މަސްދަރު ހާމަކުރަންޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި 30 ޖޫން 2022 ވަނަ ދުވަހު އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ހަމައެކަނި ހައި ކޯޓަށް ދޭން ކޮމިޓީން ފާސްކޮށްފި

ކޯޓު އަމުރު ނެރޭއިރު ރިއާޔަތްކުރަން ޖެހޭ ކަންކަން ބިލުގައި ވަނީ ތަފުސީލުކޮށްފައި
23 އޭޕްރީލު 2023

ނޫސްވެރިންނަށް މަސްދަރު ހާމަކުރަން އެންގޭނީ ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް، ހައި ކޯޓުން ކުރާ އަމުރެއްގެ ދަށުން ކަމަށް ކަނޑައަޅަން ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

މައްސަލައިގެ ފެށުން - ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހެއްކާ ބެހޭ ބިލު މަޖިލީހުން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 18 ޖުލައިގައި ތަސްދީގު ކުރެއްވި އިރު، ނޫސްވެރިން ދިޔައީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ގާނޫނު އޮތް ގޮތުން:

  • މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ؛ އެ ގާނޫނުގައި ވަކި ކޯޓެއް ކަނޑައަޅާފައެއް ނެތް

  • ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކާއި ޓެރަރިޒަމްގެ އަމަލުތަކަކީ ކޮބައިކަން އެ ގާނޫނުގައި ސާފުކޮށް ބުނެފައެއް ނުވޭ

  • ބިލުގެ 136 ވަނަ މާއްދާއަކީ ނޫސްވެރިންނާއި މައުލޫމާތު ދޭން ތިބޭ ފަރާތްތަކަށް ކުރިމަތިވާނެ ގޮންޖެހުމަކަށް ވާތީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން އެ މާއްދާ އުނިކުރުމަށް ގޮވާލި

 ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

ތަފްސީލް- އެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް، ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ބިލެއް ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރުގަ އެވެ. ސަރުކާރުން ހުށަހެޅި ގޮތަށް ކޮމިޓީން ވެސް ނިންމީ، މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ހަމައެކަނި ހައި ކޯޓަށް ދިނުމަށެވެ. އެއީ ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅުއްވާ ހުށަހެޅުއްވުމެއްގެ ދަށުންނެވެ. އެގޮތުން:

  • ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ނ) ގައި ވާ ގޮތުން މަދަނީ މިންގަނޑުން ސާބިތުވޭތޯ ބެލުމުގައި ޝަރީއަތުން ރިއާޔަތްކުރަންވާނީ، އެ އަކުރުގައިވާ ކަންކަމުގެ ތެރެއިން ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އަމުރުކޮށްދިނުމަށް އެދި ޝަރީއަތަށް ހުށަހެޅި ފަރާތުގެ ހުށަހެޅުމާ ގުޅުން ހުރި ކަންކަމަށް 

  • އެގޮތަށް އެ މާއްދާ އޮތުމުން މަސްދަރު ހަމާކޮށްދިނުމަށް އެދި ދައުވާ ލިބޭ ފަރާތަށް ނުވަތަ ތުހުމަތުކުރެވިފައިވާ ފަރާތަށް ވެސް ހުށަހެޅުމުގެ ފުރުސަތު މި މާއްދާއިން ލިބިދޭ. އެހެންވެ ކޮމިޓީން ނިންމީ، އޭގެ ބަދަލުގައި އެފަދަ މައްސަލައެއް ކޯޓަށް ހުށަހެޅޭނީ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ކަމަށް ކަނޑައެޅުމަށާއި، އެފަދަ މައްސަލަ ހުށަހެޅޭނީ ހަމައެކަނި ހައި ކޯޓަށް ކަމަށް ކަނޑައަޅައި އެ މާއްދާ އިސްލާހުކުރަން

ޕްރޮސެކިއުޓާ ޖެނެރަލް ހައި ކޯޓަށް ހުށަހަޅާ ހުށަހެޅުމެއްގައި ނޫސްވެރިޔަކަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ މައުލޫމާތެއް ހާމަކުރަން މަޖުބޫރުކުރަން ޖެހޭ ފަދަ ހާލަތެއް އޮތް ކަމަށް ފެންނަ ސަބަބުތަކާއި ކަމާ ގުޅޭ ހެކި ކޯޓަށް ހުށަހަޅަން ޖެހެ އެވެ.

އެ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ނޫސްވެރިޔާއަށް މަސްދަރު ހާމަކުރަން ހައި ކޯޓަށް އެންގޭނީ، ބިލުގައި ވާ ގޮތުން، މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ މައުލޫމާތެއް ހާމަނުކުރުމުގެ މަސްލަހަތަށް ވުރެ އެ މައުލޫމާތު ހާމަކުރުމުގައި އާއްމު މަސްލަހަތު ބޮޑު ކަމަށް ކޯޓަށް ބުރަވެވޭ ނަމަ އެވެ. އެގޮތަށް އަމުރުކުރާއިރު ހައި ކޯޓުން ރިއާޔަތްކުރަން ޖެހޭ ކަންކަމަކީ:

  • 1-

    ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލެއް އެކުލެވޭ ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން

  • 2-

    އެ މައުލޫމާތު އެނގުމަކީ ދަށު ކޯޓުގައި ކުރިއަށްދާ ޝަރީއަތް ނިސްބަތްވާ ދައުވާއާ ސީދާ ގުޅުން ހުރި އަދި އެ ދައުވާއަށް ކޮންމެހެން ބޭނުން މައުލޫމާތަކަށް ވުން

  • 3-

    އެ މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން ދަށު ކޯޓުގައި ކުރިއަށްދާ ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް އިންސާފުވެރިކޮށް ނޫން ހުކުމެއް ކުރުމުގެ ފުރުސަތު އޮތް މިންވަރު

  • 4-

    ނޫސްވެރިއާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން ފަރާތަކަށް ލިބިދާނެ ގެއްލުމުގެ ނުވަތަ އެއިން ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރެއްގެ ކުޑަބޮޑުމިން

  • 5-

    ނޫސްވެރިޔާ ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަން މެދުވެރިނުކޮށް، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ މައުލޫމާތު ދެނެގަތުމަށް ކުރެވެން ހުރި މަސައްކަތް އެކަށީގެންވާ މިންވަރަށް ކޮށްގެން ވެސް އެ މައުލޫމާތު ނޭނގުން

  • 6-

    ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް އާއްމުންނާ ހަމައަށް ހަގީގަތްތަކާއި ރައުޔު ފޯރުކޮށްދިނުމަށް އޮތް އާއްމު މަސްލަހަތަށް، އަދި އެ މަގްސަދަށްޓަކައި ހަގީގަތްތައް އެ މައްޗަށް ބިނާވާ މަސްދަރުތަކަށް ވާސިލުވުމަށް ނޫސްވެރިންނަށް ފުރުސަތު ލިބިދީފައި އޮތުމުގެ އާއްމު މަސްލަހަތަށް އުނިކަން އަތުވެދާނެ މިންވަރު

އެގޮތަށް ހުށަހެޅޭ ހުށަހެޅުމަކާ މެދު ގިނަވެގެން 14 ދުވަހުގެ ތެރޭގައި ކޯޓުން ގޮތެއް ނިންމަން ޖެހެ އެވެ.

މީގެ އިތުރުން، ގާނޫނުގައި 'ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލެއް އެކުލެވޭ ކުށެއް' މާނަކުރެވޭ ގޮތް ވެސް ބިލުގައި ހިމަނާފައިވެ އެވެ. ބިލުގައި ވާ ގޮތުން އެއީ، ގާނޫނުލް އުގޫބާތުގެ ދަށުން ކުށް ކަމަށް ކަނޑައަޅާފައިވާ ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތަކާއި އެ ނޫން ވެސް ރާއްޖޭގެ ސިޔާދަތަކަށް ނުވަތަ އިސްތިގުލާލަށް ގެއްލުންދިނުމުގެ އަމަލުތައް އެކުލެވޭ ކުށްކުށާއި އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ އެ ނޫން ވެސް އެފަދަ ޖިނާއީ ކުށްކުށެވެ.

.

އިތުރު އާޓިކަލް

އިތުރު އާޓިކަލް