އެމްޖޭއޭ އަދި އެޑީޓާސް ގިލްޑުން މީގެ ކުރިން ބަންޑާރަނައިބު އޮފީހާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ އެމްޖޭއޭ)
މަސްދަރު ބިލް އާ ޑްރާފްޓާ މެދުވެސް އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކޮށްފި
މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަނިކޮށް ފާސްކޮށް ތަސްދީގުކޮށްފައިވާ ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރަން، ބަންޑާރަނައިބު އޮފީހުން މިހާރު ހަދާފައިވާ ޑްރާފްޓާ މެދު ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ކަންބޮޑުވުން ފާޅުކޮށް، ބިލުގައި ހިމެނޭ "ގައުމީ ސަލާމަތް" ލަފްޒު އުނިކޮށް ދިނުމަށް މިއަދު އެދެފި އެވެ.
މައްސަލައިގެ ފެށުން - ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހެއްކާ ބެހޭ ބިލު މަޖިލީހުން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 18 ޖުލައިގައި ތަސްދީގު ކުރެއްވި އިރު، ނޫސްވެރިން ދިޔައީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ގާނޫނުގައިވާ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ގާނޫނު އަލުން އިސްލާހު ކުރަން ރައީސް ސޯލިހް ވަނީ ނިންމަވާފަ އެވެ.
ވީ ކިހިނެއް؟ - މި މަސައްކަތުގެ ތެރެއިން، އެމްޖޭއޭ އާއި އެޑިޓާޒް ގިލްޑާ މަޝްވަރާކުރުމަށް ފަހު މިހާރު އާ ޑްރާފްޓެއް ތައްޔާރުކޮށް، ބަންޑާރަނައިބުގެ އޮފީހުން ވަނީ އެ ބިލް އެމްޖޭއޭއާ ހިއްސާކޮށްފަ އެވެ. އިއްޔެ އެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ، މި ހަފްތާ ތެރޭ ބިލު މަޖިލީހަށް ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ނަމަވެސް މިއަދު އެމްޖޭއިން ވަނީ، ޑްރާފްޓްކޮށްފައިވާ ބިލްގައި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށް އެކަންކަން އިސްލާހުކޮށް ދިނުމަށް އެދި ބަންޑާރަ ނައިބުގެ އޮފީހަށް ސިޓީއެއް ފޮނުވާފަ އެވެ. އަދި އެ ޖަމިއްޔާގެ ހުރި ކަންބޮޑުވުންތައް ވަނީ ހާމަކޮށްފަ އެވެ.
ތަފްސީލު - އެމްޖޭއޭގެ ބަޔާނުގައި ބުނީ، އޭޖީ އޮފީހުން މިހާރު އެކުލަވާލާފައިވާ ޑްރާފްޓްގައި ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި ގިނަ ކަންކަމަަށް ހައްލު ލިބޭ ގޮތަށް ބިލު ފަރުމާކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އެ ބިލާ ގުޅޭ ގޮތުން ބައެއް ކަންބޮޑުވުންތައް ހުރުމުން އެކަން އިސްލާހު ކުރުމަށް އެދޭ ކަމަށް ވެސް ބުނެފައިވެ އެވެ.
މިހާރު އެކުލަވާލާފައިވާ ޑްރާފްޓްގައި ހުރި ކަންބޮޑުވުންތަކަކީ:
-
ގައުމީ ސަލާމަތުގެ ކުށް މާނަކުރާ ގާނޫނެއް މިވަގުތު ރާއްޖޭގައި ނެތަތީ ގައުމީ ސަލާމަތް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އޮތުމުން ގައުމީ ސަލާމަތް ހިމަނައިގެން ގާނޫނު އިސްލާހު ކުރަން އެ ޖަމްއިއްޔާއިން ދެކޮޅު
-
މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ވެސް ނޫސްވެރިޔާއަށް މަސްދަރު ހާމަކުރަން އިދާރާތަކަށް މަޖުބޫރު ކުރުވޭ ފަދަ މާއްދާއެއް ހިމަނާފައިވުން
އެމްޖޭއޭއިން ވަނީ މި މައްސަލައިގައި ބަންޑާރަނައިބު އޮފީހަށް ފޮނުވި ސިޓީވެސް އާންމުކޮށްފަ އެވެ. އެ ސިޓީގައިވާ ގޮތުން، އެ އޮފީހުން މިހާރު އެކުލަވާލާފައިވާ ބިލުގައި "ގައުމީ ސަލާމަތް" އޮތީ ފުޅާ ދާއިރާއެއްގައި މާނަކޮށް، އޭގެ ބޭނުން ނުހަމަ ގޮތުގައި ނެނގޭ ގޮތަށެވެ.
"ޖަމްއިއްޔާއިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވަކާލާތު ކުރީ މަސްދަރުހާމަކުރަންޖެހޭނީ "އިމިނެންޓް ތްރެޓެއް" ބަޔަކަށް ނުވަތަ ތަނަކަށް ނުވަތަ މީހެއްގެ ފުރާނަޔަށް ކުއްލި ނުރައްކަލެއް ނުވަތަ ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ފަދަ ހާލަތެއްގައި އެކަނި ކަމަށެވެ." އެ ސިޓީގައި ބުނެފައިވެ އެވެ.
އެ ސިޓީގައި އިތުރަށް ބުނީ:
-
ޓެރަރިޒަމްގެ ގާނޫނުގައި ބަޔާން ކުރާ ކުށްތަކުގައި މަސްދަރު ހާމަކުރަން ލާޒިމް ކުރެވޭނޭ ގޮތަށް އެ މާއްދާ އޮތުމުން ގައުމީ ސަލާމަތަށް ނުރައްކާވާނޭ ފަދަ ހާލަތްތައް އޭގެ ތެރޭގައި ޝާމިލްވޭ
-
އެހެންކަމުން ގައުމީ ސަލާމަތުގެ ލަފްޒް ބޭނުން ނުކުރި ނަމަވެސް އެ ހާލަތުގައި އޭގެ މަގުސަދު ހާސިލްވާކަމުގައި ދެކެން
-
މަސްދަރު ހާމަކުރުމަށް އެދެވޭނީ ހައި ކޯޓްގައި ޕްރޮސިކިއުޓާ ޖެނެރަލަށް އެކަނި ކަމަށް ބިލުގައި ހިމަނާފައި ވުމާއި ޓެރަރިޒަމްގެ ގާނޫނާ ހަވާލާދީފައިވުން އަދި އަމުރުނެރުމުގައި ފަނޑިޔާރުން ރިއާޔަތް ކުރަން ޖެހޭ ކަންކަން އިސްލާހުކޮށްފައިވުމަކީ ރަނގަޅު ބަދަލުތަކުގެ ގޮތުގައި ފާހަގަކޮށްފައިވޭ
އިތުރަށް ކިޔާލަން - ނޫސްވެރިކަމަށް ގޮންޖެހުން ބޮޑު ބިލް ރައީސް ތަސްދީގުކުރައްވައިފި