ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު މިއަދު ވަނީ ތަސްދީގުކުރައްވާފައި؛ 17 ޖުލައި 2022 (ފޮޓޯ/ރައީސް އޮފީސް)

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ބެއްލެވުމެއް ނެތި ހެއްކާ ބެހޭ ބިލް ރައީސް ތަސްދީގު ކުރައްވައިފި

ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެއްޖެ ނަމަ ދެވޭ އަދަބު ވެސް ރައީސް އިއްޔެ ވަނީ ތިން މަސް ދުވަހަށް އިތުރުކޮށްފައި

ނޫސްވެރިކަމުގެ މަސްދަރު ގާނޫނު އަސާސީއިން ހިމާޔަތްކޮށްފައި އޮތްވައި އެ ހައްގު ހަނިކޮށް އަދި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ބެއްލެވުމެއް ނެތި ހެއްކާ ބެހޭ ބިލް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟- ބައެއް ހާލަތްތަކުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަ ކުރަން މަޖުބޫރުކުރަން ކޯޓުން ކަނޑައެޅޭނެ ގޮތަށް ރައްޔިތުން މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލާ މެދު ނޫސްވެރިންދިއައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މަޖިލިސް ކުރިމަތީގައި ބައެއް ނޫސްވެރިން އެކަމާ ދެކޮޅަށް އަޑު އުފުލައި، އަދި އެ ބިލް ތަސްދީގު ނުކުރުމަށް އެދި ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ޕެޓިޝަނެއްގައި ސޮއިކޮށް، ރައީސަށް ހުށަހަޅައިފަ އެވެ.

އެކަމަކު އެ ކަންބޮޑުވުންތަކަށް އަޅާނުލައްވައި، ރައީސް މިއަދު ވަނީ އެ ބިލް ތަސްދީގު ކުރައްވައިފަ އެވެ.

މި ބިލްގައިވާ ގޮތުން:

  • މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށް

  •  އެ ބިލުގެ 136 ވަނަ މާއްދާ އަކީ ނޫސްވެރިންނާއި މައުލޫމާތު ދޭން ތިބޭ ފަރާތްތަކަށް ކުރިމަތިވާނެ ގޮންޖެހުމަކަށް ވާތީ އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން މީގެ ކުރިން ވެސް ވަނީ އެ މާއްދާ އުނި ކުރުމަށް ގޮވާލާފައި

  • ނޫސްވެރިންގެ ޖަމިއްޔާތަކުން ބުނާގޮތުގައި މި ބިލުގައި ވަނީ ނޫސްވެރިޔާ އާއި ނޫސްވެރިޔާގެ މަސްދަރު ވެސް ނުރައްކަލަށް ހުށަހެޅިގެންދާނެ ހާލަތެއް އަދި އެކަމުގެ ސަބަބުން ނޫސްވެރިން ޖަލަށްލުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ހެއްކާ ބެހޭ ގާނޫނަކީ، މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކި ބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ވަޒަންކުރުމުގައި ތަބާވާން ޖެހޭ އުސޫލުތަކާއި  ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ އާއްމު އުސޫލުތައް ކަނޑައަޅާފައިވާ ގާނޫނެކެވެ.

އަދި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި:

  • ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީއަތް ކުރުމުގެ ހައްގު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުސޫލު، ހެކީގެ އުސޫލު ތަފްސީލުކޮށް ގާނޫނުގައި ބަޔާންކޮށް ކަނޑައަޅައިދިނުން ހިމެނޭ

  • މި ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު، ހެއްކާބެހޭ ގާނޫނާއި (ގާނޫނު ނަންބަރު: 76/24)، އާއި އަންހެނުންގެ ހެކިބަހުގެ ގާނޫނު އުވިގެންދާނެ

ކޯޓެއްގެ ޝަރީއަތުގެ މަޖިލީހުގެ ހުރުމަތް ކަނޑައިފި ނަމަ ދެވޭ ޖަލު އަދަބު ތިން މަހަށް ބަދަލު ކުރުމަށް ފާސް ކުރި ގާނޫނު ވެސް ރައީސް އިއްޔެ ވަނީ ތަސްދީގު ކުރައްވައިފަ އެވެ.

ގާނޫނުގައި ކުރިން އޮންނަނީ:

  • 10،000 ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން

  • 15 ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ އެއް މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން

ކޮމެންޓް (3)

.....

19 ޖުލައި 2022
ވަރަށް ސަޅި.
0 0

މުހައްމަދު

18 ޖުލައި 2022
ތިޔަހެން ނުހައްދަވާށަ އިނގޭތޯ ވެރީ ސޮރީ
0 0

ަޮއޮޅުންބޮޅުން

18 ޖުލައި 2022
ކުށްވެރިން ހިމާޔަތްކުރަން ބޭނުންވާ "ނޫސްވެރިން" އެކަނި ދޯ ބިރުގަންނަން ޖެހޭނީ؟ ދައުރު މިއީ ކުށްވެރިންގެ ހިމާޔަތުގަ ތިބޭ ބައެއްކަން އަދިކިރިޔާ މިއެނގުނީ. ވަރަށް ސަލާމް.
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް