މަސްދަރު ހާމަކުރަންޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި 30 ޖޫން 2022 ވަނަ ދުވަހު އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސަރުކާރު މެމްބަރުންގެ ތާއީދު ނުލިބުމުން ހެއްކާ ބެހޭ ގާނޫނުގެ އިސްލާހު ފާހެއް ނުވި

މެމްބަރުން ނިންމެވީ އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް
26 އޭޕްރީލު 2023

ސަރުކާރުގެ ގިނަ މެމްބަރުންގެ ތާއީދު ނުލިބުމުން، ނޫސްވެރިންނަށް މަސްދަރު ހާމަކުރަން އެންގޭނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް، ހައި ކޯޓުން ކުރާ އަމުރެއްގެ ދަށުން އެކަނި ކަމަށް ކަނޑައަޅަން ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ހުށަހެޅި ބިލު ފާހެއް ނުވި އެވެެ.

މައްސަލައިގެ ފެށުން - ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހެއްކާ ބެހޭ ބިލު މަޖިލީހުން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 18 ޖުލައިގައި ތަސްދީގުކުރެއްވި އިރު، ނޫސްވެރިން ދިޔައީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންވެ، އެ ކަންބޮޑުންތަކަށް ހައްލެއް ހޯދުމަށް، މަސްދަރު ހާމަކުރަށް އެންގުމުގެ ބާރު ހައި ކޯޓަށް އެކަނި ދިނުމަށް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން މިދިޔަ ނޮވެމްބަރުގައި އެ ގާނޫނަށް އިސްލާހު ހުށަހެޅި އެވެ.

ވީ ކިހިނެއް؟ - އެ ބިލު ދިރާސާކުރުމަށް ފަހު ޖުޑިޝަރީ ކޮމިޓީން ފާސްކުރި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހިއިރު، ގިނަ މެމްބަރުންގެ ތާއީދު ލިބިފައި ނުވާތީ އެ ބިލު ވަނީ ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ނިންމާފަ އެވެ. އެގޮތުން:

  • ފާސްކުރުމަށް ވޯޓު ދެއްވީ އެންމެ 12 މެމްބަރުން

  • ފާސްނުކުރުމަށް 31 މެމްބަރުން ވޯޓު ދެއްވި

އެނގުން މުހިއްމު - އެ ގާނޫނު މިހާރު އޮތް ގޮތުން މަސްދަރު ހާމަކުރުމަށް ނޫސްވެރިންނަށް އެންގޭނެ ހާލަތްތައް ހުރީ ވަރަށް ފުޅާކޮށް މާނަކުރެވޭ ގޮތަކަށެވެ. އެގޮތުން:

  • މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ؛ އެ ގާނޫނުގައި ވަކި ކޯޓެއް ކަނޑައަޅާފައެއް ނެތް

  • ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކާއި ޓެރަރިޒަމްގެ އަމަލުތަކަކީ ކޮބައިކަން އެ ގާނޫނުގައި ސާފުކޮށް ބުނެފައެއް ނުވޭ

  • ބިލުގެ 136 ވަނަ މާއްދާއަކީ ނޫސްވެރިންނާއި މައުލޫމާތު ދޭން ތިބޭ ފަރާތްތަކަށް ކުރިމަތިވާނެ ގޮންޖެހުމަކަށް ވާތީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން އެ މާއްދާ އުނިކުރުމަށް ގޮވާލި

ތަފްސީލް - އެ ބިލު ދިރާސާކުރުމަށް ފަހު ޖުޑިޝަރީ ކޮމިޓީން ވެސް ނިންމީ ސަރުކާރުން ހުށަހެޅި ގޮތަށް، މަސްދަރު ހާމަކުރުމަށް އެންގުމުގެ ބާރު ހައި ކޯޓަށް އެކަނި ދިނުމަށެވެ. އެގޮތުން:

  • ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުން، މަދަނީ މިންގަނޑުން ސާބިތުވޭތޯ ބެލުމުގައި ޝަރީއަތުން ރިއާޔަތްކުރަން ވާނީ، އެ އަކުރުގައިވާ ކަންކަމުގެ ތެރެއިން ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އަމުރުކޮށްދިނުމަށް އެދި ޝަރީއަތަށް ހުށަހެޅި ފަރާތުގެ ހުށަހެޅުމާ ގުޅުން ހުރި ކަންކަމަށް 

  • އެގޮތަށް އެ މާއްދާ އޮތުމުން މަސްދަރު ހަމާކޮށްދިނުމަށް އެދި ދައުވާ ލިބޭ ފަރާތަށް ނުވަތަ ތުހުމަތުކުރެވިފައިވާ ފަރާތަށް ވެސް ހުށަހެޅުމުގެ ފުރުސަތު މި މާއްދާއިން ލިބިދޭ؛ އެހެންވެ ކޮމިޓީން ނިންމީ، އޭގެ ބަދަލުގައި އެފަދަ މައްސަލައެއް ކޯޓަށް ހުށަހެޅޭނީ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ކަމަށް ކަނޑައެޅުމަށާއި އެފަދަ މައްސަލަ ހުށަހެޅޭނީ ހަމައެކަނި ހައި ކޯޓަށް ކަމަށް ކަނޑައަޅައި އެ މާއްދާ އިސްލާހުކުރަން

މީގެ އިތުރުން، ގާނޫނުގައި 'ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލެއް އެކުލެވޭ ކުށެއް' މާނަކުރެވޭ ގޮތް ވެސް ބިލުގައި ހިމަނާފައިވެ އެވެ. ބިލުގައިވާ ގޮތުން އެއީ، ގާނޫނުލް އުގޫބާތުގެ ދަށުން ކުށެއް ކަމަށް ކަނޑައަޅާފައިވާ ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތަކާއި އެ ނޫން ވެސް ރާއްޖޭގެ ސިޔާދަތަކަށް ނުވަތަ އިސްތިގުލާލަށް ގެއްލުންދިނުމުގެ އަމަލުތައް އެކުލެވޭ ކުށްކުށާއި އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ އެ ނޫން ވެސް އެފަދަ ޖިނާއީ ކުށްތަކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް