ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބިލެއް ތަސްދީގު ކުރައްވަނީ؛ މިދިޔަ ޖުލައި މަހު އެމަނިކުފާނު ތަސްދީގު ކުރެއްވި ހެއްކާ ބެހޭ ބިލަށް އަމަލު ކުރަން ވަނީ ފަށާފައި (ފޮޓޯ/ރައީސް އޮފީސް)

މީޑިއާ

މަސްދަރު ހާމަ ކުރަން މަޖުބޫރުކުރާ ހެއްކާ ބެހޭ ގާނޫނަށް އަމަލު ކުރަން ފަށައިފި

ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރި މި ބިލު ރައީސް ތަސްދީގުކޮށްފައި ވަނީ، މިދިޔަ ޖުލައި މަހު 18ގައި

ނޫސްވެރިންނަށް މަސްދަރު ހާމަ ކުރަން ޖެހޭ ގޮތަށް މަޖުބޫރު ކުރާ ހެއްކާ ބެހޭ ގާނޫނަށް މިއަދު އަމަލު ކުރަން ފަށައިފި އެވެ.

މައްސަލައިގެ ފެށުން - ބައެއް ހާލަތްތަކުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރަން ކޯޓުން ކަނޑައެޅޭނެ ގޮތަށް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސް ކުރި ހެއްކާ ބެހޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައި ވަނީ މިދިޔަ ޖުލައި މަހު 18ގަ އެވެ. އެގޮތުން:

  • މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވޭ 

  • ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމުގައި މަސްދަރު ހާމަ ކުރަން ކޯޓު އަމުރެއްގެ ދަށުން އެންގިދާނެ ކަމަށް އޮވޭ 

  • ނޫސްވެރިން އޭރު ފާޅުކުރި މައިގަނޑު ކަންބޮޑުވުމަކީ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ހާލަތްތައް ސަރީހަކޮށް މާނަ ކޮށްފައި ނެތުމުން އެ ހާލަތްތައް ފުޅާކޮށް މާނަކޮށްގެން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާފާނެތީ

ތަފްސީލު - އެ ގާނޫނުގައިވާ ގޮތުން، އެ ގާނޫނަށް އަމަލު ކުރަން ފަށަން އޮތީ ގާނޫނު ތަސްދީގު ކުރާތާ ހަ މަސް ދުވަސް ފަހުންނެވެ. އެ މުއްދަތު ހަމަވީ މިއަދަށެވެ. އެހެން ކަމުން، މިއަދުން ފެށިގެން ނޫސްވެރިންނަށް ބައެއް ހާލަތްތަކުގައި މަސްދަރު ހާމަ ކުރުން މަޖުބޫރު ވާނެ އެވެ.

މަސްދަރު ހާމަކުރަންޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި 30 ޖޫން 2022 ވަނަ ދުވަހު އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މި ބިލު ތަސްދީގުކޮށްފައި ވަނީވެސް، ބިލު ތަސްދީގު ނުކޮށް އިސްލާހުކުރުަން އަނބުރާ މަޖިލިހަށް ފޮނުވާލުމަށް ނޫސްވެރިންގެ ޖަމްއިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އާއި އެހެން ޖަމްއިއްޔާތަކުން ގޮވާލާފައި ވަނިކޮށެވެ. އެ ގާނޫނު ތަސްދީގު ކުރުމާއެކުވެސް އޭރު ބައިނަލްއަގުވާމީ ޖަމިއްޔާތަކުންވެސް ނުރުހުން ފާޅުކޮށްފައިވެ އެވެ.

މި ގާނޫނުގައި ހިމެނޭ އެހެން ބައެއް ކަންކަމަކީ:

  • މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކި ބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ވަޒަންކުރުމުގައި ތަބާވާން ޖެހޭ އުސޫލުތައް ބަޔާން ކޮށްފައިވޭ 

  • ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫން ވެސް ހެއްކާބެހޭ އާއްމު އުސޫލުތައް ކަނޑައަޅާފައިވޭ

ގުޅުން ހުރި - މަސްދަރު ހާމަ ކުރަން ޖޭހޭ މާއްދާތައް ހުރި ގޮތުން ނޫސްވެރިންގެ ކަންބޮޑުވުން ހުރުމުން، މި ގާނޫނުުގެ އެ ބައި އިސްލާހު ކުރުމަށް އަލުން، މަޖިލީހަށް ބިލެއް ވަނީ ހުށަހަޅާފަ އެވެ. އެ ބިލާ މެދުވެސް ނޫސްވެރިންގެ ޖަމްއިއްޔާ، އެމްޖޭއޭ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް