތް ފަށައިފި، އަމާޒަކީ މި މަސްތެރޭ ނިންމުން
'ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް' ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގެނެސްފައިވާ، އާންމު ތަންތަނުގައި އެއްވެ އުޅުން މަނާކުރާ މާއްދާ އުވާލަން، ރައްޔިތުންގެ މަޖިލީހަށް 2019 ވަނަ އަހަރު ހުށަހެޅި ބިލު، ޕާކުކޮށްފައި އޮންނަތާ ހަތަރު އަހަރު ފަހުން އަލުން އެ ބިލުގެ މަސައްކަތް، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފަށައިފި އެވެ.
އެނގުން މުހިންމު - މި ބިލުގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެފައިވާތީ، މި މަހުގެ ނިޔަލަށް ބިލުގެ މަސައްކަތް ނިންމުމަށް މިހާރު ކުރިއަށްދާ ކޮމިޓީ ބައްދަލުވުމުގެ އަގުލަބިއްޔަތުން ވަނީ ނިންމައިފަ އެވެ.
ވީ ކިހިނެއްް؟ - ފުލުހުންގެ ފަރާތުން ލިޔުމުންދޭ ހުއްދައަކާ އެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހޯމް މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށް ނިންމައި، ޔާމީންގެ ވެރިކަމުގައި އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނައީ 17 އޮގަސްޓު 2016 ގަ އެވެ. އެ އިސްލާހު 23 އޮގަސްޓް 2016ގައި ތަސްދީގު ކުރެއްވުމަށް ފަހު ހުއްދައަކާ ނުލައި އެއްވެވޭ ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަމައެކަނި ކާނިވާ ސަރަހައްދެވެ.
އޭގެފަހުން:
-
8 އޮގަސްޓު 2019: އެއްވެ އުޅުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެގެންދާ އިސްލާހެއް ކަމަށް ބުނެ އެ އިސްލާހު އުވާލަން އެދި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި
-
5 ސެޕްޓެމްބަރު 2019: ބިލު ދިރާސާ ކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވި
-
21 އޮކްޓޫބަރު 2020: އެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރި
-
25 އޮކްޓޫބަރު 2020: މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުން ރިޕޯޓް ފާސްނުކޮށް، އަލުން ކޮމިޓިއަށް ފޮނުވާލި
އެ ބިލު އަލުން އިސްލާހުކުރުމަށް އަނބުރާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައި އޮންނަތާ ހަތަރު އަހަރުވެފައިވާ އިރު، އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އަލުން އެ ބިލުގެ މަސައްކަތް ފަށަން ވަނީ ހިމަނައިފަ އެވެ.
ތަފްސީލް - މިއަދުގެ 11 ޖެހިއިރު ފެށި އެ ބައްދަލުވުމުގައި މި ބިލު ދިރާސާ ކުރުމުގެ މަސައްކަތް ފައްޓައި، ބިލަށް މިވަގުތު ކޮމިޓީގެ މެމްބަރުން އަންނަނީ މަޝްވަރާ ކުރަމުން ނެވެ. ބައްދަލުވުމުގައި މިހާރު މަޝްވަރާ ކުރަމުން އަންނަނީ އެ ބިލުގެ ސުންގަޑިއެއް ކަނޑައެޅުމާ މެދު އެވެ. އެގޮތުން؛
މެމްބަރު އަހްމަދު ސަލީމް ވަނީ މިމަހުގެ ނިޔަލަށް ބިލުގެ މަސައްކަތް ނިންމުމަށް ހުށަހަޅުއްވައިފަ އެވެ. އަދި ކޮމިޓީގެ އަގުލަބިއްޔަތުން އެގޮތަށް ވަނީ ފާސް ވެސްފަ އެވެ.
މައްސަލަ ނިންމުން ލަސްވެފައިވާތީ މެމްބަރުން ވަނީ ބިލުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކޮށްފަ އެވެ.
ގުޅުންހުރި ކަމެއް - މި ބިލު މަޖިލީހުގައި ކުރިއަށް ނުގޮސް ގިނަ ދުވަސްތަކެއް ވެފައިވާތީ، ބިލުގެ މަސައްކަތް އަވަސް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭ ވަނީ ގޮވާލައިފި އެވެ. އެ މައްސަލަ ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް، އެޗުއާރުސީއެމްއިން އޭރު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި އެ އިސްލާހާ އެކު އެ ހައްގު ހަނިކޮށްފައިވާ ހަނިކުރުމަކީ ގާނޫނު އަސާސީގެ 32 ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް ލިބިދޭ އެއްވެ އުުމުގެ މިނިވަންކަމުގެ ހައްގާއި ރާއްޖެއިން ސޮއިކޮށް ތަސްދީގުކޮށްފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ (އައިސީސީޕީއާރު) އަދި ބައިނަލްއަގްވާމީ މިންގަަނޑުތަކާ ވެސް ފުށޫއަރާ ކަމެއް ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް ފާސްކޮށްފައި އޮތް މާއްދާ، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އުވާލައި، އެއްވެ އުޅުމުގެ މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި ދޭން މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިފަހުން ވަނީ ވިދާޅުވެފަ އެވެ.
-
އިތުރަށް ކިޔާލަން - 'އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރާ މާއްދާ އުވާލަން ތާއީދު'