އެމްއެންޔޫ އާއި ވިލާ ކޮލެޖް ގުޅިގެން ބާ ކައުންސިލުން 'ދުސްތޫރީ ވައުދުތަކާއި ހަގީގަތްތައް'ގެ ނަމުގައި ބޭއްވި މަޝްވަރާ ސެޝަންގައި ޑރ. ޝަމްސުލް ފަލާހް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މަސްދަރު ހާމަކުރުމުގެ މާއްދާ ބާތިލް ކުރަން ކޯޓަށް ދެވިދާނެ: ޝަމްސުލް ފަލާހް

އޭނާ ވިދާޅުވީ، މަސްދަރު ހާމަކުރުން ލާޒިމްކުރެވޭ ގޮތަށް ހެއްކާ ބެހޭ ގާނޫނު ހަދާފައިވުމުން، އެކަމުން ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުގެ ރޫހު ނުފެންނަ ކަމަށާއި އެހެންކަމުން އެ ހާލަތުގައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅިދާނެ ކަމަށް.
7 އޯގަސްޓު 2024

ހެއްކާ ބެހޭ ގާނޫނުގައި، ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތް މާއްދާ ބާތިލްކުރަން ކޯޓަށް ދެވިދާނެ ކަމަށް ރާއްޖޭގެ ގާނޫނުއަސާސީ ދިރާސާކުރައްވާ ޝަރުއީ ދާއިރާގެ ތަޖުރިބާކާރު ޑރ. ޝަމްސުލް ފަލާހު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އޭނާ މިހެން ވިދާޅުވީ، ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި ވިލާ ކޮލެޖާއި ބާ ކައުންސިލް ގުޅިގެން ރޭ ބޭއްވި 'ދުސްތޫރީ ވައުދުތަކާއި ހަގީގަތްތައް' ސެޝަންގައި ކީނޯޓް ސްޕީކަރުގެ ގޮތުގައި ވާހަކަދެއްކެވުމަށް ފަހު، ސެޝަންގައި ބައިވެރިވި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ބުނީ ކީކޭ؟ - މީގެ ކުރިން ރައީސް އޮފީހުގެ ލީގަލް އެޑްވައިޒަރުގެ މަގާމު ފުރުއްވާފައިވާ ޝަމްސުލް ފަލާހު، އަމިއްލަ ހިޔާލު ފާޅުކުރައްވަމުން ވިދާޅުވީ، މަސްދަރު ހާމަކުރުން ލާޒިމްކުރެވޭ ގޮތަށް ހެއްކާ ބެހޭ ގާނޫނު ހަދާފައިވުމުން، އެއީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުގެ ރޫހު ކަމަށް ނުފެންނަ ކަމަށެވެ.

އެއާއެކު އޭނާ ފާހަގަކުރެއްވީ، މަސްދަރު ހާމަކުރުން މަޖުބޫރުވާ ގޮތަށް އެކުލަވާލާފައިވާ ގާނޫނާ ގުޅިގެން ދެން ކުރެވޭނެ ކަންކަން ވެސް ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ކަމެވެ.

"މިސާލަކަށް ސަރުކާރު ހިންގާ ފަރާތުން އެކަން އެހެން ނުކޮށްފިއްޔާ [ގާނޫނުއަސާސީއާ ހިލާފުވެއްޖެއްޔާ] އެ މާއްދާއާ ގުޅޭގޮތުން ކޯޓަށް ވެސް ދެވިދާނެ، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި. ގޮސް ބާތިލް ކުރަން އެދެވިދާނެ، އެއީ ގާނޫނުއަސާސީއާ ހިލާފު މާއްދާއެއް ކަމަށްވާ ނަަމަ،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިއްމު - ގާނޫނުއަސާސީގައި ހައްގުތައް ކަށަވަރުކޮށްދިނުމާ ބެހޭ 16 ވަނަ މާއްދާގައި ވާގޮތުން:

  • ހިޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމެނޭ ގޮތަށް ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް ހައްގެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ގާނޫނުއަސާސީއާ ތައާރުޒު ނުވާ ގޮތުގެ މަތިން މަޖިލީހުން ފާސްކުރާ ގާނޫނުތަކުން

  • އަދި ގާނޫނަކުން ވެސް އެ މިނިވަންކަން ހިފެހެއްޓޭނީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުއެއްގައި އެފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަށް

  • އެ ހައްގު ނުވަތަ މިނިވަންކަމުގެ އެއްވެސް މިންވަރެއް ހިފަހައްޓައިފި ނަމަ، އެކަން ކޮށްފައިވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކަށީގެންވާ މިންވަރަކަށްކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ނުވަތަ އެ މިނިވަންކަން ހިފެހެއްްޓި ފަރާތެއްގެ ޒިންމާއެއް

ފަސްމަންޒަރު - ބައެއް ހާލަތްތަކުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރަން ކޯޓުން ކަނޑައެޅޭނެ ގޮތަށް، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސް ކުރި ހެއްކާ ބެހޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 18 ޖުލައި 2022ގައި ތަސްދީގު ކުރެއްވީ ނޫސްވެރިން އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރަމުން ގެންދަނިކޮށެވެ.

  • އެ ގާނޫނަށް އަމަލު ކުރަން ފެށީ ޖެނުއަރީ 2023ގައި

  •  ކަންބޮޑުވުން ފާޅުކުރުމުން، އެ ގާނޫނަށް އެމްޑީޕީގެ ފަރާތުން މަސްދަރުގެ މާއްދާއަށް އިސްލާހުތަކެއް ހުށަހެޅި

  • ނަމަވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބިލުގެ މަސައްކަތް ނިންމައި ތަޅުމަށް ފޮނުވުމުން އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ ޕާޓީގެ މެންބަރުންގެ ވޯޓާ އެކު ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލީ

  • މި އަހަރުގެ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައި ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ނެރުނު ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ހަ ދަރަޖަ ފަހަތަށް ސޮއްސާލި މައިގަނޑު ސަބަބަކީ ވެސް ނޫސްވެރިންނަށް މަސްދަރު ހާމަ ކުރަން މަޖުބޫރުވެފައި އޮތުން

އެކަމާ މެދު މި ސަރުކާރުގައި ނޫސްވެރިން ފާޅުކުރަމުން ދިޔަ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް އޮފީހުން ބުނެފައިވަނީ، ނޫސްވެރިންނަށް ފަހިވާ ގޮތަށް ހެއްކާ ބެހޭ ބިލަށް އިސްލާހު ހުށަހަޅަން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވިސްނާ ކަމަށެވެ. މަޖިލީހުގައި 'ތާށިކޮށްލާފައިވާ' އެ އިސްލާހު އަވަސް ކުރުމަށް ރައީސް މުއިއްޒު މިދިޔަ ފެބްރުއަރީ މަހު ވެސް ގޮވާލައްވާފައިވެ އެވެ.

ނަމަވެސް، މިހާތަނަށް ހެއްކާ ބެހޭ ގާނޫނަށް މި ސަރުކާރުގައި އެއްވެސް އިސްލާހެއް ހުށަހަޅާފައެއް ނުވެ އެވެ. އަދި ނިމިދިޔަ 19 ވަނަ މަޖިލީހުގައި އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ އެއްވެސް މަސައްކަތެއް ވެސް މިހާތަނަށް އާ މަޖިލީހުން ކޮށްފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް