ނޫސްވެރިން މިއަދު ޕެޓިޝަން ހުށަހެޅުމަށް ރައީސް އޮފީސް ކައިރީގައި. (ފޮޓޯ/ އަދަދު)

ނޫސްވެރިކަން

މަސްދަރު ހާމަކުރުމާ ދެކޮޅަށް 158 ނޫސްވެރިންގެ ސޮޔާ އެކު ރައީސަށް ޕެޓިޝަނެއް

މި ޕެޓިޝަންގެ ކޮޕީ ވަނީ ބަންޑާރަނައިބުގެ އޮފީހަށް ވެސް ހުށަހަޅާފައި

ހެއްކާ ބެހޭ ބިލު މިހާރު އޮތް ގޮތުން ނުސްވެރިންގެ އެތައް ކަންބޮޑުވުމެއް އޮތުމުން، އެ ބިލު ތަސްދީގު ނުކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާ ޕެޓިޝަން މިއަދު ރައީސް އޮފިހާ ހަވާލުކޮށްފި އެވެ. މި ޕެޓިޝަންގައި 158 ނޫސްވެރިން ވަނީ ސޮއިކޮށްފަ އެވެ.

ވީ ކިހިނެއް؟ - މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސް ނަގައިގެން މީގެ ދެ ދުވަސް ކުރިން ނޫސްވެރިންގެ ސޮއި ހޯދުމުގެ މަސައްކަތް ފެށި މި ޕެޓިޝަންގައި ގާތްގަނޑަކަށް ހުރިހާ މިޑިއާތަކެއްގައި މަސައްކަތް ކުރާ ނޫސްވެރިން ސޮއިކޮށްފައިވެ އެވެ.

ޕެޓިޝަން މިއަދު ރައީސް އޮފީހަށް ހުށަހަޅާފައި ވަނީ އެމްޖޭއޭގެ ރައީސް އަލީ ރިފްޝާން އާއި އެކްސްކޯގެ ބައެއް މެންބަރުން އަދި އެޑިޓާޒް ގިލްޑްގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ)ގެ އިތުރުން ބައެއް ނޫސްވެރިން މިއަދު ހެނދުނު 10ގައި ރައީސް އޮފީހަށް ގޮހެ އެވެ. މި ޕެޓިޝަންގެ ކޮޕީއެއް ބަންޑާރަނައިބުގެ އޮފީހަށް ވެސް ހުށަހަޅާފައިވެ އެވެ.

ނޫސްވެރިންގެ ޕެޓިޝަން އެމްޖޭއޭގެ ރައީސް ރިފްޝާން، ރައީސް އޮފީހުގެ މުވައްޒަފަކާ ހަވާލު ކުރައްވަނީ. (ފޮޓޯ/އެމްޖޭއޭ)

ތަފްސީލު - މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގައި، ނޫސްވެރިން ލިޔާ ލިޔުމެއްގެ މަސްދަރު ހާމަ ކުރެވޭ ގޮތަށް ފުޅާ ދާއިރާއެއްގައި ފުރުސަތު ދީފައި އޮތުމަކީ ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމެވެ.

އެ ޕެޓިޝަންގައި ނޫސްވެރިން ގޮވާލާފައި ވަނީ: 

  • ބިލް އިސްލާހުކުރަން، ރައީސް ސޯލިހު ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް އެ ބިލު ފޮނުވާލަން

  • މަޖިލީހުންނާއި އެޓާނީ ޖެނެރަލްގެ އޮފީހުން ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި ދެ ވަނަ ވިސްނުމަކަށް ގޮސް ބިލް އިސްލާހުކުރުން

  • މަސްދަރު ހާމަ ކުރާ ހާލަތުގައި ކަމެއް ސާބިތުވާން ޖެހެނީ މަދަނީ މިންގަނޑުން ކަމުގައި އޮތް އޮތުން ބަދަލުކޮށް "ނެސެސިޓީ" އަދި "ޕްރޮޕޯޝަނަލިޓީ"ގެ އުސޫލުތަކުގެ ތެރެއިން ކަންކަން ސާބިތުކުރަން ބިލުގައި ލާޒިމްކުރުމަށް

  • މަސްދަރު ހާމަ ކުރަން ކޯޓު އަމުރެއްގެ ދަށުން މަޖުބޫރު ކުރެވޭނެ އެއް ހާލަތް ކަމަށްވާ "ގައުމީ ސަލާމަތް" ބިލުން އުނިކުރުމަށް

  • މަސްދަރު ހާމަކުރަން މަޖުބޫރުވާ ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން ތަފްސީލުކޮށް ބަޔާންކުރުމުގެ ގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 7 ވަނަ މާއްދާ އަދި 12 ވަނަ މާއްދާގައި ބުނާ ކުށްތަކަށް އެކަނި މަސްދަރު ހާމަކުރެވޭ ގޮތަށް ބިލުގައި ހަނިކުރުމަށް

  • ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަކީ "އިމިނެންޓް ތްރެޓް" (ކުއްލި ބޮޑު ނުރައްކަލެއް) އޮތް ފަދަ ހާލަތެއްގައި އެކަނި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އޮތުން ކަމަށް ވާތީ، އެ ގޮތަށް ބިލު އިސްލާހުކުރުން 

  • ތުހުމަތު ކުރެވޭ ފަރާތްތަކަށް ވެސް މަސްދަރު ހާމަކުރަން އެދުމުގެ ފުރުސަތު އޮތް އޮތުން ބިލުން އުނިކުރުމަށް

  • "ނޫސްވެރިޔާ" މާނަކުރާ ގޮތް؛ "މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ނޫސްވެރިއެއްގެ ހައިސިއްޔަތުން" ލިބޭ މައުލޫމާތު މި ގޮތަށް ބަދަލު ކުރުމަށް 

  • މަސްދަރު މާނަކުރާ ގޮތް ފުޅާކޮށް "މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ގެންގުޅޭ ލިޔެކިޔުމާއި ނޯޓުތަކާއި ފޯން ކޯލާއި ޓެކްސްޓް މެސެޖާއި އެ ނޫން ވެސް މުއާމަލާތްތަކާއި އަރުޝީފް އަދި މި ނޫނަސް އެ އެއްޗެއް ބޭނުންކޮށްގެން މަސްދަރެއްގެ ހަގީގަތް ހޯދޭނެ ހުރިހާ އެއްޗެއް" ހިމެނޭ ގޮތަށް މާއްދާ ތަފްސީލްކުރަން

ތަސްދީގު ކުރިޔަސް ދުލެއް ނުދޭނަން: އެމްޖޭއޭ

ޕެޓިޝަން ރައީސް އޮފީހަށް ހުށަހެޅުއްވުމަށް ފަހު އެ އޮފީހުގެ ބޭރުގައި ހުންނަވައި ވާހަކަ ދައްކަވަމުން އެމްޖޭއޭގެ ރައީސް އަލީ ރިފްޝާން ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ނޫސްވެރިން އެ ޕެޓިޝަންގައި ސޮއިކުރުމުން މި މައްސަލައާ ގޮތުން، ނޫސްވެރިންގެ އޮތް ކަންބޮޑުވުން ވަރަށް ބޮޑަށް އެނގިގެން ދާ ކަމަށެވެ. 

"ނޫސްވެރިންގެ ކަންބޮޑުވުން އެ އޮތީ ސާފުކޮށް ފެންނަން. ރާއްޖޭގެ ނިސްބަތުން 158 އަކީ ވަރަށް ގިނަ ނޫސްވެރިން. އެހެން ވީމާ މިއީ ނޫސްވެރިންގެ އަޑު. އަޅުގަނޑުމެން އުންމީދު ކުރަނީ ރައީސް މި ޕެޓިޝަން ބައްލަވައި އަޅުގަނޑުމެން އެދުނު ގޮތަށް ތަސްދީގު ނުކޮށް އިސްލާހު ކުރުމަށް މަޖިލީހަށް ފޮނުއްވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގޮވާލުމަކީ، މަސްދަރު ހިމާޔަތް ކުރުމުގެ ހައްގަކީ ވަރަށް ހިފެހެއްޓިފައިވާ، ވަރަށް ނާދިރު ހާލަތެއްގައި  ހަނިކުރަން ޖެހޭ ކަމެކޭ ބުނެ ނޫސްވެރިން މި އަޑު އުފުލަނީ."

ޕެޓިޝަންގެ ކޮޕީއެއް ބަންޑާރަނައިބުގެ އޮފީހާ ހަވާލުކުރަނީ. (ފޮޓޯ/އެމްޖޭއޭ)

މި ބިލު ރައީސް ތަސްދީގުކުރައްވައިފި ނަމަ އެމްޖޭއޭ އިން ދެން އަމަލުކުރާނީ ކިހިނެއްތޯ 'ދައުރު' އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރިފްޝާން ވިދާޅުވީ "އަޅުގަނޑުމެން މި ތިބީ ދޫދޭ ގޮަތަކަށް ނޫން" ކަމަށާއި މި މައްސަލަ ހައްލު ކުރުމަށް އެ ޖަމިއްޔާ އިން ކުރެވެން އޮތް ކަމެއް ކުރާނެ ކަމަށެވެ.

ގުޅުންހުރި ކަމެއް - ޕެޓިޝަންގެ އިތުރުން ވެސް 'މަސްދަރު ހިމާޔަތް ކުރާނަން' ކެމްޕޭންގެ ދަށުން އެމްޖޭއޭ އިން ވަނީ ނޫސްވެރިންނާ ގުޅިގެން ލޮބީ ކުރުމަށް ކެމްޕެއިނެއް ވެސް ފަށާފަ އެވެ. އެ ކެމްޕެއިންގެ ދަށުން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ނޫސްވެރިން އިގްރާރެއްގައި ސޮއިކުރުން

  • ހެއްކާ ބެހޭ ބިލްގެ 136 ވަނަ މާއްދާއަށް އިސްލާހު ހުށަހެޅުމުގެ ބިލެއް އެމްޖޭއޭގެ ފަރާތުން ޑްރާފްޓް ކުރުން

ފަސް މަންޒަރު - ބިލު ފާސްކުރި ދުވަހު ނޫސްވެރިން ވަނީ، އެ ބިލު އެގޮތަށް އޮވެ ފާސް ނުކުރުމަށް ގޮވާލައި މަޖިލިސް ކުރިމަތީގައި ވެސް ހިމޭން އިހުތިތާޖެއް ކޮށްފަ އެވެ. އަދި އޭގެ ކުރިން އެމްޖޭއޭ އިން ވަނީ ބިލަށް ގެންނަން ބޭނުންވާ އިސްލާހުތައް ހިމެނޭ ހިޔާލު ކަރުދާހެއް ވެސް އެ ބިލު ދިރާސާކުރި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހަޅާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް