މަސްދަރު ހާމަކުރަންޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި 30 ޖޫން 2022 ވަނަ ދުވަހު އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެމްޖޭއޭ

މަސްދަރު އިސްލާހު ފާސްނުކުރުމުން ސަރުކާރުގެ ނިޔަތާ މެދު އެމްޖޭއޭއިން ސުވާލު އުފައްދައިފި

މިއަދުގެ މަޖިލިސް ޖަލްސާގައި ސަރުކާރުގެ މެންބަރުންގެ ތާއީދު ނުލިބުމުން އެ ބިލު ވަނީ ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވާލާފައި

ނޫސްވެރިންގެ ކަންބޮޑުވާ ގޮތަށް ފަރުމާކޮށްފައިވާ ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން ބަޔާން ކުރާ މާއްދާ އިސްލާހުކުރަން ހުށަހަޅާފައިވާ ބިލު ފާސްނުކޮށް، މިއަދު އަނބުރާ ކޮމިޓީއަށް ފޮނުވާލުމުން، މިކަމުގައި ސަރުކާރުގެ ނިޔަތާ މެދު މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ސުވާލު އުފައްދައިފި އެވެ.

ވީ ކިހިނެއް؟ - އެ ބިލުގެ ކޮމިޓީ މަރުހަލާ ނިމި، ތަޅުމަށް ފޮނުވުމުން މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ސަރުކާރުގެ މެންބަރުންގެ ތާއީދު ނުލިބުމުން އެ ބިލު ވަނީ އަނެއްކާވެސް ކޮމިޓީއަށް ފޮނުވާފަ އެވެ. އެހެންވެ، އެކަމާ ގުޅޭ ގޮތުން އެމްޖޭއޭއިން ވަނީ ބަޔާނެއް ނެރެފަ އެވެ.

ތަފްސީލު - އެ ބަޔާނުގައި ބުނީ، އެ އިސްލާހު ފާސްނުވެ ދިގުލައިގެން ދިއުމަކީ އެ ޖަމިއްޔާއިން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނު އެ ގޮތުގައި އޮވެ، ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކޮށްފާނެތީ އެކަމާ އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

"ބިލް ފާސްނުވެ ދިއުމަކީ މި ޖަމިއްޔާއިން އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމަކަށް ނުވާއިރު، މި ކަމުގައި ސަރުކާރުގެ ހެޔޮ ނިޔަތާ މެދު އަނެއްކާވެސް މި ވަނީ ސުވާލު އުފެދިފައި،" އެމްޖޭއޭއިން ނެރުނު ތިން ސަފްހާގެ ބަޔާނުގައި ބުންޏެވެ.

މާދަމާ މަޖިލިސް ޗުއްޓީއަށް ދާއިރު، އަނެއްކާވެސް މި ބިލު އަނބުރާ ތަޅުމަށް އަންނަން ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވޭކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ، ނޫސްވެރިން އިތުރު ބިރުވެރިކަމަކަށް ވެއްޓިދާނެ ފަދަ ހާލަތެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްޖޭއޭއިން ބުނެފައިވެ އެވެ.

"މި ޖަމިއްޔާގެ އިލްތިމާސަކީ ނޫސްވެރިންތަކަކަށް މިހާރު ގާނޫނު ބޭނުންކޮށްގެން މަސްދަރު ހާމަކުރަން މަޖުބޫރުކުރުމުގެ ކުރިން ވީހާ ވެސް އަވަހަކަށް ބިލުގެ ކޮމިޓީ މަރުހަލާ ނިމި، މި އިސްލާހުތަކާ އެކު މަޖިލީހުން ފާސްކުރުމެވެ،" ބަޔާނުގައިގައި ބުނެފައިވެ އެވެ.

މި އިސްލާހު އަވަސްކުުރުމަށް އެމްޖޭއޭއިން މިހާތަނަށް ކުރި ކަންތައްތައް ވެސްް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން:

  • ގާނޫނު އިސްލާހުކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ވެރިންނާ ބައްދަލުކޮށް، މަޝްވަރާކޮށްފައި ވާނެ

  • ބަންޑާރަ ނައިބުގެ އޮފީހުގައި އެންމެ ފުރަތަ އެދުނީ މަސްދަރު ހާމަކުރަން މަޖުބޫރުކުރާ މައްދާ ގާނޫނުން އުނިކުރުމަށް؛ ނަމަވެސް، އެ ކަމަށް ސަރުކާރަށް އެއްބަސްނުވެވޭތީ، ޖަމިއްޔާއަށް ފެންނަ އިސްލާހުތައް ހިއްސާކުރިން

  • އެ އިސްލާހުތަކުގައި ގައުމީ ސަލާމަތާއި ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން މާނަކޮށްދިނުމާއި ތުހުމަތުކުރެވޭ މީހާއަށް މަސްދަރު ހާމަކުރުމަށް ކޯޓުގައި އެދުމުގެ ފުރުސަތު ނުދިނުމަށް އެދުނު

  • އެ ހުށަހެޅުންތަކަށް ފަހު، ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލި އިސްލާހުގައި މީގެ ތެރެއިން ގިނަ ކަންކަން ހިމަނައި އާ އެހެން އިސްލާހުތައް ވެސް ހިމެނި

  • މަޖިލީހަށް ބިލު ފޮނުވުމަށް ފަހު ބިލުގެ މަސައްކަތް ލަސްވާތީ، މި ބިލު ދިރާސާ ކުރާ ޖުޑީޝަރީ ކޮމިޓީއާ ބަދަލުކޮށް، ހުރި ކަންބޮޑުވުންތައް ހިއްސާކުރި

"ޖުޑިޝަރީ ކޮމިޓީން ވަނީ ގާނޫނުގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށް މި ޖަމިއްޔާއިން ގަބޫލުކުރާ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކުށްތައް މާނަކޮށްފައި ނެތް މައްސަލައަށް ހައްލެއް ހޯދައިދީފައި،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

"ގައުމީ ސަލާމަތާއި ޓެރަރިޒަމްގެ ކުށް މާނަކޮށް، ބިލްގައި ހިމެނުމަކީ މި ޖަމިއްޔާއިން މަރުހަބާކިޔާ ކަމެކެވެ."

ފަސް މަންޒަރު - ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހެއްކާ ބެހޭ ބިލު މަޖިލީހުން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 18 ޖުލައިގައި ތަސްދީގުކުރެއްވި އިރު، ނޫސްވެރިން ދިޔައީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެހެންވެ، އެ ކަންބޮޑުންތަކަށް ހައްލެއް ހޯދުމަށް، މަސްދަރު ހާމަކުރަށް އެންގުމުގެ ބާރު ހައި ކޯޓަށް އެކަނި ދިނުމަށް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން މިދިޔަ ނޮވެމްބަރުގައި އެ ގާނޫނަށް އިސްލާހު ހުށަހެޅި އެވެ.

ކޮމެންޓް (1)

ގަދީމީ

26 އޭޕްރީލު 2023
ކަލޭމެން ހާދަ ވަރެކޭ ދޯ ތިޔަވަނީ ބުންޏޭ ބުންޏޭ ކިޔައިގެން ހަބަރު ނުލިޔެވޭނެތީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް