ހެއްކާ ބެހޭ ގާނޫނާ ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތައް އެމްޖޭއޭގެ ފަރާތުން ރައީސް ސޯލިހާ ހިއްސާކުރަން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

އެމްޖޭއޭ

މަސްދަރު ހާމަކުރަން ޖެހޭ ގާނޫނާ ގުޅޭ ގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފި

ރައީސް ސޯލިހު ވިދާޅުވީ ގައުމީ ސަލާމަތާއި ގުޅުންހުރި ކުށްތައް އެ ގާނޫނުގައި ސާފުކޮށް ބަޔާންކޮށް، ގާނޫނު އިސްލާހުކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަަމަށް

ނޫސްވެރިން ލިޔާ ލިޔުމެއްގެ މަސްދަރު ހާމަ ކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލުގައި ފުޅާ ދާއިރާއެއްގައި ކަނޑައަޅާފައި އޮތުމާ ގުޅޭ ގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ހިއްސާކޮށްފި އެވެ.

މައްސަލައިގެ ފެށުން - ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލާ ގުޅިގެން ނޫސްވެރިން ކަންބޮޑުުން ފާޅުކުރަމުން ދަނިކޮށް، ރައީސް ސޯލިހް ވަނީ އެ ގާނޫނު ތަސްދީގު ކުރައްވައިފަ އެވެ.

މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން އެ ގާނޫނުގެ ދަށުން މަޖުބޫރު ކުރެވިދާނެ އެވެ. އެގޮތުން ޓެރަރިޒަމްގެ މައްސަލަތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލަތަކުގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށް އެ ގާނޫނުގައި އޮވެ އެވެ.

އެނގުން މުހިންމު - ރައީސް އެ ގާނޫނު ތަސްދީގު ކުރެއްވުމާ ގުޅިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 10 ޖަމިއްޔާއަކުން ވަަނީ އެ ގާނޫނަށް ފާޑުކިޔައި އެކަމާ ގުޅޭ ގޮތުން ފާޑުކިޔާފަ އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ސޯލިހު ވަނީ އެމްޖޭއޭގެ މެމްބަރުންނާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ރައީސް ސޯލިހާ އެކު ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ރައީސް އޮފީހުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ތަފްސީލު - އެ ބައްދަލުވުމުގައި، ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިން ކަންބޮޑުވާ ކަމެއްގެ ގޮތުގައި އެމްޖޭއޭ އިން ފާހަގަކުރި އެއް ކަމަކީ މަސްދަރު ހާމަކުރުމާ ގުޅޭ ގޮތުން ގައުމީ ސަލާމަތާއި ޓެރަރިޒަމް މާނަކޮށްފައިވާ ގޮތްތަކާ މެދު ހުރި ކަންބޮޑުވުންތަކެވެ.

އޭގެ އިތުރަށް އެމްޖޭއޭ އިން ވަނީ މަސްދަރު ހާމަކުރުމާ ގުޅޭ ގޮތުން ގާނޫނަށް ބައެއް އިސްލާހުތައް ގެނައުމަށް ނޫސްވެރިން ބޭނުންވާކަން ރައީސް އަރިހުގައި ދަންނަވާފަ އެވެ.

ބުނީ ކީކޭ؟ - އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ، ސަރުކާރުން ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް މާއްދާއެއް ހިމެނި ސަބަބާއި އެކަމުގެ ބޭނުން ސާފުކޮށްދެއްވާފަ އެވެ. އެގޮތުން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި މައިގަނޑު ކަންތައްތަކަކީ:

  • މި ސަރުކާރުން މީޑިއާގެ މިނިވަންކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަަމަށް ހުރަހެއް ކުރިމަތި ނުކުރުވާނެކަން

  • ސަރުކާރުން މަސައްކަތް ކުރަމުންދަނީ ގައުމުގައި ހަމަޖެހުން ގާއިމުކޮށް ހުރިހާ ފަރާތްތަކަށް ވެސް ރައްކާތެރިކަން ހޯދައިދިނުމަށް

  • ހެއްކާ ބެހޭ ގާނޫނުގެ ދަށުން މަސްދަރު ހާމަކުރަން ޖެހޭ ހާލަތްތަކުގެ ތެރޭގައި ހިމެނޭ، ގައުމީ ސަލާމަތާއި ގުޅުންހުރި ކުށްތައް ގާނޫނުގައި ސާފުކޮށް ބަޔާންކޮށް، ގާނޫނު އިސްލާހުކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަަމަށް ވިދާޅުވި

އޭގެ އިތުރުން، ރައީސް ސޯލިހު ވިދާޅުވީ މިހާރު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ މީޑިއާގެ ބިލާ ގުޅޭ ގޮތުން ވެސް ނޫސްވެރިންގެ ހިޔާލާއި މަޝްވަރާ ސަރުކާރުން ހޯއްދަވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް